ޔުކްރެއިނުން ކްރައިމިޔާއަށް ހަމަލާދީފިނަމަ ވޭންދެނިވި ރައްދެއް ދޭނަން: ރަޝިއާ

ޑިމިޓްރީ މިޑްވެޑޭވް

މޮސްކޯ (18 ޖުލައި 2022): ރަޝިއާގެ އަތްދަށުގައިވާ ކްރައިމިޔާ ސަރަހައްދަށް ހަމަލާދޭނެކަމަށް ބުނެ ޔުކްރޭނުން ދެމުން ގެންދާ އިންޒާރުތަކަށް ރަޝިއާ ރައްދު ދީފިއެވެ.

ރަޝިއާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބު ރައީސް އަދި ރަޝިއާގެ ކުރީގެ ރައީސެއް ކަމަށްވާ ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވީ ޔުކްރެއިނުން ކްރައިމިޔާގެ އެއްވެސް ތަނަކަށް ހަމަލާދީފިނަމަ ޔުކްރެއިންއަށް މިހާތަނަށް ނުދޭވަރުގެ ވޭންދެނިވި ހަމަލާތަކެއް ދޭނެކަމުގައެވެ.

ޔުކްރެއިންގެ ދެކުނުގައި ކަޅުކަނޑަށް އައްސޭރިވާގޮތަށް އޮންނަ ކްރައިމިޔާއަކީ އެންމެ ކުރިން ރަޝިއާގެ ސަރަހައްދެކެވެ. އެސަރަހައްދު ޔުކްރެއިންގެ ތަނެއްގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ޔުކްރެއިންއާއި ރަޝިއާ އިއްތިޙާދީ އެއްދައުލަތެއްގެ ގޮތުގައި އޮތްއިރެވެ.

ނަވާރަސަތޭކަ ނުވަދިހައެކެއްގައި ސޮވިއެޓް ޔުނިޔަން ރޫޅި ރަޝިއާއާއި ޔުކްރެއިން މިނިވަން ދެގައުމުކަމަށް އިއުލާނުކުރިއިރު ކްރައިމިޔާ އޮތީ ޔުކްރެއިންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް ޔުކްރެއިންގައި އުޅޭ ހުޅަނގަށް ސަޕޯޓްކުރާ އެކްޓިވިސްޓުން މަގުތަކަށް ނުކުމެ މަދަނީ އިންގިލާބެއްގައި ޔުކްރެއިންގައި އޮތް ރަޝިއާއަށް ތާއީދުކުރާ ސަރުކާރު 2014ގައި ވައްޓާލައި ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް ގާއިމްކުރުމާ ގުޅިގެން ރަޝިއާވަނީ ރުޅިއައިސް ކްރައިމިޔާއަށް ރަޝިއާ ސިފައިން ފޮނުވައި ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ކްރައިމިޔާ ގެންގޮސްފައެވެ.

ކްރައިމިޔާ ސަރަހައްދު

އެއަށްފަހު ރަޝިއާއިން ކްރައިމިޔާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. ކްރައިމިޔާގެ އާބާދީގެ ބޮޑު އަޣްލަބިއްޔަތަކީ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ. އެއީ ކުރިން ރަޝިއާގެ ސަރަހައްދަކަށްވާތީއެވެ. އެހެންކަމުން ފެންނަ ނުފެންނަ މި ވޯޓުގައި ގިނަ ބަޔަކު ވޯޓު ދީފައިވަނީ ކްރައިމިޔާ ރަޝިއާއާ ގުޅި ރަޝިއާގެ ބައެއްގެ ގޮތުގައި އޮތުމަށެވެ. މިއާއެކު އެސަރަހައްދުވަނީ ރަޝިއާ އަލުން ގުޅި ރަޝިއާގެ ސަރަހައްދަކަށް ވެފައެވެ.

ނަމަވެސް ޔުކްރެއިންއާއި ޔުކްރެއިންއަށް މަދަދުދޭ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް މިކަން ގަބޫލެއް ނުކުރެއެވެ. ރަޝިއާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމަކަށްވާތީ އދ.ގެ ސަލާމަތީ މަޖިލީހުން މިކަމާ ދެކޮޅަށް ގަރާރެއް ފާސްކޮށްފައެއް ނުވެއެވެ.

ޔުކްރެއިންގެ އަސްކަރީ ޖާސޫސީ އިދާރާގެ ތަރުޖަމާނު ފާދިމް ސެކިބިތްސްކީ އިއްޔެވަނީ އެމެރިކާއިން ޔުކްރެއިންއަށް ދީފައިވާ "ހައިމާސް" މަރުކާގެ މިސައިލް ބޭނުންކޮށްގެން ކްރައިމިޔާގައިވާ ރަޝިއާގެ މަރުކަޒުތަކަށް ހަމަލާދޭން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. "ހައިމާސް" މަރުކާގެ މިސައިލް ބޭނުންކޮށްގެން ޔުކްރެއިންގެ ސިފައިން ގެންދަނީ ޔުކްރެއިންގައި ހަނގުރާމަކުރާ ރަޝިއާގެ ލަޝްކަރުތަކަށް ހަމަލާދެމުންނެވެ. މިހަމަލާތައް ކާމިޔާބުކަމާއި މިހަމަލާތަކުން ރަޝިއާގެ ލަޝްކަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ޔުކްރެއިންގެ މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.

ޔުކްރެއިންގެ ހަނގުރާމައަށް ހަތަރު މަސް ބައި ވެފައިވާއިރު ރަޝިއާވަނީ ހަނގުރާމައިގާ ބޮޑެތި ކާމިޔާބީތަކެއް ހޯދައި ޔުކްރެއިންގެ އެތައް ސަރަހައްދެއް ހިފާފައެވެ. ރަޝިއާ ހިފި ޔުކްރެއިންގެ ސަރަހައްދުތަކުގެ ތެރޭގައި ރަޝިއާއާ އިންވެގެން އޮންނަ ޔުކްރެއިންގެ ދުންބާސް ސަރަހައްދުގެ ގާތްގަނޑަކަށް 90 އިންސައްތައާއި ޔުކްރެއިންގެ ދެކުނުގެ ބޮޑެތި ސިޓީތައް ހިމެނެއެވެ. މީގެތެރޭގައި ޚެރްސޮން، މެރިއަޕޯލް، މެލިޓިޕޯލް ހިމެނެއެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އަދި އަސްކަރީ އެހީއާއެކު ޔުކްރެއިން ސިފައިންވެސް ރަޝިއާއާ ދެކޮޅަށް ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދެއެވެ. ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތައް ދެމުން ގެންދެއެވެ.

ރަޝިއާ ގެންދަނީ ނޭޓޯއިން ޔުކްރެއިންއަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތަކަށްވެސް ހަމަލާދީ އެތަކެތި ހަލާކު ކުރަމުންނެވެ. އަދި ހަނގުރާމައިގެ ޣަނީމާގެ ގޮތުގައި އެމެރިކާގެ ގިނަ އަދަދެއްގެ ހަތިޔާރުވެސް ރަޝިއާ ސިފައިންނާއި ދުންބާސްގައި ހަނގުރާމަކުރާ ރަޝިއާ ދަރިކޮޅުގެ ޔުކްރެއިންގެ ހަނގުރާމަވެރިންވަނީ އަތުލައިގެންފައެވެ. މިކަމާ އެމެރިކާވަނީ ކަންބޮޑުވެފައެވެ. އެއީ އެމެރިކާގެ ހަތިޔާރުގެ ޓެކްނޮލޮޖީ ޔުކްރެއިން ހަނގުރާމައިގެ ތެރެެއިން ރަޝިއާއަށް ލިބެމުންދާތީއެވެ.

comment ކޮމެންޓް