ތިނަދޫ މާރާމާރީގައި އަނިޔާވި މީހާ ފަރުވާއަށް ފަހު ދޫކޮށްލައިފި

ގދ. ތިނަދޫ--- ފޮޓޯ/ ޔާމިންފޮޓޯގްރާފާ

ގދ. ތިނަދޫގައި ދެ ބިދޭސީއަކު ހިންގި މާރާމާރީގައި އަނިޔާވި މީހާ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިނަދޫގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާކަން ފުލުހުންނަށް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ބިދޭސީ މީހާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ 'ސަން'އަށް ވިދާޅުވީ މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

comment ކޮމެންޓް