ގޮތަބަޔަ ފުރިތާ 12 ގަޑިއިރު ފަހުން ސަރުކާރުން ބަހެއް ބުނެފި

ސްރީލަންކާގެ ރައީސް ގޮތަބަޔަ، ރާއްޖޭގެ ކުރީގެ ރައީސް ނަޝީދުއާ އެކު --

ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔަ ރާޖަޕަކްސަ ފިއްލެވުމަށް ރާއްޖެ ވަޑައިގަތުމަށް ފަހު، ފުރުއްވިތާ 12 ގަޑި އިރު ފަހުން، ދިވެހި ސަރުކާރުން ބަހެއް ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްރީލަންކާގެ ސަރުކާރުގެ އެދުމުގެ މަތިން، އެ ގައުމުގެ ރައީސްގެ ދެ ކަނބަލުންގެ ޓްރާންސިޓް ދަތުރެއްގައި، އެއާފޯސްގެ މަތިންދާ ބޯޓު ޖެއްސުމަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދިން ކަމަށެވެ.

ގޮތަބަޔަ އާއި، އަނބިކަބަލުން އަޔޯމާ އަދި ދެ ބޮޑީ ގާޑުންނާއެކު ދަތުރު ކުރި ސްރީލަންކާގެ އެއާފޯސްގެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އިއްޔެ، ފަތިހުގެ ވަގުތެއްގައެވެ. އެމަނިކުފާނު ފުރާ ވަޑައިގަތީ މިއަދު މެންދުރު 11:30ގައި އޮތް ސައުދީ އެއާލައިންސްގެ ފްލައިޓަކުންނެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެން ހުންނެވުމަށް ފުރަތަމަ ހަމަޖެހުނީ ސިފައިންގެ އަސްކަރީ މަރުކަޒު، ކ. ގިރިފުށީގައި ނަމަވެސް ފަހުން، އެމަނިކުފާނު ހުންނެވީ ވޯލްޑްރޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގެ ޕްރައިވެޓް އައިލެންޑުގައި ކަމަށް "ސަން"އަށް އެނގިފައިވެއެވެ.

އިއްޔެ ފަތިހު، އެއާފޯސްގެ ފްލައިޓް ޖެއްސި ވަގުތު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއާޕޯޓުގައި ހަރަކާތްތެރިވާ މަންޒަރު ވަނީ ފެނިފައެވެ. އަދި، މިއަދު މެންދުރު ފަހު، ސައުދީ އެއާލައިންސްގެ ބޯޓު ފުރި ވަގުތު އެއާޕޯޓުގައި ފަސް ވެހިކަލުގެ މޮޓޯކޭޑެއް ހަރަކާތްތެރިވި އިރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވީއައިޕީ ޓާމިނަލްގެ ގޭޓުން ވަންނަ މަންޒަރާއި، ނުކުންނަ މަންޒަރު ވަނީ ފެނިފައެވެ.

ގޮތަބަޔަ ދަތުރުކުރެއްވި ފްލައިޓް ސިންގަޕޫރުގައި ޖެއްސުމާއެކު، އެ ގައުމުގެ ހާރިޖީ ވުޒާރާއިން ވަނީ އެމަނިކުފާނު އެ ގައުމުގައި ހުންނެވި ކަމާއި، ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމާއި، ހިމާޔަތް ނުދޭކަމަށް ބުނެ، ތަފްސީލީ ބަޔާނެއް ނެރެފައެވެ.

ސްރީލަންކާގެ ރައީސް އިސްތިއުފާ ދެއްވައިފި ކަމަށާއި، އެ ކަމުގައި ދިވެހި ސަރުކާރުން އަމަލުކުރެއްވި ގޮތް ރަނގަޅުކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ގައުމުގެ މަޖިލީހުގެ ރައީސަށް ވަނީ ގޮތަބަޔާގެ އިސްތިއުފާގެ ސިޓީ ލިބިފައެވެ. އަދި، އެކަން ރަސްމީކޮށް އިއުލާނު ކުރާނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އެ މަނިކުފާނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

comment ކޮމެންޓް