ބޮޑުވަޒީރު އަބޭގެ ވެރިކަމުގައި ރާއްޖެއާއި ޖަޕާންގެ ގުޅުން ވަރުގަދަކޮށްދެއްވި: ޕީޕީއެމް

ރައީސް ޔާމީނާއި ޖަޕާނުގެ ކުރީގެ ބޮޑިވަޒީރު ޝިންޒޯ އަބޭ --

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ވެރިކަމުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން ވަރުގަދަކޮށްދެއްވި ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޖަޕާނުގައި މިއަދު ބަޑިން ހަމަލާދީ އަބޭ އަވަހާރަކޮށްލުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކޯލިޝަންގެ މެންބަރުންގެ ފަރާތުން އަބޭގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

އެ ބަޔާނުގައި ވަނީ އަބޭގެ ވެރިކަމުގައި ޖަޕާނުން ރާއްޖެއާ ގާތް ގުޅުމެއް ދަމަހައްޓައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް ގުޅުން ހަރުދަނާ ކޮށްދިން ކަމަށް ބުނެފައެވެ. އަދި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގައި އަބޭ އިސް ދައުރެއް އަދާ ކުރެއްވި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރު ރައީސް ޔާމީން ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އިރު ބޮޑުވަޒީރަކަށް ހުންނެވި އަބޭ ދެއްކެވި މެހެމާންދާރީ މިއަދު ހަނދާންވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި އަބޭ ރާއްޖެއާއި ދިވެހިންނާ ބެހެއްޓެވި ގާތްކަން ހަނދާން ނުނެތޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އަބޭގެ ހަށިކޮޅަށް ބަޑި ޖަހާފައި ވަނީ ޖަޕާންގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ތަގުރީރު ކުރައްވަން ހުންނަވަނިކޮށެވެ. އެ ހަމަލާއަށް ފަހު އަބޭ ހެލިކަޕްޓަރެއްގައި ހޮސްޕިޓަލެއް ގެންދިޔަ ނަމަވެސް، އެމަނިކުފާނު އަވަހާރަވިކަން އެގައުމުގެ މީޑިއާތަކުން މާ ގިނައިރުތަކެއް ނުވެ ރިޕޯޓުކުރިއެވެ.

އަބޭއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރި ވަގުތު އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ޖަޕާންގެ ނޫސްތަކުގައިވެއެވެ.

އަބޭއަކީ ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ އެ މަގާމު ފުރުއްވީ ޑިސެމްބަރު 2012އިން ސެޕްޓެމްބަރު 2020އަށެވެ.

comment ކޮމެންޓް