ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް، މިދިޔަ ހަފުތާގައި ޕޮޒިޓިވްވީ 771 މީހުން

މާލެ ސަރަހައްދުން 192 މީހަކު ވަނީ ފާއިތުވި ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފަ--- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތު ވި ހަފްތާގައި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި ތިން ވަނަ ދުވަހުން ފެށިގެން ޖުލައި ނުވަ ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއިން 771 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ކުރީ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 1،134 މީހުންނެވެ.

މާލެ ސަރަހައްދުން 192 މީހަކު ވަނީ ފާއިތުވި ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަތޮޅުތެރޭން 304 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން 275 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަފުތާގައި ޖުމްލަ 31 މީހަކު އެ ބަލީގައި އެނދުމަތިކޮށްފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ކޮވިޑާ ނުގުޅޭ ސަބަބުތަކެއްގައި މަރުވި 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މިހާތަނަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 183،491 އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 307އަށް އަރާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ އެކަމަށް ސަމާލުވުމަށް އެދިފައެވެ.

އެގޮތުން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އެދިފައިވާއިރު، ހައި ރިސްކު މީހުން ކޮވިޑް ވެކްސިނުގެ ހަތަރު ވަނަ ޑޯޒެއް ޖެހުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް