އިސްލާމީ ދައުލަތުގައި ޣައިރު މުސްލިމުންގެ މަޤާމަށް އަވަސް ކަޅިއެއް

ސައިނާއީގައި ހުންނަ ސެއިންޓް ކެތަރީންގެ ޚާނަގާހު - މި ތަނުގެ ރާހިބުންނަށް ކީރިތި ރަސޫލާ ފޮނުއްވެވި ފަތްކޮޅަކުން ޣައިރު މުސްލިމުންނާ މެދު އިސްލާމީ ޝަރީޢަތުގެ އެތައް ޙުކުމެއް ސާފު ވެއެވެ.

މާތް ވެގެންވާ އިސްލާމް ދީނަކީ ޙައްޤު ދީނެވެ. އެ ދީނަކީ އިންސާނާ ޚަލްޤު ކުރައްވަވައި، ދުނިޔެ އަކީ އޭނާގެ މާއްދީ ޙަޔާތުގެ މަޤާމު ކަމުގައި ލެއްވެވި މާތްރަސްކަލާނގެ އިންސާނާއަށް ޓަކައި ކަނޑައެޅުއްވި މަގެވެ. އެ ދީނުގެ ޝަރީޢަތަކީ ހުރިހައި ހެޔޮ ކަމަކަށް އިންސާނާއަށް މަގު ދައްކާ ޝަރީޢަތެވެ. އޭގެ ތެރެއިން އެއް ކަމަކީ، އިސްލާމީ ދައުލަތުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގެ ތެރެއިން، އެ ދައުލަތުގެ ރައްޔިތުން ނުވަތަ މެންބަރުން ކަމުގައި ހިމެނޭ ޣައިރު މުސްލިމުންނަށް ދީފައި ވާ ރައްކައުތެރިކަމާއި ޙިމާޔަތެވެ. ހަމައެކަނި މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި ހަމަތައް ހުރި ގޮތް ބެލުމުން ވެސް، އިސްލާމް ދީނަކީ ޢާލަމުތަކަށް ފޮނުއްވެވުނު ރަޙްމަތެއް ކަމުގެ ފުރިހަމަ ހެކި ލިބެއެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމީ ދައުލަތުގެ ރައްޔިތުން ނުވަތަ މެންބަރުން ކަމުގައި ހިމެނޭ ޣައިރު މުސްލިމުންނަށް ޝަރްޢީ ގޮތުން ރައްކައުތެރިކަން ކަށަވަރު ކޮށްދެއްވީ، އިންސާނީ ކަރާމާތް ރައްކައުތެރި ކުރުމާއި އޯގާވެރިކަމުގެ ލާމަސީލު ފިލާވަޅުތަކެއް ދުނިޔެއަށް ނަންގަވައިދެއްވަމުންނެވެ. އިތުރު އެކަލޭގެފާނުގެ ބަސްފުޅެއްގައި އޮވެއެވެ. – ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ – މި ބަސްފުޅުގެ މާނައަކީ " އިސްލާމީ ދައުލަތުގެ ރައްކައުތެރިކަމުގެ ދަށުގައި ވާ ޣައިރު މުސްލިމަކަށް އަނިޔާވެރި ވެއްޖެ މީހާ، އަދި އޭނާގެ ޙައްޤެއް ފޭރިގެންފި މީހާ، އަދި އޭނާގެ ކުޅަދާނަކަމުން ބޭރުގައި ވާ ކަމެއް އޭނާގެ މައްޗަށް ޖައްސައިފި މީހާ، އަދި ނުބައި ނިޔަތަކާ އެކު އޭނާގެ އަތުން އެއްޗެއް އަތުލައިފި މީހާ ދަންނާށެވެ. އެ މީހަކާ ދެކޮޅަށް ޤިޔާމަތް ދުވަހު ދަޢުވާ އުފުއްލަވާނީ ޚުދު ތިމަންކަލޭގެފާނެވެ." މިއެވެ. އެހެން ޙަދީޘްފުޅެއްގައި ވެއެވެ. – من قتل نفساً معاهَدَاً لم يَرِح رائحة الجنة، وإن ريحها ليوجد من مسيرة أربعين عام – މި ޙަދީޘްފުޅުގެ މާނައަކީ "(އިސްލާމީ ދައުލަތުގެ ޙިމާޔަތާއި ރައްކައުތެރިކަމުގެ) ޢަހުދުގެ ދަށުގައި ވާ ޣައިރުމުސްލިމަކު ނުޙައްޤުން ޤަތުލު ކޮށްފި މީހާޔަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭހުއްޓެވެ! ހަމަ ކަށަވަރުން އެ ސުވަރުގޭގެ ވަސް ސާޅީސް އަހަރުގެ ދުރު މަސާފާޔާ ހަމަޔަށް ފޯރައި ފެތުރިގެން ވެއެވެ. –

މި ދެންނެވި ޙަދީޘްފުޅުގެ ތެރެއިން ފުރަތަމަ ޙަދީޘްފުޅު ސުނަން އަބޫދާއޫދު ގައްޔާއި، ސުނަން އަލްބައިހަޤީ ގައި ރިކޯޑު ކުރެވިފައި ވެއެވެ. ދެވަނަ ޙަދީޘްފުޅު އިމާމް ބުޚާރީގެ ޙަދީޘް ފޮތުގައި ގެންނަވައިފައި ވެއެވެ. ޙަދީޘްފުޅުތައް މާނަ ކޮށްފައި އެވަނީ ސީދާ ލަފުޒުން ލަފުޒަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި، މާނަ ދިވެހި ބަހުން ސީދާސާދާ ޢިބާރާތަކުން ބުނުމުގެ އުޞޫލުންނެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިސްލާމީ ދައުލަތުގެ ރައްޔިތުން ކަމުގައި ހިމެނޭ ޣައިރުމުސްލިމުންނާ މެދު ގެންގުޅުއްވި އޯގާވެރިކަމާއި، އެމީހުންގެ ޙައްޤުތައް ރައްކައުތެރި ކުރެއްވެވި ފުރިހަމަ ގޮތް ދައްކުވައިދޭ އެންމެ މަތިވެރި އެއް ހެއްކަކީ ނަޖްރާނުގެ ނަޞާރާއިންނަށް ދެއްވެވި ޢަހްދެވެ. އެ ޢަހްދުގެ ބައެއް ޢިބާރާތްތަކުގެ އަވަސް ތަރުޖަމާއެއް ކިޔައިލަމާ ހިންގަވާށެވެ.

"... ނަޖްރާނާއި ނަޖްރާނުގެ ވަށަވަށައިގެން ވާ ހިސާބުތަކުގެ ނަޞާރާއިންނަށް، ﷲ ގެ އަމާންކަމާއި ރައްކައުތެރިކަމާއި، އެކަލާނގެ ރަސޫލާގެ ޢަހުދު ވެއެވެ. އެއީ އެމީހުންގެ ފުރާނަޔާއި، އެމީހުންގެ ދީނާއި، އެމީހުންގެ މުދާ ރައްކައުތެރި ކުރުމުގެ މައްޗަށެވެ. އެމީހުންގެ ތެރެއިން ޙާޟިރު ވެތިބި މީހުންނާއި، ޙާޟިރު ވެނެތް މީހުން ހިމެނޭ ގޮތުންނެވެ. އެމީހުންގެ ދީނީ އިޢުތިޤާދުތަކާއި، އެމީހުން ދީނަށް އުޅޭއުޅުމަށް އެއްވެސް ގޮތަކުން ދުއްތުރާލެއް ނުވަތަ އުނދަގުލެއް ނުފޯރުވޭހުއްޓެވެ. އެމީހުންގެ އާދަކާދަތަކާއި ޢުރުފުތައް ބަދަލު ކުރުމަށް އެއްވެސް ގޮތަކުން މަޖުބޫރު ނުކުރެވޭހުއްޓެވެ. އެމީހުންގެ ޙައްޤުތަކާއި އެމީހުންނަށް ލިބިގެންވާ ޢިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނުގެނެވޭހުއްޓެވެ. އެމީހުންގެ އެއްވެސް ފާދިރީއަކު އޭނާގެ ފައްޅީން ނުނެރެވޭހުއްޓެވެ. އެމީހުންގެ އެއްވެސް ރާހިބަކު އޭނާގެ ޚާނަގާހުން ބޭރު ނުކުރެވޭހުއްޓެވެ. އެމީހުންގެ އެއްވެސް ފާދިރީއެއްގެ ކިބައިން، އޭނާގެ ފާދިރީކަމުގެ މަޤާމާއި ޙައިޘިއްޔަތު ނިގުޅައިނުގަނެވޭހުއްޓެވެ. އެމީހުންނަށް ލިބިގެންވާ ކޮންމެ އެއްޗެއް، ކުދި އަދި ބޮޑު، އެއީ އެމީހުންގެ ޙައްޤެކެވެ. ކުދިބޮޑު އެންމެހައި ނިޢުމަތްތަކުން ފައިދާ އާއި މަންފާ އާއި އުފާފާގަތިކަމާއި ބާއްޖަވެރިކަން ހޯދުމަށް އެމީހުންނަށް ފުރިހަމަ ޙައްޤު ލިބިގެން ވެއެވެ. އެމީހުންގެ ސޫރަތަކާއި، އެމީހުންގެ ޞަލީބުތައް ހަލާކު ނުކުރެވޭހުއްޓެވެ. އެމީހުންގެ މައްޗަށް އެއްވެސް ގޮތަކުން އަނިޔާވެރި ނުވެވޭހުއްޓެވެ. އަދި އެމީހުން ވެސް އަނިޔާވެރި ނުވުން ހުއްޓެވެ. ... އެމީހުންނާ މެދު ޝައްކުތައް ކުރުމާއި، އެމީހުންގެ ފުރާނަޔާއި ހަށިތަކަށް ގެއްލުން ދިނުމެއް ނުވެއެވެ. އެމީހުންގެ ތެރެއިން އެކަކު ވެސް، އެހެން މީހަކު ކުޅަ ޢަމަލެއްގެ ބުރަ އާއި ޒިންމާ އުފުލާކަށް ނުޖެހޭހުއްޓެވެ."

ނަޖްރާނުގެ ނަޞާރާއިންނަށް ކީރިތި ނަބިއްޔާ ޞައްލަﷲ ދެއްވެވި ޢަހުދަކީ އިސްތިސްނާއެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ ސުންނަތުގައި ޣައިރު މުސްލިމުންނާ މެދު ގެންގުޅުއްވި ދެގޮތް ވުމެއް ނެތް އިންޞާފާއި އިންސާނިއްޔަތުކަމުގެ އެއް މިސާލެވެ. އެފަދަ އަނެއް މިސާލަކީ ސައިނާގައި ހުންނަ ސެއިންޓް ކެތަރީންސް މޮނާސްޓްރީގެ ފާދިރީންނަށް އިތުރު އެކަލޭގެފާނު ފަތްކޮޅެއްގެ ވަސީލަތުން ދެއްވެވި ޢަހުދެވެ. އެ ފަތްކޮޅުން ވެސް ބައެއް ބައިތަކަށް ބަލައިލަމާ ހިންގަވާށެވެ!

"މިއީ ޢަބްދުﷲ ގެ ފުތް މުޙައްމަދުގެ ފަރާތުން، ނަޞާރާ ދީނުގެ އަހުލުވެރީންނަށް ފޮނުވާ ޚަބަރެކެވެ. އެއީ އެއުރެން ކުރެ ގާތުގައި ވާ މީހުންނާއި، ދުރުގައި ވާ މީހުންނަށް ވެސް މެއެވެ. އަހުރެމެން ވަނީ އެއުރެންނާ އެކުގައެވެ. ... ހަމަ ކަށަވަރުން، އަހުރެންނާއި، އަހުރެންގެ އަމުރުގެ ދަށުގައި ވާ މީހުންނާއި، އަހުރެންގެ އަންޞާރުންނާއި، އަދި އަހުރެންނަށް ތަބަޢަ ވީ ކޮންމެ ބަޔަކު، ނަޞާރާއިން ޙިމާޔަތް ކޮށް ދިފާޢު ކުރާހުއްޓެވެ. އެއީ އެއުރެންނަކީ އަހުރެންގެ ރައްޔިތުން ކަމުގައި ވާތީއެވެ. ﷲ ގަން ދެމެވެ. އެއުރެންނަށް ދެރަ އާއި ނިކަމެތިކަން ގެނުވައިފަނިވި ކޮންމެ ކަމަކާ އަހުރެން ދެކޮޅުވެރި ވަމެވެ. އެއުރެންގެ މައްޗަށް އެއްވެސް ކަހަލަ ގަދަބަދަވިކަމެއް ދެއްކުމެއް ނެތެވެ. އެއުރެންގެ ޤާޟީން އެމީހުންގެ މަޤާމުތަކުން ވަކި ކުރުމެއް ނުވެއެވެ. އަދި އެއުރެންގެ ރާހިބުން އެމީހުންގެ ޚާނަގާހުން ނެރުމެއް ނުވެއެވެ. ... އެއްވެސް މީހަކު އެއުރެންގެ ފައްޅިތައް ހަލާކު ކޮށްގެން ނުވާނެއެވެ. އެއިން ތަނަކަށް ގެއްލުމެއް ދީގެން ނުވާނެއެވެ. އެއިން ތަނެއްގައި ވާ އެއްވެސް އެއްޗެއް މުސްލިމެއްގެ ގެދޮރަށް އުފުލައިހަދައިގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފި ކޮންމެ މީހަކީ، ﷲ ގެ ޢަހުދު އުވައިލައި، އެކަލާނގެ ރަސޫލާޔަށް ނުކިޔަމަންތެރި ވެއްޖެ މީހެކެވެ. ... އެމީހުންގެ ޙައްޤުގައި، އެމީހުންގެ ޙިމާޔަތުގައި ހަނގުރާމަ ކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. ... މުސްލިމަކަށް އެއުރެންގެ އަންހެނަކާ ކައިވަނި ކުރެވޭނީ އޭނާގެ ރުހުމުގައެވެ. އަދި އެފަދައިން މުސްލިމަކާ ކައިވަނި ކޮށްފި ނަޞާރާ އަންހެނަކު، އޭނާގެ ފައްޅިޔަށް ގޮސް އަޅުކަން ކޮށްއުޅުމަށް ހުރަސް އަޅައިގެން ނުވާނެއެވެ. އެއުރެންގެ ފައްޅިތަކަށް އިޙުތިރާމު ކުރެވޭހުއްޓެވެ. ..."

މި ޢަހްދުތަކުގެ ތަފްޞީލުތައް ދިރާސާ ކުރެއްވުމުގެ ޝައުޤުވެރިކަން ހުރި ބެއިފުޅުން ޑރ. ޖޯން އެންޑްރޫވ މޮރޯވ ލިޔުއްވި ދަ ކޮވެނޭންޓްސް އޮފް ދަ ޕްރޮފެޓް މުޙައްމަދު ވިތް ދަ ކްރިސްޓިޔަންސް އޮފް ދަ ވޯރލްޑް (The Covenants of Prophet Muhammad with the Christians of the World, Dr. John Andrew Morrow) މި ފޮތް ބައްލަވައިލެއްވުން އެދެމެވެ.

ކީރިތި މާތް ނަބިއްޔާ، ނަޖްރާނުގެ ކްރިސްޓިޔަނުންނާއި، ސެއިންޓް ކެތްރީންސް މޮނާސްޓްރީ އާއި، އިސްލާމީ ދައުލަތުގެ އެހެން ޣައިރުމުސްލިމުންނަށް މިފަދަ ޢަހުދުތަކެއް ބަސްފުޅުން ދެއްވައިފައި ނިންމަވައިލެއްވީއެއް ނޫނެވެ. އެންމެ ފުރިހަމަ ގޮތުގައި، އެ އަޙުދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވީ ވެސްމެއެވެ. އެހެންކަމުން، މަދީނާގެ އިސްލާމީ ދައުލަތުގައި ޣައިރުމުސްލިމުންގެ ޙައްޤުތައް ޙިމާޔަތް ކުރެވުނީ ތާއަބަދަށް ދެމިހުންނަނިވި ފުރިހަމަ ނަމޫނާ މިސާލެއްގެ ގޮތުގައެވެ. ކުރީންވެސް ދެންނެވި ފަދައިން، ދައުލަތެއްގެ ރަސްމީ ދީން ނުވަތަ އެ ދައުލަތެއްގެ ރައްޔިތުންގެ ގިނަ މީހުންގެ ދީން ފިޔަވައި އެހެން ދީންތަކަށް ނިސްބަތް ވާ ރައްޔިތުންނަށް ހެޔޮކޮށް ހިތުމުގެ މިފަދަ އެހެން މިސާލެއް ދުނިޔޭގެ ތާރީޚު ދެކެފައެއް ނުވެއެވެ. މިއަދުގެ ދުނިޔޭގައި – 21 ވަނަ ޤަރުނުގެ ދުނިޔޭގައި – ދީނީ މިނިވަންކަމާއި، ހުރިހައި ދީންތަކެއްގެ މީހުންގެ ހަމަހަމަކަމުގެ ޝިޢާރުތަކާއި ދިދަތައް އުފުލާ ޤައުމުތަކަށް ބައްލަވާށެވެ. އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތާއި، އެމެރިކާ ފަދަ ޤައުމުތަކަށް ބައްލަވާށެވެ! މުސްލިމް އަންހެނުން ބުރުގާ އަޅާތީ ނުވަތަ މުސްލިމް ފިރިހެނުން ތުނބުޅި ބަހައްޓާތީ ކުރެވޭ އަނިޔާތަކާއި، ކުރެވޭ ތަފާތުތަކާއި، ގެންގުޅެވޭ ތަޢައްޞުބާއި، ކުރެވޭ މަލާމާތާއި ފުރައްސާރަޔަށް ބައްލަވާށެވެ! ކުޑަކުޑަ މުސްލިމް ކުދީން ބުރުގާ އަޅާތީ މަދަރުސާއަށް ނުވައްދައި، އިހާނެތި ގޮތް ގޮތަށް ހިންގާ އަމަލުތަކަށް ބައްލަވާށެވެ!

ޝައްކެއް ނެތް ގޮތުގައި، އިސްލާމީ ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ތިބޭ ޣައިރުމުސްލިމުންނާ މެދުގައި އިސްލާމީ ނިޒާމުގައި ކަނޑައެޅުނު މަތިވެރި އުޞޫލުތަކަކީ ވެސް، ދައުލަތެއްގައި އެ ދައުލަތުގެ ރަސްމީ ދީން ފިޔަވައި އެހެން ދީންތަކުގެ މީހުންނަށް ޤަދަރާއި އިޙްތިރާމު ކަށަވަރު ކޮށްދީ، އެމީހުންނާ މެދު އޯގާވެރިކަން އިސް ކުރުމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ.

ތެދުފުޅެކެވެ! އިސްލާމީ ދައުލަތުގައި ވަލިއްޔުލްއަމްރުކަމުގެ މަޤާމަކަށް މުސްލިމަކަށް މެނުވީ ނައުދެވޭނެއެވެ. ވަޒީރުންނާއި، ޝޫރާ މަޖިލިހުގެ މެންބަރުންނާއި، ފަނޑިޔާރުންގެ ގޮތުގައި ޢާއްމު އުޞޫލަކުން ތިބެވޭނީ މުސްލިމުންނަށެވެ. ދިފާޢީ ބާރުތަކުގެ އިސް މަޤާމުތަކުގައި ތިބެވޭނީ މުސްލިމުންނަށެވެ. އެ ބާރުތަކުގެ މެންބަރުން ވެސް ޢާއްމު އުޞޫލަކުން ވާން ޖެހޭނީ މުސްލިމުންނަށެވެ. މިހެން އޮންނާން ޖެހެނީ ކީއްވެގެންކަން، ޢައްލާމާ މުޙައްމަދު އަސަދުގެ ޕްރިންސިޕްލްސް އޮފް ސްޓޭޓް އެންޑް ގަވަރންމަންޓް އިން އިސްލާމް މި ފޮތުގައި ނުހަނު ފުރިހަމަޔަށް ބަޔާން ކުރައްވައިފައި ވެއެވެ.

އެހެން ނަމަވެސް، ދައުލަތުގެ އިސް އެއްވެސް މަޤާމެއްގައި ޣައިރު މުސްލިމުންނަށް ޚިދުމަތް ނުކުރެވޭ އުޞޫލެއް ވެސް އިސްލާމީ ޝަރީޢަތުގައި ނޯވެއެވެ. ވަޒީރުކަމާއި، ޝޫރާ މަޖިލިހުގެ މެންބަރުކަމާއި، ފަނޑިޔާރުކަން ފަދަ މަޤާމުތަކަކީ އިސްލާމީ ދައުލަތުގެ ޣައިރު މުސްލިމް ރައްޔިތުންނަށް ވެސް ވަކި ހަމަތަކެއްގެ ތެރޭގައި އަދާ ކުރެވިދާނެ މަޤާމުތަކެވެ. އެހެންކަމުން، އިސްލާމީ ދައުލަތުގައި ޣައިރު މުސްލިމު ރައްޔިތުންނާ މެދަކު އެއްވެސް ކަހަލަ ނާޖާއިޒު އަދި ނުހަމަ ތަފާތުކުރުމެއް ނެތެވެ. އިޖުތިމާޢީ ޢަދާލަތާއި، އިޤްތިޞާދީ ޢަދާލަތާއި، ޤަޟާއީ ޢަދާލަތުގެ ކުރިމަތީގައި، އެމީހުންނެކޭ ދައުލަތުގެ މުސްލިމް ރައްޔިތުންނެކޭ އެއްފަދައެވެ. ޣައިރު މުސްލިމުންނަށް އެމީހުންގެ ދީންތަކަށް އުޅުމާއި، އެމީހުންގެ ދީންތަކުގެ ޝިޢާރުތައް ފައުޅު ކުރުމާއި، ދީނީ ސަޤާފަތް ރައްކައުތެރި ކުރުމުގެ ފުރިހަމަ މިނިވަންކަން އިސްލާމީ ދައުލަތުގައި ލިބިދެވެއެވެ. އިސްލާމީ ޝަރީޢަތާއި، އިސްލާމީ ޤާނޫނު އެމީހުންގެ މައްޗަށް އެމީހުންގެ ނުރުހުމުގައި ހިންގުމުގެ އުޞޫލެއް ނޯވެއެވެ. އެމީހުންގެ އިޖުތިމާޢީ ކަންކަން އެމީހުންގެ ދީނުގެ އުޞޫލުތަކުގެ މަތީގައި ހިންގުމާއި، އެމީހުންގެ ދީނުގެ ޤާނޫނުތައް އެމީހުންގެ ތެރޭގައި ހިންގުމުގެ މިނިވަންކަން (autonomy) ވެސް ވަނީ ލިބިދެވިފައެވެ.

ދެން އޮތީ ޣައިރު މުސްލިމު ރައްޔިތުންގެ އަތުން ނެގޭ ޖިޒީ ނުވަތަ "ޖިޒްޔަ" ގެ ސުވާލެވެ. މި ޓެކުހަކީ، ދައުލަތުގެ ދިފާޢީ ބާރުގައި ޚިދުމަތް ކުރުމުގެ ބުރައިން އެމީހުންނަށް ލުއި ލިބިދީ، އެއިގެ ބަދަލުގައި ނެގޭ ޓެކުހެކެވެ. މުސްލިމުންނަށް އެ ބުރައިން ލުޔެއް ނޯވެއެވެ. ޙަޤީޤަތުގައި މި ނުކުތާގައި އިތުރަށް ވާހަކަ ދައްކައިފި ނަމަ، ސާބިތު ވެގެން ދާނީ މުސްލިމުންނަށް ބުރަޔާއި ތަކުލީފު ބޮޑުކަމެވެ. އެހެނީ، މުސްލިމުންނަށް ދައުލަތުގެ ދިފާޢީ ބާރުގައި ޙަރަކާތްތެރިވުމުގެ ވާޖިބާ އެކު، ޒަކާތް ދެއްކުމުގެ ބުރަޔާއި، ޚުމްސް ދެއްކުމުގެ ބުރަ ވެސް އޮވެއެވެ. ޣައިރު މުސްލިމުންނަށް އޮންނަނީ ދިފާޢީ ބާރުގައި ޚިދުމަތް ކުރުން، ނުވަތަ ޖިޒްޔަ ދެއްކުން، މި ދެ ޚިޔާރުގެ ތެރެއިން ކޮންމެވެސް އެއް ކަމެކެވެ. ޖިޒްޔަ ގެ މިންވަރު ޝަރީޢަތުގައި ކަނޑައެޅިފައި ނުވާ އިރު، މަދީނާގެ އިސްލާމީ ދައުލަތުގައި ޖިޒްޔަ ނެގުނު މިންވަރަށް ބެލިޔަސް، އެއީ ޒަކާތަށް ވުރެ ކުޑަ މިންވަރަކުން ނެގުނު އެއްޗެކެވެ. ހަމަ އެހެންމެ، ޣައިރު މުސްލިމު ރައްޔިތެއްގެ އަތުން ޖިޒްޔަ ނެގިފައި ވަނީ، އޭނާ އަކީ މިނިވަން، ބުއްދި ސަލާމަތުން ހުރި، ބޮޑު ވެ ތަޞައްރަފު ފުދިފައި ހުރި ފިރިހެނެއް ކަމުގައި ވަންޏާއެވެ. ޣައިރު މުސްލިމު ރައްޔިތުންގެ ތެރެއިން އަޅުންނާއި، މުސްކުޅީންނާއި، އަންހެނުންނާއި، ކުޑަކުދީންނާއި، އެއްވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނާއި، ބަލި މީހުންނާއި، ރާހިބުންނާއި ފާދިރީން ފަދަ ދީނީ ޚިދުމަތާއި އަޅުކަމަށް ހުސް ވެގެން ތިބޭ މީހުންނާއި، އަދި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޖިޒްޔަ ދެއްކުމުގެ ޤާބިލުކަން ނެތް ކޮންމެ ޣައިރު މުސްލިމް ރައްޔިތެއްގެ އަތުން އެ ޓެކްސް އޮތީ މަޢާފު ކުރެވިފައެވެ.

މި ދެންނެވީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކުގެ މަތީން، އިސްލާމީ ދައުލަތެއްގައި ޣައިރު މުސްލިމުންގެ މަޤާމާއި ޙައްޤުތައް ރައްކައުތެރި ކޮށްދެވޭ ގޮތުގެ މައްޗަށް ވަރަށް ކުރު ބަޔާނެކެވެ. ކުރީން ވެސް ދެންނެވި ފަދައިން، ހަމައެކަނި މި މިންވަރުން ވެސް، އިސްލާމީ ޝަރީޢަތަކީ ހުރިހައި ޒަމާނަކަށް ފެތޭ، ޢާލަމީ، އިންސާނީވަންތަ، އަދި ޢަދުލުވެރި އުޞޫލުތަކަކާއި ހަމަތަކެއްގެ ވާސިޠާއިން މުޅި އިންސާނިއްޔަތަށް ރަޙްމަތާއި ބާއްޖަވެރިކަން ގެނެސްދޭ ޝަރީޢަތް ކަން ވިސްނާ ބަޔަކަށް ދޭހަ ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް