މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާބެހޭ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ހެއްކާ ބެހޭ ބިލް ތަސްދީގު ކުރެއްވުމާއެކު ހެއްކާ ބެހޭ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މީގެ ކުރިން އޮތް ހެއްކާ ބެހޭ ގާނޫނާއި އަންހެނުންގެ ހެކި ބަހުގެ ގާނޫނު އުވިގެން ދާނެއެވެ.

ހެއްކާ ބެހޭ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. އެ ބިލު ދިރާސާ ކޮށްފައިވަނީ ޖުޑިޝަރީ ކޮމިޓީންނެވެ.

ޖުޑިޝަރީ ކޮމިިޓީން އެ ބިލު ދިރާސާކުރުމަށް ފަހު ހުށަހެޅި ރިޕޯޓަށް 15 އިސްލާހެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފައިވެއެވެ. އަދި އެ އިސްލާހުތަކާއެކު މަޖިލީހުން މިދިޔަ މަހުގެ 30ގައި އެ ބިލު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

އެ ބިލާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މަސްދަރުގެ މައުލޫމާތު އާންމުކުރުމުން އެ މީހަކާއި އަދި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޖޭއޭ އަދި އެމްއެމްސީން ބުނެފައި ވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހާދަތަކުގައި ހިޔާލުފާޅުކުރުމުގެ އަސާސީ ސިފައިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނޫސްވެރިންގެ މަސްދަރު ނުވަތަ މައުލޫމާތު ދޭ މީހާ ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވުން ކަމަށެވެ.

ބިިލުގެ 136 ވަނަ މާއްދާގައި ވަނީ ނޫސްވެރިން ޚަބަރު ލިޔުމަށް މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ބަޔާން ކޮށްފައެވެ.

އެ މާއްދާގެ (ހ) ގައިވާގޮތުން ނޫޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މަޢުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވަޢުދެއް ނުވަތަ ދީފައިވާ ޔަޤީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ އެ މަޢުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީ އަކަށް ވެދާނެ އެއްވެސް މަޢުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެންނުވާނެއެވެ.

ބިލުގައި އެހެން އޮތް ނަމަވެސް ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދަޢުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ޙާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީޢަތުން އަމުރުކުރެވިދާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވެއެވެ.

އެ އިސްލާހު ހުށަހެޅީ ނޫސްވެރިންގެ މަސްދަރު ހާމަކުރެވޭނެ އިސްތިސްނާ ޙާލަތެއް ކަނޑައަޅާފައިވާ އެ މާއްދާއާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި އެމްއެމްސީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީއާ ހިއްސާކުރުމުން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މިނިވަން ދިމިގްރާތީ
މުޖުތަމައުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް