އެކްސިޑެންޓު ވި މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި

އައިޖީއެމްއެޗް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު އެމްްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން ދިޔަ އެކެއްގެ ހާލު ކުރިއަށް ވުރެން ރަނގަޅުވެ، އޭނާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވެގެން އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ކުރީގަ އައިސީޔޫގައި އޮތީ ހަތަރު މީހުން. މިހާރު އޭގެ ތެރެއިން އެކަކު އެ ބަދަލުކުރީ ވޯޑަށް. އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން،" އޭނާ ވިދާޅުވިއެވެ.

އަނެއް ތިން މީހުން އޮތީ އަދިވެސް އައިސީޔޫގައެވެ.

އައިޖީއެމްއެޗް އިން ކުރިން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށްވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަަމަށެވެ. އޭގެ ތެރެއިން ތިން މީހުންނަށް އޮތީ ވެންޓިލޭޓަރުގައި ކަމަށް އޭރު އެ ހޮސްޕިޓަލުން ބުނެފައިވާއިރު، އެމީހުނަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމެއް ސާފެއް ނުވެއެވެ.

މިދިޔަ ހޯމަދުވަހުގެ އިރުއޮއްސުނުއިރު ހިނގި އެކްސިޑެންޓުގައި ޖުމްލަ ހަ މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެތެރެއިން އެކަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

މަރުވެފައި ވަނީ ގއ. މާމެންދޫ، ބިލަތްމާގޭ، މަރްޔަމް އަމާނީ ރަޝީދު، 23، އެވެ.

ކުޅިވަރު އެކުވެނި ކައިރިން ހިނގި ނުރައްކާތެރި އެ އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރު ކޮންޓުރޯލް ނުވެ ބަހުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްކަން ވަނީ ހާމަވެފައެވެ.

އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުން ހެންވޭރާވީ ކޮޅަށް މޭރީ ބްރައުން ކައިރިން ރަތް ކުލައިގެ ކާރެއް ފެން ބޮޑުވެފައިވެފައިވާ މަގުގެ ފެންގަނޑު ކަފަމުން ބާރު ސްޕީޑުގައި އަންނަތަން ފެނެއެވެ.

ވަކި ހިސާބަކުން އެ ކާރު އެނބުރެމުން އައިސް ބުރިޖުން ފައިބައިގެން މާފަންނާ ވީކޮޅަށް ދުއްވާފައި ދިޔަ ބަހުގައި ޖެހި ކާރު ހުއްޓޭތަން އެ ވީޑިއޯއިން ފެނެއެވެ.

އެ އެކްސިޑެންޓު ހިނގި ވަގުތަކީ ކަސްރަތަށް ދުވާ ދެ މީހަކު އެ ބަހާ ހަމައަށް އެރި ވަގުތެވެ. އެހެންކަމުން އެ އެކްސިޑެންޓު ހިނގުމާއެކު އެ ދެމީހުން ކާރާ ދިމާލަށް ދުއްވައިގަނެ މީހުން ކާރުން ނެރުމުގެ މަސައްކަތް ކުރާތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.

އެ ކާރު އެނބުރެމުން އައިއިރު އެ ދެމީހުންގެ ގައިގައި ނުޖެހުނީވެސް ހަމަ ކިރިޔާއެވެ. އެ މީހުންނާ ދިމާލަށް ކާރު އެނބުރެމުން އަންނަތަން ފެނުމުން ކުއްލިއަކަށް އެމީހުން އެއްފަރާތަށް ވެސް ދިޔައެވެ.

އެކްސިޑެންޓުގައި ބަހުގައި ޖެހިފައިވަނީ ކާރުގެ ފަހަތުކޮޅެވެ. ކާރުގެ ފަހަތް އެއްކޮށް ވަނީ ފުނޑު ފުނޑު ވެފައެވެ. އަދި ބަހުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

comment ކޮމެންޓް