ފަޅު ރަށެއްގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ

ބ.އޭދަފުށި -- ފޮޓޯ: އީޓީ

ބ. އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރަމާރީއެއްގައި ވަޅި ހަރައި ޒަޚަމްކޮށްލި މީހާއަށް އެ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އުނޑޫދޫގައި ތިބި ދެ ބިދޭސީން މާރަމާރީ ހިންގައި، އެކެއްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ވަޅި ހަރައިފައެވެ.

އެ މަރާމަރީގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ 45 އަހަރުގެ ރައްޔިތަކަށެވެ.

އޭނާއަށް ފަރުވާދެމުން އަންނަ ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓާ އަހުމަދު ވަހީދު "ސަން"އަށް ވިދާޅުވީ ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ.

"އަދިވެސް އެބަހުރި ބަލަން ޖެހޭ ކަންކަން. މިކޮޅުގަ އޮޕަރޭޝަންކޮށް އަދި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ރިފާކޮށްފަ އިނީ. އަދިވެސް ހާލު ސީރިއަސް،" އޭނާ ވިދާޅުވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ އޭނާ މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ނަމަވެސް އެކި ސަބަބުތަކާހުރެ އަދި އޭނާ މާލެ ފޮނުވޭވަރު ނުވާކަމަށެވެ.

ފަރުވާދެމުން އަންނަ މީހާގެ ބޮލަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު އަތުގެ ދެ ތަނެއްގައި ވަނީ ރެނދުވެސްލާފައެވެ.

އެ މާރާމާރީ ހިންގި ސަބަބެއް އަދި ސާފުނުވާއިރު ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މާރަމާރީ ހިންގި ދުވަހު ފުލުހުން ވަނީ ވަޅި ހެރި އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހާ ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް