މަޖިލިސް ހުޅުވުމުގެ ކުރިން ޖީއެސްޓީ ބޮޑުކުރުމުގެ ބިލް ހުށަހަޅަނީ

ރައީސް ސާލިހް އަދި ފިނޭންސް މިނިސްޓަރު އަމީރު: މަޖިލިސް ހުޅުވުމުގެ ކުރިން ޖީއެސްޓީ ބޮޑުކުރުމުގެ ބިލް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީއާއި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީ ބޮޑުކުރުމުގެ ބިލް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލުމަށް އެ ކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތަކާއެކު ވަނީ މަޝްވަރާތަކެއް ފަށާފައެވެ. އެ ބައްދަލުވުންތަކުގައި ވަނީ ޖީއެސްޓީ ބޮޑު ކުރުމުގެ މަޝްވަރާތަކެއް ވެސް ފަށާފައެވެ.

އެ ބައްދަލުވުން ތަކުގައި މަޝްވަރާކުރީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ފަސެންޓަށް ބޮޑުކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ސަރުކާރުން މަޝްވަރާ ކުރީ ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭ އެ ބަދަލު ގެނައުމަށެވެ.

އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ, ޖީއެސްޓީ ބޮޑު ކުރުމުގެ ބިލް އަންނަ ދައުރުގެ މަޖިލިސް ފެށުމުގެ ކުރިން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.

މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން، ކަމާބެހޭ އެކި ފަރާތްތަކާއެކު މަޝްވަރާތައް ފެށުމާއެކު އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދަރަނި ރިސްޓްރަކްޗާކޮށްފަ ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރަން ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީއަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއެވެ. އެ ޓެކްސްތައް ބޮޑުކޮށްފިނަމަ ތަކެތީގެ އަގުތަކަށާއި ޚިދުމަތްތުގެ އަގު ބޮޑުވާނެއެވެ.

comment ކޮމެންޓް