ޢީދުގެ އުފާ ފާޅުކުރުމާއި ހަދިޔާ ބަދަލުކުރުމަކީ ހަސަދަ ފިލުވައިދޭނެ ކަމެއް: ރައީސް

ރައީސުލަޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު -- ފޮޓޯ: ރައީސް އޮފީސް

ޢީދުގެ އުފާ ފާޅުކުރުމާއި ޢީދު ހަދިޔާ ބަދަލުކުރުމަކީ ހިތްތަކުގައިވާ ހަސަދައާއި ކިލަނބުކަން ފިލުވައިދޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަޟްޙާ ޢީދުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މިފަދަ ކޮންމެ މުނާސަބަތަކީ، ރައްޔިތުން އެތައް ޢިބްރަތްތަކެއް ލިބިގަނެ، ދެ ދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރުމަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުސަތެއް ކަމަށެވެ.

ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން އިލްހާމް ލިބިގަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަފްސު ޠާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަކީ ޙައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށާއި، މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ޤައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ޢީދުގެ އުފާވެރިކަން ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

comment ކޮމެންޓް