ހުޅުމާލޭ ސަހަރާ ސާފު ކުރަނިކޮށް، ސިހުރެއް ކަމަށް ބެލެވޭ މާޅޮސްކެޔޮވަކެެއް ފެނިއްޖެ

ހުޅުމާލޭ ސަހަރާ ތެރެއިން ފެނުނު ސިހުރު ހަދާފައި ކަމަށް ބެލެވޭ މާޅޮސްކެޔޮވައް --

ހުޅުމާލޭ ސަހަރާ ސާފު ކުރުމުގެ މަސައްކަތް ކުރަނިކޮށް ސިހުރު ހަދާފައި ހުރި ކަމަށް ބެލެވޭ މާޅޮސްކެޔޮވަކެއް ފެނިއްޖެއެވެ.

ހުޅުމާލޭ ސަހަރާ ސާފު ކުރީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ. މިއަދު ހެނދުނު 6:15ހާއިރު އެ މުވައްޒަފުންނަށް މާޅޮސްކެޔޮވައް ފެނިފައިވަނީ މީހުން ވަޅުޅާ ސަރަހައްދުގެ ވިނަގަނޑުމަތީގައި ބާއްވާފައި އޮއްވައެވެ.

މި މަސައްކަތުގައި އުޅުނު ސިޓީ ކައުންސިލްގެ މުވަޒަފެއް ކަމަށްވާ، ހަސަން ލުތުފީ "ސަން"އަށް ބުނީ ސިހުރެއް ކަމަށް ބެލެވޭ އެ މާޅޮސްކެޔޮވަކުގެ ތޮށިގަނޑުގައި އަރަބި ބަހުން ލިޔެފައިވާ ލިޔުންތަކެއް ހުރި ކަމަށާއި ނަމަވެސް އެއީ ކިޔަން އެނގޭ ގޮތަކަށް ލިޔެފައިވާ އަކުރުތަކެއް ނޫން ކަމަށެވެ.

"ކޮވިޑް މީހުންގެ ފަޅި ނޫން އަނެއް ފަޅިން އޮންނަ މީހުން ވަޅުލާ ތަނުގައި ފަޅާފަ ހުރި ވިނަތަކުގެ މަތީގައި ވަޅު ނުލާ ރީއްޗަށް ބާއްވާފަ އޮތީ. ކެޔޮވަކުގައި ލިޔެފައި ހުރީ އަރަބި ބަހުން. ފެންނަ ފެނުމުން ސިހުރުގައި ހުންނަ ކަހަލަ ލިޔުންތަކެއް ހުންނަނީ. ލިޔެފައި ހުރީ ކީކޭ ކަމެއް ކިޔާކަށް ނޭނގެ. ސިހުރަކާ ބޮޑަށް ވައްތަރީ. އެ ކޮޔޮވަކަށް އެހާ ގިނަ ދުވަހެއް ނުވާނެ. ތޮޅިގަނޑު ވެސް އޮތީ ހަމަ ރޯކޮށް، ތާޒާކޮށް،" ލުތުފީ ބުންޏެވެ.

ލުތުފީ ބުނީ ސަހަރާ ތެރެއިން ފެނުނު އެ މާޅޮސްކެޔޮވަކަކީ ސިހުރެއް ކަމަށް ބެލެވުނު ނަމަވެސް ފުލުހުންނާ ހަވާލު ކުރުމުގެ ބަދަލުގައި ކުނިތަކުގެ ތެރޭގައި އެއްލައިލީ ކަމަށެވެ.

"ސާފު ކުރި މީހުންނަށް އެއީ ކޮން އެއްޗެއްކަން ނޭނގިގެން އެވަރު ނުވިސްނާ ކުނިތަކުގެ ތެރެއަށް ދޫކޮށްލެވުނީ،" ލުތުފީ ބުންޏެވެ.

ދީނުންބޭރުވެ، ފައިސާގެ ބޭނުމުގައްޔާއި ސިޔާސީ ނުވަތަ ދުނިޔަވީ ބޭނުމެއްގައި ކުރާ ސިހުރުހާހުރައިގެ ކަންތަކުގެ ބިރު ރާއްޖޭގައި މިއަދު މިވަނީ ޢާންމުވެފައެވެ.

comment ކޮމެންޓް