ވިނަރެސް ފްލެޓް ގަތުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

ވިނަރެސް ފުލެޓެއްގެ އެތެރެ --- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވިނަރެސް ފްލެޓަށް އެދޭ އޮންލައިން ޕޯޓަލްއަށް ލޮގިން ކުރެވޭނީ އީ ފާސް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ. އަދި ފޯމު ހުށަހެޅޭނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށްކަން ފާހަގަކޮށްފައިވެއެވެ.

ފްލެޓުތައް ގަތުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ފްލެޓުތައް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ އުސޫލުތަކާއި އޭގެ ތަފްސީލުތައް އެޗްޑީސީން މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ބަލާނެ އާންމު އުސޫލުތަކުގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ ރައްވެއްސަކަށް ވުން ހިމެނެއެވެ.

ނަމަވެސް މާލޭގައި ރަޖިސްޓްރީ ނުވެ، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށާއި މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވި ނަމަވެސް، ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވިނަރެސްއިން 100 ފްލެޓު ހާއްސަކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް ފުލެޓުތަކަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކިޔާ ކުންފުންޏަކާ އަޅަން ހަވާލުކުރި ފުލެޓުތަކަކެވެ.

ވިނަރެސްގައި 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.

މިދިޔަ މަހުގެ 20ގައި އެޗްޑީސީން ވަނީ ވިނަރެސްގެ ދެ ޓަވަރަކާ ރަސްމީކޮށް ހަވާލުވެފައެވެ.

comment ކޮމެންޓް