ރަނިލް އިސްތިއުފާ ދެއްވަން ނިންމަވައިފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ -- ފޮޓޯ/ އޭޕީ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާންކުރައްވައިފިއެވެ.

ރަނިލް އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވީ ލަންކާގައި މިއަދު ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ބާއްވައި، ރައީސްގެ ގެކޮޅަށް ވަދެގަނެ، ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެގަންނަން މަސައްކަތް ކުރި ފަހުންނެވެ.

އެ މުޒާހަރާތަކާ ގުޅިގެން ލަންކާގެ ޕާޓީތަކުގެ ލީޑަރުން މިއަދު ވަނީ ބައްދަލުކުރައްވައި، ރަނިލް އާއި ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ލަފާ ދެއްވާފައެވެ.

އެހެންކަމުން ރަނިލް ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެކަން ޔަގީން ކުރުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ޕާޓީ ލީޑަރުން އެދުނު ގޮތަށް، ހުރިހާ ޕާޓީތައް އެކުލެވޭ ސަރުކާރަކަށް ފުރުސަތު ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

"އެކަމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑު ބޮޑުވަޒީރު ކަމުން އިސްތިއުފާ ދޭނަން،" ރަނިލް ވިދާޅުވިއެވެ.

ރޭ ފަތިހުން ފެށިގެން ރައީސްގެ ގެކޮޅު ކައިރިއަށް އެއްވި މުޒާހަރާގެ ބައިވެރިން އެ ގެކޮޅަށް ވަދެގަތުމުގެ ކުރިން ސަލާމަތީ ބާރުތަކުން ވަނީ ގޮތަބަޔަ ސަލާމަތްކޮށްފައެވެ.

ލަންކާގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އެގައުމު އިގުތިސާދީ ގޮތުން އިނދަޖެހި، އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްވެސް ނުލިބޭ ހާލަތަށް ގައުމު ގޮސްފައިވުމުންނެވެ. އެގޮތުން އެ ހާލަތުގައި ގައުމު އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް