އިސްރާއީލުގެ މަތިންދާބޯޓުތަކަށް ސަޢޫދީގެ ވައިގެ ސަރަޙައްދު ހުޅުވާލުމުން އެމެރިކާއިން މަރުހަބާ ކިޔައިފި

ޖިއްދާ (16 ޖުލައި 2022) : އިސްރާއީލުގެ މަތިންދާބޯޓުތަކަށް ސަޢޫދީގެ ވައިގެ ސަރަޙައްދު ހުޅުވާލުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މެދުއިރުމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސައޫދީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ މިއީ ސައޫދީން އެޅި ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށާއި އަރަބި ގައުމުތައް އިސްރާއީލު އެކަހެރި ކޮށްގެން އުޅެންޖެހޭ ސަބަބެެއް ނެތްކަމަށެވެ.

އަރަބިންނާއި އިސްރާއީލަކީ "އަވައްޓެރިން" ކަމަށް ވިދާޅުވެ ބައިޑެން ވަނީ އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ އުޅުމާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާތަަކަކީ މާބޮޑު ކަމެއް ނޫންކަމަށް ދޭވަހާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

ފަލަސްތީނުގެ މައްސަލަ އަކީ (އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިގަނެގެން އުޅޭއުޅުން) އެއީ ވަކި މައްސަލައެއްކަމަށާއި އެއީ އަރަބިން އިސްރާއީލާ ދުރުވެގެން އުޅެންޖެހޭ މައްސަލައެއް ނޫންކަމަށް ސައޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވަނީ އޭނާ ދަތުރުކުރެއްވި މަތިންދާބޯޓު އިސްރާއީލުން ފުރައިގެން ސީދާގޮތެއްގައި ސައޫދީ އަރަބިއާގެ ޖިއްދާއަށް ދަތުރުކުރުމުގެ ހުއްދަ ސައޫދީ ސަރުކާރުން ދިން ކަމަށްޓަކައި ސައޫދީ ވެރިންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ބައިޑެން އިއްޔެ ޖިއްދާ އެއާޕޯޓަށް ވަޑައިގެންނެވުމުން ސައޫދީ ދިފާއީ ވަޒީރުގެ ނައިބު އޭނާއަށް މަރުހަބަ ދަންނަވަނީ

މީގެކުރިން ޒަމާނުއްސުރެ ސައޫދީ ވަނީ އިސްރާއީލުން ފުރައިގެން ސީދާގޮތެއްގައި ސައޫދީއަށް ދަތުރުކުރުން މަނާކޮށްފައެވެ. ނަމަވެސް ބައިޑެން ސައޫދީއަށް ވަޑައިގެންނެވުމުގެ ތަންކޮޅެއް ކުރިން ސައޫދީން ވަނީ އެ ގައުމުގެ ވައިގެ ސަރަޙައްދުން ދަތުރު ކުރުމުގެ ހުއްދަ އިސްރާއީލުގެ ފަސިންޖަރު މަތިންދާ ބޯޓުތަކަށް ދިނުމުގެ ގަރާރެއް ނެރެފައެވެ. ސައޫދީން މި ހުއްދަ އިސްރާއީލަށް ދިނީ އޭނާގެ މަސައްކަތުންކަން ދޭހަވާ ގޮތަށް ބައިޑެން ވަނީ އިސްރާއީލުން ފުރަވަޑައިގަންނަވަމުން ބަޔާނެއް ދެއްވާފައެވެ.

މި ހުއްދަ ދިނުމަށްފަހު ސައޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ ކުރިން އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައިން ވަކި ގައުމެއް އިސްތިސްނާ ކޮށްފައިވީނަމަވެސް ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭގޮތުން 1944 ވަނަ އަހަރު ސޮއިކުރި ޝިކާގޯ އެއްބަސްވުމުގައިވާ ގޮތަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަސިންޖަރު މަތިންދާބޯޓުތަކަށް (އެއްވެސް ގައުމެއް އިސްތިސްނާ ނުވާގޮތަށް) ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާނެ ކަމަށެވެ. އިސްރާއީލުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ސައޫދީން ވަނީ އިސްރާއީލުގެ ޗާޓަރު މަތިންދާބޯޓުތައްވެސް ސައޫދީ ވައިގެ ބަނދަރުތަކުގައި ޖެއްސުމުގެ ހުއްދަ ދީފައެވެ. އެމެރިކާގެ ރައީސް އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ލައީރު ލެބެޑް ވަނީ އިސްރާއީލަށް މިހުއްދަ ދިނުމަށް ސައޫދީ އަރަބިޔާއަށް ގޮވާލާފައެވެ.

ލެބެޑް ވިދާޅުވި ގޮތުގައި މި ހުއްދަ ލިބުމުން އިސްރާއީލުގެ މުސްލިމުން (އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ މީހުން) މައްކާއަށް ހައްޖަށް ދިޔުމަށް ފަސޭހަ ވެގެންދާނެއެވެ.

ނަމަވެސް މިކަމުގައި އިސްރާއީލުގެ މަގްސަދަކީ ފަލަސްތީނުގެ މައްސަލަ ހައްލުނުކޮށް ފަލަސްތީނުގެ ހައްގުތައް ނުދީ އަރަބިންގެ އަތުން ދޫހޯދުމެވެ. އިސްރާއީލު އެކަހެރި ކުރުމަށް ޒަމާނުއްސުރެ އަރަބި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުން ސަލާމަތް ވުމެވެ. އިސްރާއީލުގެ އަރަބިން ހައްޖަށް ދިޔުމުގެ ކަންތައް ފަސޭހަ ކުރުމެއް ނޫނެވެ. އެވަގުތު ބައިޑެން ވަނީ މިހުއްދަ ދިނުމަށް އެމެރިކާއިން ސައޫދީ ވެރިންނަށް ބާރުއަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ސައޫދީ އަރަބިއާއިން ދާދިފަހުން ވަނީ އެގައުމުގެ ވައިގެ ސަރަޙައްދު ހުރަސްކޮށް އިންޑިއާގެ ފަސިންޖަރު މަތިންދާބޯޓުތައް ސީދާ އިސްރާއީލަށް ދަތުރު ކުރުމުގެ ފުރުސަތުވެސް ދީފައެވެ. ކުރިން މިއީވެސް ނުދޭ ފުރުސަތެކެވެ. މިކަމުގެ ސަބަބުން އިސްރާއީލަށް އެކަހެރިކަން ލިބެއެވެ. އެއީ މިހުއްދަ ނެތުމުން އޭޝިއާގެ ގައުމުތަކުން އިސްރާއީލަށް ވައިގެ ދަތުރުކުރަން އުނދަގޫކަމަކަށްވާތީއެވެ.

ބައިޑެން އިއްޔެ ސައޫދީ އަށް ވަޑައިގެން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވަނީ

ފަލަސްތީނުގެ ހައްގުތައް ހޯދުމަށް ޒަމާނުއްސުރެ އަރަބިން އިސްރާއީލާ ދެކޮޅަށް އަޅާފައިވާ އިސްރާއީލު އެކަހެރި ކުރުމުގެ ފިޔަވަޅުތައް މިހާރުވަނީ މުޅިން ރޫޅި ވިއްސިވިހާލި ވެފައެވެ. މިހާރު ދުނިޔޭގެ ފެންވަރުގައި އިސްރާއީލު ބޮއިކަޓްކޮށް އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އިންސާނީ ހައްގުތަކާއި އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރާ ދުނިޔޭގެ އެކިގައުމުތަކުގެ އެކްޓިވިސްޓުން ގުޅިގެން އުފައްދާފައިވާ ބީޑީއެސް ހަރަކާތުންނެވެ.

ބީޑީއެސް އަކީ ބޮއިކަޓް ޑިވެސްޓްމަންޓް އެންޑް ސަންކްސަން މޫމެންޓް އަގައިންސްޓް އިޒްރޭލްއެވެ. މި ހަރަކާތް އުފެއްދީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ޖިހާދު ކުރާ ފަލަސްތީނުގެ އެކްޓިވިސްޓުންނެވެ. ނަމަވެސް އިންސާނީ ހައްގުތަކާއި އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރާ ދުނިޔޭގެ އެކިގައުމުތަކުގެ އެކްޓިވިސްޓުން މީގައި ބައިވެރިވެ ވައިގައި ހިފުމުން ހުޅަނގުގެ ގައުމުތަކުގައިވެސް މިހަރަކާތް ކާމިޔާބު ކަމާއެކު ވަރަށް ބާރަށް ކުރިޔަށް ގެންދެއެވެ. މިއީ އިސްރާއީލު ވަރަށް ކަންބޮޑުވާކަމެކެވެ.

އަރަބި ގައުމުތަކުން 1960 ގެ އަހަރުތަކުން ފެށިގެން ޖަމާއީ ގޮތެއްގައި އިސްރާއީލާ ދެކޮޅަށް އަޅަމުން ގެންދިޔަ އިސްރާއީލު އެކަހެރި ކުރުމުގެ ފިޔަވަޅުތައް ވިއްސި ވިހާލިވެގެން ދިޔައީ އަރަބިން ބަލިކަށިވެ ބައެއް އަރަބި ގައުމުތަކުން އެމެރިކާގެ ބާރުގައި އިސްރާއީލާ ގުޅުންތައް އުފެއްދުމުންނެވެ.

މިފިޔަވަޅުތައް ވިއްސިވިހާލިކޮށްލައި އަރަބި 5 ގައުމަކުންވަނީ ފަލަސްތީނުގެ ހައްގުތަކަށާއި އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ބެލުމެއްނެތި އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައެވެ.

އެގައުމުތަކަކީ މިސްރު، އުރުދުން، ޔޫއޭއީ، ބަހްރައިން އަދި މަޣްރިބު އެވެ. ސޫދާނުންވެސް ސިޔާސީ ބޭނުމަކަށްޓަކައި ފާޑެއްގެ ގުޅުމެއް އިސްރާއީލާއެކު ވަނީ ގާއިމްކޮށްފައެވެ. ނަމަވެސް މިއީ ނަމަކަށް އޮންނަ ބަލިކަށި ގުޅުމެކެވެ.

އިސްރާއީލާ ގުޅުންތައް އުފައްދާފައިވާ އަރަބި މި 5 ގައުމަކީ ޚުދުމުޚްތާރު ރަސްކަމުގެ ނިޒާމުތަކާއި އެނޫންވެސް ޚުދުމުޚްތާރު ވެރިކަންތައް އޮންނަ ގައުމުތައް ކަމަށްވާތީ މިކަންކުރަނީ އެ ގައުމުތަކުގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތައް ހިމާޔަތް ކުރުމުގެ ގޮތުން ކަމަށް ވަނީ ބެލެވިފައެވެ.

އިސްރާއީލާ ގުޅުން ގާއިމް ކުރުމުން އެމެރިކާގެ ޑިމޮކްރިސީއާއި އިންސާނީ ހައްގުތަކުގެ ޕްރޮޕަގެންޑާ ތަކުން ސަލާމަތް ވުމުގެ ފުރުސަތު އެ ގައުމުތަކުގެ ޚުދުމުޚްތާރު ވެރިންނަށް ލިބެއެވެ. އަރަބި ވެރިން އިސްރާއިލާ ގުޅުން އުފެއްދިނަމަވެސް އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެގެން އުޅޭހާ ހިދަނކު އަރަބި އެއްވެސް ގައުމެއްގެ ރައްޔިތުން އިސްރާއީލު ބަލައެއް ނުގަންނާނެއެވެ. މިކަން މިސްރުގެ ރައްޔިތުންގެ ފަރާތުންނާ އަދި އުރުދުންގެ ރައްޔިތުންގެ ފަރާތުން ވަނީ ފެނިފައެވެ.

އިސްރާއީލާއެކު މި ދެ ގައުމުގެ ސަރުކާރުން ގުޅުންތައް އުފައްދާފައިވާ އެތައް އަހަރެއް ވީއިރުވެސް މި ދެ ގައުމުގެ ރައްޔިތުންނާއި އިސްރާއީލާ ދެމެދު އޮތީ އަދާވަތްތެރިކަމެވެ. އެ ދެ ގައުމުގައި ތިއްބަވާ އިސްރާއީލުގެ ސަފީރުންނަށް އެ ދެ ގައުމުގެ އާންމު ތަނަކަށް ގޮސް އުޅޭކަށްވެސް ނުކުރެއެވެ. ޔަހޫދީންނަކީ ކޮންބައެއްކަން އަރަބި އާންމުންނަށް އޮޅުވައެއް ނުލެވޭނެކަމަށް އެދެގައުމުގެ ރައްޔިތުން ބުނަމުން ގެންދެއެވެ.

comment ކޮމެންޓް