އަންނަ ހަފުތާގައި ގޮތަބަޔަ އިސްތިއުފާ ދެއްވާނެ: ލަންކާ ޕާލިމެންޓުގެ ރައީސް

ގޮތަބަޔަ ރާޖަޕަކްސަ -- ފޮޓޯ: އޭޕީ

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އަންނަ ހަފުތާގައި އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އެގައުމުގެ ޕާލިމެންޓުގެ ރައީސް ވިދާޅުވެއްޖެއެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުގައި ޕާލިމެންޓުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރުދެނަ ވިދާޅުވީ، ގޮތަބަޔަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ތާރީޚަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.

އެ ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވީ ލަންކާގައި މިއަދު ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައްދަލުކުރައްވައި، ދެ ބޭފުޅުން އިސްތިއުފާ ދެއްވަން ލަފާ ދެއްވި ފަހުންނެވެ.

ލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ރައީސްގެ ގެކޮޅު ތެރޭގައި -- ފޮޓޯ/ ރޮއިޓާސް

ރޭ ފަތިހުން ފެށިގެން ލަންކާގައި މުޒާހަރާ ކުރަމުންދާ މީހުން މިއަދު ވަނީ ރައީސްގެ ގެކޮޅު ކައިރިއަށް އެއްވެ، ގެކޮޅަށް ވަދެގަނެފައެވެ. އޭގެ ކުރިން ސަލާމަތީ ބާރުތަކުން ވަނީ ގޮތަބަޔަ ސަލާމަތްކޮށްފައެވެ.

އޭގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ރަނިލްގެ އަމިއްލަ ގެކޮޅުގައި ވެސް ރޯކޮށްލާފައެވެ. އެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި އެއްވެސް ބަޔަކު ތިބި ކަމަށް އަދި ރިޕޯޓުކޮށްފައިނުވެއެވެ.

ލަންކާގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އެގައުމު އިގުތިސާދީ ގޮތުން އިނދަޖެހި، އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްވެސް ނުލިބޭ ހާލަތަށް ގައުމު ގޮސްފައިވުމުންނެވެ. އެގޮތުން އެ ހާލަތުގައި ގައުމު އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް