އީރާނާ ދިމާކުރުމަށްޓަކައި އިސްރާއީލާއި އަރަބިން ހިމެނޭގޮތަށް އެމެރިކާ އަރަބި "ނޭޓޯ" އެއް އުފައްދަނީ

ބައިޑެން އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލުގެ ބޮޑުވަޒީރު ލެބެޑް އާއި އިސްރާއީލުގެ ރައީސް ހެރްޒޮގް އާއެކު

އެމެރިކާގެ ރައީސް ޖޯ ބައިޑެން މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިސްރާއީލަށް ވަޑައިގެން "ގުދްސު ޑެކްލަރޭޝަން" ގެ ނަމުގައި އީރާނާ ދެކޮޅަށް އިސްރާއީލާއެކު އެއްބަސްވުމެއްގައި މިއަދުވަނީ ސޮއިކޮށްފައެވެ.

އެމެރިކާގެ އިސް މަސްއޫލުވެރިިއަކު ވިދާޅުވިގޮތުގައި މިއީ އިސްރާއީލަށް ހަތިޔާރު ދިނުމާއި އިސްރާއީލު ހިމާޔަތް ކޮށްދިނުމުގައި ތާއަބަދު އެެމެރިކާ ދެމިއޮންނާނެކަމުގެ ޔަގީންކަން ދިނުމުގެ ދިގުމުއްދަތުގެ އެއްބަސްވުމެކެވެ.

މީގެއިތުރުން މިއީ އީރާން ނިއުކްލިޔާ ބާރަކަށް ވިޔަ ނުދިނުމަށްޓަކައި އެމެރިކާއާއި އިސްރާއީލު ގުޅިގެން ކުރެވެން އޮތްހާ މަސައްކަތެއް ކުރުމާއި އަދި އީރާނުން ނިއުކްލިޔަ ހަތިޔާރު އުފައްދަން ފަށައިފިނަމަ އެކަން ހުއްޓުވުމަށްޓަކައި ފަހުގެ އޮޕްޝަނެއްގެ ގޮތުގައި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދިނުން ވެސް ހިމެނޭ ވަރަށް ވަރުގަދަ އެއްބަސްވުމެއްކަމަށް އިސްރާއީލު ބުނެއެވެ.

އެމެރިކާއަކީ މެދުއިރުމަތީގެ ހަމައެކަނި ނިއުކްލިޔަ ބާރަކީ އިސްރާއީލު ކަމަށް ހެދުމުގެ ސިޔާސަތެއް ޒަމާނުއްސުރެ ތަންފީޒު ކުރަމުން ގެންދާ ގައުމެކެވެ. އެމެރިކާގެ ރުހުމާއެކު އިސްރާއީލުވަނީ އަރަބި ގައުމުތަކުގައިވާ ނިއުކްލިޔާ ރިއެކްޓަރުތަކަށް އެކި ދުވަސްވަރު ހަމަލާދީ އެރިއެކްޓަރުތައް ހަލާކުކޮށްލާފައެވެ. މީގެތެރޭގައި އިރާގާއި ސީރިޔާގެ ނިއުކްލިޔާ ރިއެކްޓަރުތައް ހިމެނެއެވެ.

ނަމަވެސް އީރާނަކީ އިސްރާއީލަށް ރައްދު ދެވޭފަދަ ބޮޑު އަދި އަސްކަރީގޮތުން ބާރުގަދަވެފައި އަމިއްލައަށް ހަތިޔާރު އުފައްދާވަރަށް ޒަމާނީ ޓެކްނޮލޮޖީ ތަރައްގީކޮށްފައިވާ ގައުމަކަށްވާތީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އަރަބި ގައުމުތަކާ ޚިލާފަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ވަރަށް ގިނައެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ހަމަލާތަކަކުން ހުއްޓުވޭވަރަށް ވުރެ މާބޮޑު އަދި މާކުރިއަރަފައިވާ ޕްރޮގްރާމެކެވެ. އެތަށް ހާސް ސައިންސްވެރިންނާއި ނިއުކްލިޔާ އިންޖިނޭރުން ހިމެނޭ ޕްރޮގްރާމެކެވެ. އީރާނުގެ ނިއުކްލިޔާ ގިނަ މަރުކަޒުތައް ހުންނަނީ ފަރުބަދަތަކުގެ އަޑީގައި ކަމަށްވާތީ އެތަންތަނަށް ވައިގެ މަގުން ހަމަލާދީގެން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ހުއްޓުވިދާނެކަމުގެ އެއްވެސް ޔަގީންކަމެއް އެމެރިކާއާއި އިސްރާއީލަކަށް މިހާރު ނެތެވެ.

އަނެއްކޮޅުން އީރާނަށް ހަމަލާދީފިނަމަ އީރާނުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރައްދު ހަމަލާދީ އެތަންތަން ހަލާކުކޮށްލާނެކަމުގެ ކަންބޮޑުވުން ވެސް އެދެގައުމު އިޙްސާސް ކުރެއެވެ. އެހެންކަމުން އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދިޔަ ނުދޭނެކަމަށް ބުނެ އިންޒާރުތައް ދިނުމާއި އީރާނުގެ ސައެންޓިސްޓުން މެރުންފަދަ ޓެރަރިޒަމްގެ އަމަލުތައް އީރާނާ ދެކޮޅަށް ހިންގުން ފިޔަވައި އެހެންކަމެއް އީރާނާ ދެކޮޅަށް ކުރާކަށް އިސްރާއީލަކަށް ނުކެރެއެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އިސްރާއީލަށާއި އެމެރިކާއަށް އެއްވެސް ވަރަކަށް ހަޖަމު ކުރެވޭ ކަމެއްނޫނެވެ. އަދި އީރާނުން މިސައިލް ޓެކްނޮލޮޖީއާއި ޑްރޯން ޓެކްނޮލޮޖީއާއި އެނޫންވެސް ކޮންވެންޝަނަލް ހަތިޔާރު ތަރައްގީ ކުރުމަކީވެސް އިސްރާއީލަށާއި އެމެެރިކާއަށް ހަމަޖަމު ކުރެވޭކަމެއް ނޫނެވެ.

ޕޫޓިންއާއި އީރާނުގެ ރައީސް

އެމެރިކާގެ ރައީސް ޖޯ ބައިޑެން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިސްރާއީލަށާއި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރުން ސައޫދީ އަރަބިއާ އަށެވެ. އިސްރާއީލުގައި ދެދުވަހު ބައިޑެން މަޑުކުރައްވައި އިސްރާއީލަށް މާލީ އެހީއާއި ޓެކްނޮލޮޖީ ދިނުމާއި ހިމާޔަތް ދިނުމުގެ އެތަށް އެއްބަސްވުމެއްގައި މިހާރުވަނީ ސޮއިކުރައްވާފައެވެ.

ނަމަވެސް އިސްރާއީލު ވެރިވެގެންފައިވާ ފަަލަސްތީނުގެ ހުޅަނގު އައްސޭރީގައި ބައިޑެން މަޑުކޮށްލައްވާ ގޮތަށް ހަމަޖެހިފައިވަނީ އެންމެ ދެތިން ގަޑިއިރުއެވެ. އެއީ ރައީސް މަހްމޫދު އައްބާސް އާ ބައްދަލުކޮށް ލެއްވުމަށެވެ. ބައިޑެންގެ ދަތުރުފުޅުގެ އެޖެންޑާގައި ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމާބެހޭ އެއްވެސް ކަމެއް ނެތެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަަކަތައް ފަށައި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި ފަލަސްތީނުގެ ހައްގުތައް އަނބުރައި ދީ ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމާބެހޭ އެއްވެސް ކަމެއް ނެތެވެ. ފަލަސްތީނަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސް އާ ބައްދަލުކުރެއްވުމަށްފަހު ޖޯބައިޑެން އިއުލާން ކުރައްވާގޮތަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ.ގެ އުންރުވާ ޖަމާއަތަށް އެމެރިކާއިން އިންސާނީ އެހީގެ ގޮތުގައި ފައިސާ ކޮޅެއް ހަދިޔާ ކުރާނެ ކަމުގެ ޚަބަރެއް އެކަންޏެވެ. ދެން ފަލަސްތީނުގެ ދައުލަތެއް އުފެދެން ޖެހޭކަމަށް ބުނެ ޒަމާނުއްސުރެ އެެމެރިކާ ދައްކާ ވާހަކަތައް ތަކުރާރުކޮށްލުމުން ފަލަސްތީނަށް ފުދޭނެކަމަށް އެމެރިކާ ދެކެއެވެ.

ފަލަސްތީނަށްފަހު ދެން ބައިޑެން ވަޑައިގަންނާނީ ސައޫދީ އަރަބިއާއަށެވެ. ސައޫދީ މަސްއޫލުވެރިންނާ ބައިޑެން ދައްކަވާ ވަހަކަތައް ބިނާކުރައްވާނީ ޔަމަންގެ ހަނގުރާމައާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާތީ ތެލުގެ އަގު ހެޔޮ ކުރުމަށްޓަކައި ސައޫދީން ތެޔޮ އުފައްދާ މިންވަރު އިތުުރުކުރުމަށް ބާރުއެޅުމާބެހޭގޮތުންނެވެ.

ބައިޑެންގެ ދަތުރުފުުޅުގެ އެޖެންޑާގެ އެންމެ މުހިއްމު ކަމަކީ ސައޫދީ ހިމެނޭގޮތަށް ގަލްފު ކޯޕަރޭޝަން ކައުންސިލް ގެ ގައުމުތަކާއި މިސްރާއި އުރުދުން އަދި އިރާގުގެ އިސްވެރިންނާއެކު ސައޫދީގައި ޚާއްސަ ސަމިޓެއް ބޭއްވުމެވެ. ވައިޓް ހައުސް ބުނާގޮތުން މިސަމިޓްގައި ބައިޑެން އިސްކަން ދެެއްވާނީ އަރަބި ގައުމުތަކުގެ މައްޗަށް އެކުލެވޭ މެދުއިރުމަތީގެ ނިޒާމުގައި އިސްރާއީލު ބައިވެރިކޮށް އަރަބި ގައުމުތައް އިސްރާއީލާ ގާތްކުރުވުމުގެ މައްޗަށެވެ.

މިސަމިޓްގައި ބައިވެރިވާ އަރަބި ގައުމުތަކުގެ ތެރެއިން މިސްރު، އުރުދުން، ޔޫއޭއީ، އަދި ބަހްރައިން އަކީ އެމެރިކާގެ ނުފޫޒާއެކު އިސްރާއީލާ ގުޅުންތައް އުފައްދާފައިވާ ގައުމުތަކެވެ. ސަމިޓްގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން އިސްރާއީލާ ގުޅުންތައް އުފައްދާފައިނުވާ ގައުމުތަކަކީ އިރާގު، ކުވައިތު، ސައޫދީ އަރަބިއާ، ގަތަރު އަދި އުމާން އެވެ.

މިފަސްގައުމު އިސްރާއީލާ ގުޅުން އުފެއްދުމަށް އެގައުމުތަކުގެ ވެރިންނަށް ސަމިޓްގައި ބައިޑެން ބާރުއަޅުއްވާނެއެވެ. މީގެތެރެއިން އިރާގަކީ އިސްރާއީލާ ގުޅުން އުފެއްދުމަކީ ޖިނާއީ ކުށެއްކަމަށް ގާނޫނެއް ފާސްކޮށްފައިވާ ގައުމެކެވެ. ގަތަރަކީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާ ގައުމެކެވެ.

ސައޫދީއަކީ ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބާއްވާ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ މިހާރު އަޅާނުލާ ގައުމެކެވެ. ނަމަވެސް ސައޫދީން އިސްރާއީލާ ގުޅުން އުފައްދައިފިނަމަ އިސްލާމީ ދުނިޔޭގައި ސައޫދީގެ އަގު ވެއްޓި ސައޫދީއަށް ކުރާ އިހުތިރާމު ގެއްލިގެންދާނެތީ އެމެރިކާ ބާރުއެޅި ނަމަވެސް އިސްރާއީލާ ފާޅުކަންބޮޑު ގޮތެއްގައި ގުޅުންތައް އުފެއްދުމަކީ ސައޫދީ އަށް ކުރަން ފަސޭހަ ކަމެއްނޫނެވެ.

މިސަމިޓުން ހާސިލް ކުރަން އެމެރިކާ ބޭނުންވާ އަނެއްކަމަކީ ފަލަސްތީނުގެ މައްސަލައަކީ ނެތްމައްސަލައަކަށް ހަދައި އަރަބި ނިޒާމުގެ ތެރެއަށް އިސްރާއީލު ވެއްދުމެވެ، މިކަމަށްޓަކައި އިސްރާއީލު ހިމެނޭގޮތަށް އަރަބި ގައުމުތަކާއި އެމެރިކާ ގުޅިގެން "އަރަބި ނޭޓޯ" ގެ ނަމުގައި އަސްކަރީ ޖަމާއަތެއް އުފެއްދުމާބެހޭގޮތުން ބައިޑެން މިގައުމުތަކުގެ ވެރިންނާ މަޝްވަރާ ކުރައްވާނެއެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މި އަސްކަރީ ޖަމާއަތުގެ ބޭނުމަކީ އީރާނާ ކުރިމަތިލުމެވެ. އެމެރިކާ ގެންދަނީ އަރަބި ގައުމުތަކަށް އޮތް ސަލާމަތީ ނުރައްކަލަކީ އިސްރާއީލުގެ ބަދަލުގައި އީރާންކަމަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާއަށް ބޯލަނބާ އަރަބި ގައުމުތަކަށް މިކަން ވިސްނައިދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެގެން އުޅޭހާ ހިދަނކު އަރަބި ރައްޔިތުން މިކަން ބަލައެއް ނުގަންނާނެއެވެ. ޔަހޫދީންނަކީ ކޮންބައެއްކަން އަރަބި އާންމުންނަށް އޮޅުވާލުމުގައި އެމެރިކާއަށް ކާމިޔާބެއް ނުލިބޭނެއެވެ.

ޚުދުމުޚްތާރު ރަސްކަމުގެ ނިޒާމުތައް އޮންނަ ގަލްފުގެ އަރަބި ގައުމުތަކާއި އުރުދުން، އަދި ޚުދު މުޚްތާރު ރިޔާސީ ނިޒާމެއް އޮންނަ މިސްރުފަދަ ގައުމުތަކުގެ ވެރިން ފަހަރުގައި ސިޔާސީ ބޭނުމެއްގައި މިކަން ބަލައިގެންފާނެއެވެ. އެގައުތަކުގެ ވެރިން މިކަން ބަލައިގަންނާނީ އެބޭފުޅުންގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމުތައް އެމެރިކާގެ އެހީގައި ހިމާޔަތްކޮށް ހުޅަނގުން ޕްރޮމޯޓްކުރާ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ފަދަ ކަންކަމުން ސަލާމަތް ވުމުގެ ބޭނުމުގައެވެ.

އިސްރާއީލާ ގާތްވުމުން ނޫނީ ގުޅުންތައް އުފެއްދުމުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ފަދަ ކަންކަމުގައި އެމެރިކާއާއި ޔޫރަޕުން ޕްރެޝަރު ނުކުރާނެކަމުގެ ޔަގީންކަން އެގައުމުތަކުގެ ވެރިންނަށް އޮވެއެވެ. ނަމަވެސް އިސްރާއީލު ހިމެނޭގޮތަށް އަރަބި ނޭޓޯ އެއް ހަދައިގެން އީރާނާ ދިމާކުރުމަކީ މިގައުމުތަކުންވެސް ކުރާނެ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން އީރާނުގެ ރައްދު ހަމަލާތައް ގަލްފުގެ ތެލުގެ މަރުކަޒުތަކަށް އަަންނާނެކަން ޔަގީންވާތީއެވެ.

ގަލްފުގެ ގައުމުތަކަކީ އީރާނާ އަސްކަރީ ގޮތުން ކުރިމަތިލެވޭ ވަރުގެ ގައުމުތަކެއް ނޫނެވެ. އަނެއްކޮޅުން އެއީ އެގައުމުތައް ބޭނުންވާނެ ކަމެއްވެސް ނޫނެވެ. އެއީ އެކަމުގެ ނުރައްކާ ބޮޑުކަމުންނެވެ. ދެކޮޅުވެރިކަން އޮތްނަމަވެސް ސައޫދީ މިހާރުވެސް ގެންދަނީ އީރާނާ ގުޅުންރަނގަނޅު ކުރުމަށްޓަކައި އިރާގު މެދުވެރިއަކަށް ވެގެން އީރާނާ ވާހަކަދައްކަމުންނެވެ.

ޔޫއޭއީ އިސްރާއީލާ ގުޅުން ގާއިމް ކުރިނަމަވެސް ޔޫއޭއީވަނީ އެގައުމުގެ އެއްވެސް ސަރަހައްދެއް ބޭނުންކޮށްގެން އީރާނަށް ނުރައްކާ ކުރުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނެކަމުގެ ޔަގީންކަން އީރާނަށް ދީފައެވެ. އަދި އީރާނުގެ އެއްވަނަ ވިޔަފާރި ޕާޓްނަރަކީވެސް ޔޫއޭއީ އެވެ. ޔޫއޭއީގެ އިސްވަފްދެއް މިހާރުވެސް އީރާނަށް ވަޑައިގެން އެބައުޅުއްވައެވެ.

އީރާން ވަނީ އިސްރާއީލާ ގުޅިގެން އީރާނަށް ކުޑަވެސް ގެއްލުމެއް ދީފިނަމަ ހީނުކުރެވޭފަދަ ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. އަދި ޔަހޫދީންނާ ގުޅިގެން އަރަބިންނަށް ވާނެ ފައިދާއެއް ނޯންނާނެކަން އީރާން ގެންދަނީ ބަޔާން ކުރަމުންނެވެ.

ބައިޑެން ބައެއް އަރަބި ގައުުތަކުގެ ވެރިންނާއެކު ސައޫދީ ގައި އީރާނާ ދެކޮޅަށް ސަމިޓް ބާއްވާ ވަގުތާ ދިމާކޮށް އީރާނާއި ތުރުކީއާއި ރަޝިއާގެ އިސްވެރިންވެސް ގެންދަވަނީ އީރާނުގައި އެތިން ބޭފުޅުންގެ ސަމިޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

އެހެންކަމުން ބައިޑެން ބައެއް އަރަބި ގައުމުތަކާއި އިސްރާއީލު ހިމަނައިގެން އީރާނާ ދިމާކުރުމުގެ ނަމުގައި އަރަބި ނޭޓޯއެއް ހެދިނަމަވެސް އެކަން އަމަލީކަމަކަށް ނުވާނެއެވެ. އެކަން އޮންނާނީ ހަމައެކަނި ނަމެއްގައެވެ. އީރާނަށް ގެއްލުން ދޭން ގަލްފުގެ އަރަބިންނާ ގުޅިގެން އެމެރިކާ ރާވާ އެއްވެސް ކަމެއް ކާމިޔާބު ވެފައެއް ނުވެއެވެ.

އެމެރިކާ 1980 ގެ އަހަރުތަކުގައި ސައްދާމް ހުސައިން އާ ގުޅިގެން އިރާގު ލައްވައި ގަލްފުގެ މާލީއެހީއާއެކު އީރާނާ ދެކޮޅަށް 8 އަހަރު ކުރި ހަނގުރާމައިންވެސް އެންމެފަހުން ބަލިވެ ނިކަމެތިވެގެން ދިޔައީ އިރާގެވެ. ހާލުގައި ޖެހުނީ އިރާގެވެ. ޖެހުނީ އިރާގާއި ގަލްފުގެ ގައުމުތަކެވެ. އެމެރިކާ އެންމެފަހުން އިރާގަށް އަރައި ސައްދާމް އަވަހާރަކޮށްލީއެވެ.

comment ކޮމެންޓް