ވާރޭގައި ވީ ހިޔަނިތައް 1

"އުފާވެރިކަމަކީ ފައިސާއާއި ނުފޫޒުން ގަނެވޭނެ އެއްޗެއް ނޫނެވެ. ތިމާއަށް ލިބިފައި ހުރި ގިނަގުނަ ނިއުމަތްތަކަށް ޝުކުރުކޮށް ދުނިޔެއަކީ ވަގުތީ ފާލަމެއްކަން ދަނެ ﷲއަށް ހަމްދުކުރާށެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަދުމަކުރުމުންނެވެ."

***

ހައިސަމްއާއި ޚަލީސީ ރިސޯޓް ކޮޓަރިއެއްގެ އެނދުގައި އޮށޯވެލައިގެން ތިބިއިރު ބޯވަޔާއެކު ކަނޑުގެ ރުޅިވެރި ރާޅުތަކުގެ އަޑު އެއްވާނަކަށް އިވެމުން ދިޔައެވެ. ދޭތެރެއަކުން ޖެހިލާ ބާރު ވަޔާއެކު ދޮރުތަކުގެ ބިއްލޫރިތައްވެސް ފުނޑުވެގެން ފައިބައިގެންފާނެއޭ ހީވާ ފަހަރުވެސް އާދެއެވެ. ކުޑަދޮރުތަކަށް އެޅެމުން ދިޔައީ ވިދުވަރުގެ ހުދު އައްޔެވެ. ގުދުރަތީ ތަފާތު އަޑުތަކުން އެ ދެމަފިރިންވެސް ހިތްހަމަޖެހުން ލިބިގަންނަމުން ދިޔައެވެ. ކޮޓަރީގައި ހުރި އުއްބައްތި ވިރެމުން ދިޔައިރު ތަނުގައި މަޑު މީރުވަހެއް ހިފާލާފައިވިއެވެ.ފަޒާގެ ފިނިކަމާއި އޭސީގެ ފިނިކަން އެކުވެ ފިނި މޫސުމްގެ އިހުސާސްތައް ކުރުވައެވެ. ހައިސަމްގެ ދެމަފިރިންވެސް މިފަދަ ތޫފާނީ ރޭތަކަށް ލޯބިކުރެއެވެ.

"ސޭމްއާއި ދުރުގައި ހުންނަން ބޭނުންނުވާތީ ހަމަ މިއައީ. ދެންވެސް ތިގެއަކަށް ނުގެންދާނަންތަ؟"

"ޚަލީސީއަށް މަންމަ ނޭގެނީ..."

"މަންމަ ސޭމްހާ ލޯބިއެއް ނޫންތަ؟"

"މަންމައަކީ މަގޭ ފަސްޓް ލަވް. ވަރަށް ލޯބިވޭ މަންމަދެކެ. މައްސަލައަކީ މަންމަގެ ޝަރުތުތައް. މަންމަ މެޑިސިންހަދަން ފޮނުވިއިރު ދިހަ ޝަރުތެއްކުރި. އެއް ޝަރުތަކީ ރާއްޖެއިން ބޭރު މީހަކާއި ކައިވެނި ނުކުރުން. ދެވަނަ ކަމަކީ އެކުއްޖަކީ ޑޮކްޓަރަކަށް ވުން. ތިންވަނަ ކަމަކީ މަންމަ ބުނާ މީހަކާއި އިނުން. ދީނީ ކުއްޖަކަށް ވުން. ބުރުގާ އަޅަން ޖެހޭ. ގެވެހިވާން ޖެހޭނެ..އަދިވެސް ހަތަރު ޝަރުތެއް. ހަނދާނަކަށްވެސް ނައި. މަންމަ ބުނާ ޝަރުތުތައް ހަމަ ކުއްޖެއް ހޯދާފައި އެބަހުރިކަމަށް ވަނީ. މަންމައަށް ހާޓްކުރާކަށް ބޭނުމެއްނޫން. އެހެންވެ ބުނީ ދުވަސްކޮޅަކު މަންމަ ކައިރީ ހުރެފައި ދޭތެރެއަކުން ޚަލީސީ ކައިރިއަށް ޖައްސާލާނީއޭ އެކަމަކު ޔޫ އާ ހިއަރ. ދެން މިހާރު ބޯ ގޮވާކަހަލަ ކަމަކާއި ނު މި ދިމާވީ......." ހައިސަމް އޮތީ ނިތްމަތީގައި އަތް ބާއްވައިގެންނެވެ.

"އޯ ގޯޑް. އަހަރެން ބުރުގާވެސް ނާޅަން. ދީނީއެއްވެސް ނޫން....."

"އާނ. އެވާހަކައޭ. މަންމަ ޚަލީސީގެ މޫނުމަތީ ދޮރު ލައްޕާލާނެކަން ޔަގީން...."

"މަންމަ އެހާ ރުޅިގަދަ މީހަކީތަ؟"

"މަޖާވެސް ވާނެ. އެކަމަކު މަންމަ އެކަހަލަ ކަންތައްތަކުގައި ރޫލްސް ވަރަށް ގިނަ.. އެހެންނޫނަސް ޚަލީސީއަށް މަންމަގެ ގޭގައި ހުންނަން ވަރަށް އުދަގޫވާނެ. ކޮންމެވެސް ވަރަކަށް ހޯންޓެޑްއޯ. ޖިންނީގެ އުދަގޫތައް ދޭތެރެއިން ފޯރާކަމަށް ބުނަނީ. ދުވަސްވީ މުސްކުޅި ގެއެއްވީމަ އަވަލާފައި ހުރެދާނެ ދޯ................." ހައިސަމް ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް ޚަލީސީއާއި ދިމާލަށް އެނބުރުނެވެ.އެ އަލީގެ ތެރެއިންވެސް ކަޅު ނޫ ދެލޯ ފެނުނީ ފާހަގަކުރެވޭފަދަ ގޮތަކަށެވެ. އޭނަގެ އެންމެ ރީތި ސިފައަކީ އެއީއެވެ.

"ކަމޯން ސޭމް. ހަމަ ގަބޫލުކުރާތީ ތިހެން ބުނީ؟ އެއީ ހަމަ ވާހަކަތަކުގައި އުޅޭ އެއްޗެއް. މަވެސް ވަރަށް ފޯރިއާއެކު ސުޕަނެޗުރަލް އެބަ ބަލަން. އެ ހަމަ ފިކްޝަނަލް.. ތިބުނާ އެއްޗިއްސަކީ އިންސާނުންގެ ސިކުނޑީގައި އުޅޭ އެއްޗެހި. ތި ރޫހާނީ އެއްޗިއްސާއި ސައިންސް އަރައިރުންވޭ. ސައިކޮލޮޖީ ކިޔެވިފަހުން މުޅިން އެ ބައި ދަސްވެ ހުރިހާ ރޫހާނީ އެއްޗެއްސަކީ ދޮގެއްކަން ޔަގީންވެއްޖެ. ހޫމް ސޭމް އައިޑިއާއެއް ދީބަލަ. ކިހިނެއް ތިގޭގައި ހުންނަން ހަދާނީ؟" ޚަލީސީ ހައިސަމްގެ އަތުގައި ހިފާ ކުސް ތަޅައިގަތެވެ."ޕްލީޒް ޕްލީޒް. ދެމީހުން މެރީކޮށްގެން ދުރުގައި ނުބަހައްޓަބަލަ..ކޮން ފޮތެއްގައި އޮންނަނީ އަނބިމީހާ ދުރުގައި ބެހެއްޓުން. ހޯމް ބްރޭކް ވެދާނެ...."

"ޚަލީސީއަކީ ހަޒަލްގެ ފްރެންޑެއްކަމަށް ބުނެފައި ދުވަސްކޮޅަކަށް އެގޭގައި ބަހައްޓަން ބުނާނީ. ހޮސްޕިޓަލުގެ ޖޮބަކަށް އެޕްލައި ކޮށްގެން އިންޓަވިއުއަކަށް އައީއޭ ބުނީމަ މަންމަ ގަބޫލުކުރާނެ...."

"ހަޒަލް އެއްބަސްވާނެދޯ......"

"ނުވާންވީ ކީއްވެތަ؟އަހަރެމެންގެ ގޭގައި ހުންނަން ނިންމީ ގޯސްޓް ހަންޓްކުރާ ކުއްޖެއްވީމަ ގޯސްޓަކާއި މީޓްކުރަންވެގެންނޭ ދޯ ބުނާނީ......"ހައިސަމް ތެދުވެ އެނދުގައި އިށީނެވެ." މިރޭ ހަޒަލް އަންނާތީ މަންމަ ވަރަށް އެކްސައިޓްވެފައި ހުންނާނީ. އެހެންވީމަ މަންމައަށް ޓައިމް ދީފައި ދެދުވަސްފަހުން ގެއަށް ގެންދާނަން އިނގޭ....."

"އޯ ނޯ...ހަޒަލްމެންގެ ފްލައިޓް ލޭންޑްކޮށްފާނެ ކަން ނޭގޭ.. މަންމަ ވަރަށް ރުޅި އަންނާނެ ނުގޮއްސިއްޔާ. ޑިއުޓީގައޭ ކިޔާ ދޮގުހަދައިގެން އަދި ވައިފް ކައިރީ މިއޮތީ. އަވަހަށް ނައްޓައިލަންވީ. ގުޑް ނައިޓް ލަވް." ހައިސަމް އަވަހަށް ގަދަ ނޫކުލައާއި ކަޅުކުލައިގެ ޓީޝާޓެއް ބޮލަށް މަހައިލަމުން ނިކުންނަން ހިނގައިގަތެވެ.

"ގެއަށް ގޮސް މަންމަގަ ހިތް އަތުލެވުނުއިރަކުން މިއީ މަންމަގެ ޅީދަރިކަން އެނގިއްޖެއްޔާ އޯކޭވާނެހެން ހީވޭ....." ޚަލީސީ އޭސީގެ ފިނި މަޑުކޮށްލިއެވެ. އަދި ރަޖާގަނޑު ތެރޭ ފޮރުވިގަތެވެ.

ވަރަށް އުދަގޫ ކަމެކޭ ބުނަން އުޅެފައިވެސް ހައިސަމް ހީލުމަކުން ފުއްދައިލިއެވެ.

އޭނަގެ މަންމަ ރޯޒަލީގެ މިޒާޖުގައި ހަރުކަށިކަމާއި ގޮތްދޫނުކުރުން އަދި ރުޅިގަދަކަން ހުންނައިރު ދަރިންދެކެ އިންތިހާއަށް ލޯބިވާ މަންމައެކެވެ. ހުރިހާ ގުރުބާނީތަކެއްވަނީ ދަރިންގެ ކުރިމަގާއިމެދު ވިސްނާފައެވެ. އޭނަގެ ހުވަފެނަކީ ތިމާއަށް ތައުލީމު ހާސިލް ކުރުމުގެ ނަސީބު ނުލިބުނަސް ހުރިހާ ކުދިން ގަދަރުވެރި ޑޮކްޓަރުންނަށްވެ އަދި ޑޮކްޓަރުންނާއި ކައިވެނިކުރުމަށް ކަމުގައި އަބަދުވެސް ބުނެއެވެ. ރޯޒަލީގެ ކުރީގެ ކައިވެނި ބަރުބާދުވީ މައިދައިތައާއިހެދި ކަމުގައި އޭނަ ދެކުނެވެ. އެކިގޮތްގޮތަށް ނުފޫޒާއި ބާރުގެ ބޭނުންކޮށް ދޮގުތައް ހަދާ ފިރިމީހާއަށް އޮޅުވައިލާ އޭނަ ގެއިން ނެރެލީއެވެ. އޭރު ރޯޒަލީގެ ތިބީ ދެކުދިންނެވެ.ހައިސަމް އާއި ޖައިޝްއެވެ. ދެން ތިބީ ދެވަނަ ކައިވެންޏަށް ލިބުނު ކުދިންނެވެ.ކުދިން ކުޑައިރު ޖިޔާދުވެސް ރޯޒަލީ ދޫކޮށް ދިޔުމުން ހުރިހާ ދަރިން ބަލަންވެގެން ބުރަމަސައްކަތްކޮށް ފައިސާ ހޯދިއެވެ. ހައިސަމް އާއި ޖައިޝްއަށް މުއްސަދި ބައްޕަ ޚަރަދުކުރިޔަސް ސިއްރުން ރޯޒަލީ ދިން އެހީތައްވެސް މަދެއް ނޫނެވެ. ހައިސަމްއާއި ޖައިޝް ތައުލީމް ހާސިލުކުރީ ޔޫކޭއިންނެވެ. ހަޒަލްއާއި ރާހިލް މެޑިސިން ހަދަން ދިޔައީ ރޯޒަލީ އެއްކުރި ފައިސާއާއި ލޯނަކުންނެވެ. ދަރިން ގަދަރުވެރި މޮޅު މީހުންނަށްވުމުން ރޯޒަލީއަށް ފަޚުރުވެރިކަމާއެކު ދުނިޔެއާއި ކުރިމަތިލެވޭނެއެވެ.

***

"ރޯޒް މެހެލް" އިމާރާތްކޮށްފައިވަނީ ރަށުގެ އެންމެ އެކޮޅުގައިކަމުން ދަނޑުތަކާއިއެކު ކުޅިވެސް އޮންނަނީ އެގޭގެ ބިއްދޮށުގައި ކަހަލަ ގޮތަކަށެވެ. ގުދުރަތީ މަންޒަރުތަކުން މުއްސަދިވެފައިވާ ހިތްގައިމު ސަރަހައްދެކެވެ. ބޯ ގަސްތައް ގިނަކަމުން ފެހިކަން ގަދައެވެ. އެގެއަކީ ރޯޒަލީއަށް ބައްޕަގެ ފަރާތުން މިލްކުވި މުސްކުޅި ގެއެކެވެ. ގޯތި އެހާ ބޮޑެވެ. ހިރިގަލުން އިމާރާތްކޮށްފައިވާ އެގެ ތަނަވަސްވެފައި ކޮޓަރިތައް ބޮޑެވެ. ހުރީ މުޅިންވެސް އާސާރީ މުދާތަކެވެ. ހައިވަކަރު ދޮރުތަކާއި ފަރުނީޗަރުތަކެވެ. ރަސްކަލުން ނިދާފަދަ ޝާހީ އެނދުތަކެވެ. ފެންވަރާ ކޮޓަރިތަކުގައި ބޮޑެތި ބިލިގާތަކެވެ. ވަޅުކޮޓަރިއަކާއެކު ހުންނަ ނަމާދުގެއަކީ އެގޭގެ އެންމެ ހިތްގައިމު ބަޔެވެ.

އޮރެންޖް ސަމާލު ނެރެފައިވުމުން ގަދައަށް ވިއްސާރަކުރާނެކަން އެނގިފައި އޮތަސް މިހާ ރުޅިވެރިކަމާއެކު ދުނިޔެއާއި ކުރިމަތިލާނެކަމަކަށް އެކަކުވެސް ހިޔެއްނުކުރެއެވެ.ގަދަ ވައިގެ ހަމަލާތަކުން ފުރާޅުތައް ހަލުވައިލަމުން ފަޒާ ގުގުމަމުން ދިޔައީ ތޫފާނެއްގެ ބިރުވެރިކަން އިއުލާންކުރަމުންނެވެ. ދޭތެރެއަކުން ހޮނު ގުގުރީގެ ގަދަ އަޑުން ކަންފަތްވެސް ބައްވެދާނެހެން ހީވިއިރު ވިދުވަރުގެ އަލި އުޑުމަތިން ހުދު ރޮގުތަކެއްހެން ކެނޑެމުން ދިޔައެވެ. ގިނަ މީސްތަކުން ތޫފާނުގެ ސަބަބުން ބޭރަށް ނުނިކުމެ ކޮންމެވެސް ހިޔާވެއްސެއްގެ ހިމާޔަތް ހޯދިއެވެ. ހޫނު ކޮފީއަކާއިއެކު ރަޖާގެ ހޫނުކަން ލިބިގަންނަން ބޭނުންވާފަދަ ރެއެކެވެ.

އެއާޕޯޓަށް ދާން ތައްޔާރުވަމުން ދިޔަ ރޯޒަލީ ކުޑަދޮރުގެ ފަރުދާތައް ކަހާލާފައި ބޭރަށް ބަލައިލިއިރު ގަސްތައް ހޫރޭތަނާއި ފަތްތައް އެކި ދިމާލަށް ވިހުރުވިގެންދާތަން ފެނުނެވެ. އަނދިރިކަމުގެ ތެރެއިން ގަސްތަކުގެ ގޮފިތައްވެސް ފުރޭތަތަކުގެ އަތްތައް ފަދައިން ކަޅުކުލައިގާ ފެންނާން ހުއްޓެވެ.

ރޯޒަލީ އެމާގެ ކޮޓަރި ހުޅުވައިލިއިރު އޭނަ ފޯނުން ކޮންމެވެސް އެއްޗެއް ބަލަން އޮތެވެ. އެމާއަކީ ރޯޒަލީގެ ދޮންދަރިއެކެވެ. އެކުއްޖާގެ މަންމަ ނިޔާވުމަށްފަހު ދަރިއެއްހެން ބަލާ ބޮޑުކުރުމުން އެހެން ކުދިންފަދައިން ކުލުނު ޖެހިފައިވިއެވެ.

"އެމާ. ދަރިފުޅު. އަވަސްކުރޭ. ދޮންތަ ބަލާ ދާ ގަޑިޖެހެނީ..."

"މިތައްޔާރުވަނީ މަންމާ......"

"މިހާވަރުން ފްލައިޓް ދުއްވަން ކައްޕިތާނަށް ކެރޭނެތަ؟ ކަނޑުގައި އޮތް ބޮއްކުރާއެކޭ އެ ބޯޓުގަނޑު ތަފާތެއްނުވާނެ. މަގޭ ދަރިއަށް ސަލާމަތުން އާދެވިއްޖެއްޔާ ނަސީބެއް................... "ރޯޒަލީ ހަޒަލްއަށް ގުޅަން މަސައްކަތްކުރިއެވެ. ބުނަނީ ފޯނުގެ ސްވިޗް އޮފްކޮށްފައިވާކަމުގައެވެ." އެ މޮޔަ ކައްޕިތާނު މިއޮތް ތޫފާނީ ރޭގައި ވަޔާއި ހަގުރާމަކުރަން ނުކުތީކަމަށްވާނީ....."

"ހަޒަލްގެ ކޮޓަރީގައި އުއްބައްތިވެސް ޖަހާފައި ބަހައްޓަންވީ.މިކަހަލަ ރޭތަކުގެ ހަނދާންވަނީ ފުޅި ބައްތި ޖަހައިގެން އުޅުނު ޒަމާން. އޭރުވެސް އަހަރެމެން އެހާ ބިރަކުން ނޫޅެން. ވިއްސާރަވިޔަސް މިއީ ކޮންފަދަ ޚާއްސަ ނަލަ ނަލަ ރެއެއް.މަގޭ ހަޒަލް ޑޮކްޓަރުކަން ކިޔަވައިގެން އެނބުރި ރަށަށް އައުމަކީ ކޮންފަދަ ބޮޑު ފަޚުރެއް. ވާރެއަކީވެސް ރަހުމަތެއް. އެތައް ދުވަހެއްކޮށްފައި ވިއްސާރަ ވާންފެށީ......."

ރޯޒަލީ ހަޒަލްގެ ކޮޓަރިތެރޭގައި އުއްބައްތިތައް ޖަހާ ރީތިކޮށްލުމަށްފަހު ހައިސަމްއަށް ގުޅިއެވެ. ހައިސަމް ބުނީ ދާދި އަވަހަށް ކައިރި ކުރާނެކަމުގައެވެ. އޭރު ވާރޭވެސް ބޯ ކޮށްލައިފިއެވެ."އެމާ.... ހައިސަމް އައިސްފި......"

އެމާ ނުކުތީ އަތުގައި ލޯޝަން އުނގުޅަމުންނެވެ." އަދި ކާރުނެތެއްނު......."

"މަންމަ ބަސްއަހާ ދަރިއެކޭ.ވަރަށް ބަލައިގެން ކާރު ދުއްވާނީ. އެހެންވެ ލަސްވަނީ........."

"އޯ. އަދި ނާދޭ ދޯ...........އޯކޭ މަންމާ. ވަން މިނިޓް މިއަންނަނީ....."އެމާ ދޮރުމައްޗަށް އަރާފައި ކާރު ފެންނަން ނެތުމުން އަނެއްކާ އެތެރެއަށް ވަދެގެން ދުއްވައިގަތެވެ. ތުންފަތުގައި ލިޕްގްލޮސް ހާކާލުމަށްފަހު ލޯ އަނދުނުން ފަވައިލިއެވެ.

ކާރު މަޑުކޮށްލާފައި ހައިސަމް ފޭބީ ކުޑައެއް ހިފައިގެންނެވެ. އޭނަގެ މަންމަ ރޯޒަލީ ގެންގޮސް ކާރަށް އަރުވާފައި ދޮރު ލައްޕާލަދިނެވެ. އެމާ ބަލާ ހައިސަމް އަންނަންދެން އިންތިޒާރުކުރުމެއްނެތި ދުވަމުންގޮސް އަވަހަށް ކާރުގެ އެތެރެއަށް ވަދެ ދޮރު ލައްޕައިލިތަން ފެނި ހައިސަމް ކުޑަކޮށް ބުމަ ކައިރިކޮށްލިއެވެ. އެމާ ބީރައްޓެހިކުއްޖެއް ހެން އުޅޭތީ ބައެއްފަހަރު ހައިރާންވެ އަންތަރީސްވެއެވެ. މިފަހަރުވެސް އެހާ ބާރަށް ދުވެފައި އައީ އޭނަ އާއިއެކު ނާންނަން ވެގެންނެވެ. ބޭބެއަށް ވުމުން އެހާ ލަދުން އުޅެން ޖެހޭނެކަމަށް އޭނަ ގަބޫލެއްނުކުރެއެވެ.

ހައިސަމް އެތައް އަހަރެއްވާންދެން ބޭރު ގައުމެއްގައި ކިޔަވަން ހުރެފައި އައުމުން އޭނައާއި ވާހަކަދައްކަން އެމާ ލަދުގަނެއެވެ. އެކަމަކު ރާހިލް ދުރުގައި ހުރެފައި އަޔަސް އޭނައާއި ސަމާސާކޮށް ސަކަރާތްޖަހާ ހަދަން ކެރެއެވެ.ވާނީ އެހެން ނޫންހެއްޔެވެ؟ އޭނައާއި ހައިސަމްގެ ލޭގެ ގުޅުމެއް ނެތެވެ. ހައިސަމްއަކީ ހިލޭ މީހަކަށް ވިޔަސް ރާހިލްއަކީ ބޭބެއެކެވެ.

***

ކާރުގެ ތެރޭގައި ހިފާފައިވާ މީރުވަހުގެ ސަބަބުން ހިތްތަކަށް ދިރުން ގެނުވިޔަސް އެމާއަށް އެވަހުން ލިބުނު އުފާވެރިކަން ދެމިއޮތީ ކުޑަ ހިނދުކޮޅަކަށެވެ. ކުއްލިއަކަށް ބޮލުގައި ރިހުމެއް އުފެދުނެވެ. އެހެންވާންވީ ސަބަބެއް ނޭގުނެވެ. މަޑުމަޑުން ނިތްކުރީގައި ފިރުމައިލެވުނެވެ.

"ބޮލުގައި ރިއްސަންފެށީ ދޯ.....މި ލުނބޯގައި ވަސް އަހައިލީމަ ރަގަޅުވާނެ.." ރޯޒަލީ ދަބަހުން ލުނބޯއެއް ނެގިއެވެ. އެމާގެ ހާލަތު އެނގޭތީ ކުރިއްސުރެ ތައްޔާރުވެގެން އައިފަދައެވެ.

"އެމާއަށް ކިހިނެއްވީ؟"ހައިސަމް ބުމަ އަރުވައިލިއެވެ.

"ކާރ ސިކްނެސް.." އެމާ ލުނބޯ ނޭފަތުގައި ޖައްސާލަމުން އެތެރެއަށް ނޭވާ ދަމައިލިއެވެ.

"ބިއްލޫރި ތިރިކުރުވައިގެން ނޫންގޮތަކަށް އެމާ ކާރަކަށް އަރައިފިއްޔާ ދުވާލު ހަތަރުދަން ޚަރާބުވީ. މިވަރަށް ވާރޭވެހެންޏާ ބިއްލޫރި ތިރިކުރެވޭކަށްވެސް ނޯންނާނެއްނު އެމާ...އެހެންވީމަ ރޯޒް މަންމަ ބުނަނީ ގިނައިން ކާރަށް އަރާށޭ. ގޭގައި އެހުންނަ އުނދޯލި ފެނުނަސް ތިމަންނަ ބޮލަށް އުދަގޫވެޔޭ ކިޔާނެ...ގިނަގިނައިން އުނދޯލި ހެއްލަނިކޮށް މިކަހަލަ ކަންތައްތަކަށް އާދަވާނެ. ނޫންތަ އެމާ..."

"އަދިވެސް މަންމަ އެ މުސްކުޅި އުނދޯލި އެއްލައިލާކަށް ނުވޭތަ؟"

"މާމައާއި ކާފަގެ ހަނދާންތައް....އެއްލާލާކަށް ނުކެރޭނެ...އެކަމަކު ބައެއްފަހަރު......." ރޯޒަލީ އެއްޗެއް ބުނަން އުޅެފައި ހިމޭންވިއެވެ.

"ހައިސަމް. ކޮންފަދަ މީރުވަސްދުވާ ސެންޓެއް ޖަހައިގެން ތިހިރީ......"

"މަންމައަށް މީގެ އަންހެން ސެންޓްފުޅިއެއް ދިނީމެއްނު..."

"އާނ. އާނ. އަދިވެސް އެފުޅީގެ މެދަކާއިހަމަޔަށްވެސް ނާދޭ.ޚާއްސަ މުނާސަބަތެއްގައި ނޫނީ މަންމަ ސެންޓް ބޭނުން ނުކުރަން..." ކުއްލިއަކަށް އައި ކެރި ގަނޑާއެކު ގަސްތައް ހޫރިގަތްތަން ފެނި އެމާ ރޯޒަލީގެ އަތުގައި ބާރަށް ހިފައިލިއެވެ."އެމާ. ދަތުރު ދުޢާ ކިޔައިފިންތަ؟ ހުރިހާ ކުދިން ދަތުރު ދުޢާ ކޮންމެހެންވެސް ކިޔަންވާނެ..ހަޒަލް ކައިރީވެސް ބުނިން ފުރިއިރުވެސް ދުޢާ ކިޔައްޗޭ....."

"އަޅުގަނޑު ދުއާ ކިޔައިފިން..."

"ގޭގައި އުޅޭ ޖިންނިން އަދިވެސް މަންމަމެންނާއެކު އުޅޭތަ؟" ހައިސަމް ކުއްލިއަކަށް އަހައިލިއެވެ.

"އެއީވެސް ﷲ ސުބުހާނަހޫ ވަތައާލާ ހެއްދެވި މަޚުލޫގުން. ހުރިހާތަނެއްގައިވެސް އުޅޭނެ. އެކަމަކު ގޯނާއެއް ނުކުރޭ. ގެއްލުމެއްނުދޭ..ވީއިރު ކޮން ބިރެއް..ޒިކުރުކުރަންޏާ އެފަދަ އުދަގޫތަކުން ސަލާމަތްވާނެ............."

"ރާހިލް ބުނި ކޮންމެ ރެއަކު އުނދޯލި ހެއްލާ އަޑު އިވިގެން ސިއްރުން ބަލައިލާއިރު އުނދޯލީގައި މީހަކު ނެތި މަޑުމަޑުން ހެއްލައޭ. ކިހާ މިސްޓީރިޔަސް ހެއްޔޯ. އެއީ ތެދެއްތަ؟"

"ރާހިލް ލާނެތްކަމުން އެހުރިހާ އެއްޗެއް ކިޔާނެ. އެހެންނޫނަސް ވަކި ރާހީގެ ބަޔަކަށް ޖިންނި އެއްޗެހި ފެންނާނީ. މަންމަމެންނަކަށް ނުފެނޭ. މަންމަވެސް ވަކި އެމީހުންނަށް ދޫނުކުރާނެ ވިއްޔަ.ރަށު ފުރޭތަ ރަށަށް ގަދަކަމަށް ވަންޏާ މަންމަމެންގެ ގެއަށް މަންމަމެންނަށް ގަދަނުވެވެންވީ ސަބަބެއްނެތް.........."

ވިއްސާރަ ރެއެއްގައި ދޮންމަންމައާއި ހައިސަމް ޖިންނިންގެ ވާހަކަތައް ދައްކަން ފެށުމުން އެ ވާހަކަ ހުއްޓުވަން ކުރާނެ ކަމެއް ނޭގުނެވެ. އޭނައަށް ރާހިލް އެބުނާ އަޑުތަކެއް ނީވެއެވެ. އިޝާނަމާދަށްފަހު ކިޔަވަން އިރުގަނޑެއްވާންދެން އިނދެފައި ނިދާގޮތަށް އަބަދުވެސް ހޭލެވެނީ ފަތިސް ނަމާދަށް ދޮންމަންމަ ގޮވުމުންނެވެ. އޭނަ ނިދިގަދަކަމުން މަންމަ އެވާހަކަ ބުނެއެވެ. ގޭގައި ރޯވިޔަސް އެމާއަށް ނޭގޭނެކަމަށް އެންމެން ކިޔާނެއެވެ. އެއީ ނަސީބެއް ނޫންހެއްޔެވެ؟އެމާ ހިންދިރުވައިލިއެވެ.

"އެމާ ނިދީތަ؟" ހައިސަމް އެހިއެވެ.

"ނޫން...."

"ބިރުން ތިއިނީ؟" ހައިސަމް ކާރުގެ ލޯގަނޑުން އެމާގެ ހަރަކާތްތަކަށް ބަލަން އިނދެފައި އެހިއެވެ. ދޮންމަންމަގެ ފަރާތުން ހިތްވަރުގަދަކަމާއި ބިރުކުޑަކަން އެމާއަށް ދަސްނުވިކަމީ ހިތާމައެކެވެ.

"ކުޑަކޮށް...."

"ސޮރީ އެމާ. ނުބައި ގަޑިއެއްގައި މި ވާހަކަ ފެށުނީދޯ. އަހަރެން ހީކުރީ މަންމައަށްވުރެ ބިރުކުޑަ ކުއްޖެއްކަމަށް......."

"ކުޑަކޮށް ނޫން. ރޭގަނޑުވެއްޖެއްޔާ ނިދެންދެން މަންމަނޫނީ ލައިލާގެ ފޫބުޑުގައި ޖައްސާފައި ހުންނަނީ. އެކަމަކު ނަސީބަކުން ނިދުމުން ކަންފަތް ކަނޑައިގަތަސް ހޭލައްވާކަށް ލާހިކެއްނޫން..." ރޯޒަލީ އެމާގެ ބޮލުގައި ފިރުމައިލިއެވެ."މިހާރު ރަގަޅުތަ؟ ބޮލަށް އެނބުރުން އަރަންޏާ ބުނާތި. ހައިސަމްގެ ކާރު ހަލާކުވިޔަސް ބިއްލޫރި ތިރިކުރުވާނަން...."

"މަންމަ ތިހާވަރަށް ސްޕޮއިލް ކުރާކަށް ނުވާނެ. މަ ވެސް މަންމަގެ ދަރިއެކޭ."

ރޯޒަލީ ހިނިގަނޑެއް ޖަހައިލިއެވެ.

"ހޫމް މަންމަ ބުނީމެއްނު ލައިލާއެކޭ. ލައިލާއަކީ ކާކު؟"

"އަވަށްޓެރިއަކު ގެންގުޅޭ ކުއްޖެއް. ކޮންމެ ރެއަކު ނިދަން މަންމަމެން ގެއަށް އަންނަނީ. އޭނަ ހުރުމުން އެކަނިވެރިކަން ފިލާ. ރާހިލް ކިޔާނީވެސް ޖިންނި ކުއްޖެކޭ. އެކުއްޖާ ދެރަވެގެން އެކަމާއި ރޮއިހަދާ. ރާހިލް އެކަންޏެއްނޫން. ވަރަށް ގިނަ މީހުން ހަންޑިއެކޭ ކިޔާ ދިމާކުރާނެ...."

"އެއީ ކީއްވެތަ؟"

"މަންމައަކަށް ނޭގޭ. މީހުން އަނގަ ހުރީމަ ހިތަށް އައި އެއްޗެއް ކިޔަނީނު..."

"ރާހިލްއާއިހެދި ޖިންނިންގެ ލައިފް ދެނެގަންނަން ބޭނުންވެއްޖެ. ބައެއްމީހުން ގަބޫލުކުރާ އެއްޗެއްވެސް ނޫން. ފުލޯކުއޭ ބުނާނީ..."ހައިސަމް ޝައުގުވެރިވިއެވެ.

އެވަގުތު ހައިސަމްގެ ފޯނު ރިންގްވާން ފެށުމުން ޗެކްކޮށްލިއެވެ. ވާރޭ ބޯކޮށްލުމުން އެކޮޅުން ކިޔާ އެއްޗެއް ސާފެއްވެސް ނުވިއެވެ. އޭނަ ވައިބާއިން ހަޒަލްއާއި ވާހަކަދެއްކުމަށްފަހު މަންމައަށް ބަލައިލިއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ.

ހައިސަމްގެ މިޒާޖު ކުއްލިއަކަށް ބަދަލުވިކަން އެމާއަށް ފާހަގަކުރެވުނެވެ. އެހެންވާންވީ ސަބަބަކާއިމެދު ނުތަނަވަސްވެ އެމާގެ ސިކުނޑިވެސް ހަލަބޮލިވެއްޖެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު