ސިހުރު ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ހިއްތަލަ ގަހެއް އާސަހަރާއިން ފެނިއްޖެ

އާސަހަރާއިން ފެނުނު ސިހުރު ލިޔެފައިވާ ހިއްތަލަ ގަސް ---

އާސަހަރާ ސާފުކުރުމުގެ ތެރޭގައި ސިހުރު ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ހިއްތަލަ ގަހެއް ފެނިއްޖެއެވެ.

އެ މިސްކިތުގެ ޖަމާއަަތްތެރިއެއް ކަމަށްވާ އަޙުމަދު މުނައްވަރު މުޙައްމަދު މިއަދު "ސަން"އަށް ބުނީ ހިއްތަލަ ގަސް ފެނިފައިވަނީ އިއްޔެ އާސަހަރާ ސާފުކުރަމުން ދަނިކޮށް މަހާނައެއްގެ މަތީގައި އިންދާފައި ހުއްޓާ ކަމަށެވެ.

"އެއީ އިއްޔެ ހެނދުނު ސާފުކުރަން އުޅެނިކޮށް މާހަނައެއްގެ މަތީގައި އިންދާފައި އިންދާ ފެނުން ގަހެއް. ބަލާބެލުމަށް ހީވަނީ މީހަކު ވަޅުލާފައިވާ އެއްޗެއްހެން،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ގަހުގައި އަރަބި ބަހުން ލިޔެފައިވާ ކަމަށާއި ބޮޑަށް ބެލެވެނީ އެއީ ސިހުރުގެ ކަމެއް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ސަހަރާ ސާފު ކުރުމުގެ މަސައްކަތް ކުރަނިކޮށް ސިހުރު ހަދާފައި ހުރި ކަމަށް ބެލެވޭ މާޅޮސްކެޔޮވަކެއްވެސް ވަނީ ފެނިފައެވެ.

އެ ދުވަހު ހުޅުމާލޭ ސަހަރާ ސާފު ކުރީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ. އެ މުވައްޒަފުންނަށް މާޅޮސްކެޔޮވައް ފެނުނީ މީހުން ވަޅުޅާ ސަރަހައްދުގެ ވިނަގަނޑުމަތީގައި ބާއްވާފައި އޮއްވައެވެ.

މި މަސައްކަތުގައި އުޅުނު ސިޓީ ކައުންސިލްގެ މުވަޒަފެއް ކަމަށްވާ، ހަސަން ލުތުފީ "ސަން"އަށް ބުނީ ސިހުރެއް ކަމަށް ބެލެވޭ އެ މާޅޮސްކެޔޮވަކުގެ ތޮށިގަނޑުގައި އަރަބި ބަހުން ލިޔެފައިވާ ލިޔުންތަކެއް ހުރި ކަމަށާއި ނަމަވެސް އެއީ ކިޔަން އެނގޭ ގޮތަކަށް ލިޔެފައިވާ އަކުރުތަކެއް ނޫން ކަމަށެވެ.

ލުތުފީ ބުނީ ސަހަރާ ތެރެއިން ފެނުނު އެ މާޅޮސްކެޔޮވަކަކީ ސިހުރެއް ކަމަށް ބެލެވުނު ނަމަވެސް ފުލުހުންނާ ހަވާލު ކުރުމުގެ ބަދަލުގައި ކުނިތަކުގެ ތެރޭގައި އެއްލައިލީ ކަމަށެވެ.

ދީނުންބޭރުވެ، ފައިސާގެ ބޭނުމުގައްޔާއި ސިޔާސީ ނުވަތަ ދުނިޔަވީ ބޭނުމެއްގައި ކުރާ ސިހުރުހާހުރައިގެ ކަންތަކުގެ ބިރު ރާއްޖޭގައި މިއަދު މިވަނީ އާންމުވެފައެވެ.

comment ކޮމެންޓް