ޖާސޫސުކުރި ކަމުގެ ތުހުމަތުގައި އީރާނުގައި ތިއްބަވާ ޔޫރަޕްގެ ބައެއް ޑިޕްލޮމެޓުން ހައްޔަރުކޮށްފި

އީރާނުން ހައްޔަރުކުރި ޔޫރަޕްގެ ބައެއް މީހުން

ތެހެރާން (8 ޖުލައި 2022): ޖާސޫސު ކުރުމުގެ ތުހުމަތުގައި އީރާނުން ބޭރުގެ އެތައް ބަޔަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި އީރާނުގައި ތިއްބަވާ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ޑިޕްލޮމޭޓުން ހިމެނޭކަން އީރާނުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އީރާނުގެ ސަރުކާރާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނާގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި އީރާނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރުގެ ނައިބާއި އޮސްޓްރިއާގެ އެންބަސީގެ އިސްމަގާމެއް އަދާކުރާ އެގައުމުގެ ޑިޕްލޮމެޓަކު ހިމެނެއެވެ. ޖާސޫސުކުރުމުގެ ތުހުމަތުގައި އީރާނުން ހައްޔަރުކުރި ޔޫރަޕްގެ އިތުރު މީހުންގެ ތެރޭގައި ހިމެނެނީ ފަރަންސޭސިވިލާތުގެ ދެ މީހަކާއި އީރާނުގެ ޔުނިވާސިޓީއަކާ ޕޮލެންޑްގެ ޔުނިވާސިޓީއެއް ގުޅިގެން ހިންގާ އިލްމީ ކަމަކަށް އެގައުމަށް ގޮސްގެން އުޅޭ ޕޮލެންޑުގެ ޕްރޮފެސަރެކެވެ. މިހުރިހާ މީހުންވެސް މިހާރުވަނީ ހައްޔަރުކޮށްފައެވެ.

މީގެތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ތެހެރާން އިންޓަނޭޝަނަލް އެއާޕޯޓުން އެމީހުން ފުރަން ތައްޔާރުވަމުން ދަނިކޮށެވެ. ހައްޔަރުކުރި މީހުންގެ އަތުގައި އީރާނުގެ ބައެއް ހައްސާސް ތަންތަނުގެ ފޮޓޯތަކާއި އަދި އީރާނުގެ ބައެއް ތަންތަނުގެ ވެއްޔާއި ގަލާއި ހިލައިގެ ސާމްޕަލްތައް ހިމެނޭކަން އީރާނުންވަނީ ކަށަވަރުކޮށްދީފައެވެ.

ފަރުބަދަ ތަކެއްގެ އަޑީގައި ހުންނަ އީރާނުގެ ނިއުކްލިޔާ މަރުކަޒެއް

ސާމްޕަލްތައް ހުރީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކާއި މިސައިލާއި ރޮކެޓް ތަޖުރިބާކުރާ ސަރަހައްދުތަކުގެ ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. ފޮޓޯތަކާއި ސާމަޕަލްތައް މިހާރުވަނީ އެމީހުންގެ އަތުން އަތުލާފައެވެ. ރިޕޯޓްތައް ބުނާގޮތުން ޔޫރަޕްގެ ޑިޕްލޮމޭޓުންނާއި ޕްރޮފެސަރުން އީރާނުގައި ޖާސޫސުކުރަނީ އީރާނުގެ އެކި ސަރަަހައްދުތަކަށް ޕިކްނިކް ދަތުރުގެ ނަމުގައި ދަތުުރުތައް ކޮށްގެންނާއި އިލްމީ ކަންކަން ބޭރުފުށަށް ދައްކައިގެން ބޮޑެތި އޮޅުވާލުންތަަކެއްގެ ތެރެއިންނެވެ.

އީރާނުގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި މީގެތެރެއިން ބައެއް މީހުން އީރާނަށް ވަދެފައިވަނީ އީރާނުގެ ބައެއް ޔުނިވާސިޓީތަކާ ގުޅިގެން ހިންގާ އިލްމީ ޕްރޮގްރާމުތަކުގެ ތެރެއިން ހޯދާފައިވާ ވިސާގައެވެ. އަނެއްބައި މީހުން އީރާނަށް ވަދެފައިވަނި ޓޫރިސްޓް ވިސާގައެވެ.

އީރާނަކީ އެގައުމުން ކުރިއަށް ގެންދާ ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމް ފަދަ ހައްސާސް ޓެކްނޮލޮޖީގެ ޕްރޮގްރާމްތަކާ ގުޅިގެން އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ ޝިކާރައަކަށް ވެފައިވާ ގައުމެކެވެ.

އިސްރާއީލު އަޑީގައި އޮވެގެން އީރާނުގެ ބައެއް ޚާއިނުންގެ އެހީގައި އީރާނުގެ ހައްސާސް ބައެއް ތަންތަނުގައި އަލިފާނުގެ ހާދިސާތަކާއި އެތަންތަނަށް ގެއްލުން ދިނުމުގެ އެތައް އަމަލެއް ހިންގާފައިވާކަމަށް އީރާނުން ބުނެފައިވެއެވެ. އަދި އިސްރާއީލު އަޑީގައި އޮވެގެން އީރާނުގެ ބައެއް އިސް ސައެންސްވެރިންނަށް ބަޑިން ހަމަލާދީ މަރާފައިވެއެވެ. އަނެއްބައި ސައެންސްވެރިންނަށް ވިހަދީގެންވެސް މަރާފައިވާކަންވެސް ވަނީ މީގެކުރިން ހާމަކޮށްފައެވެ.

ނިއުކްލިޔާ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީ އަދި ޑްރޯން ޓެކްނޮލޮޖީފަދަ އެތައް ކަމެއްގައި އީރާން ކުރިހޯދައި އަސްކަރީ އަދި ޓެކްނޮލޮޖީގެ ބާރުވެރިކަން ހޯދަމުން ގެންދާތީ މިކަން ހަޖަމުކުރަން އިސްރާއީލަށާއި އެމެރިކާއަށް ވަނީ ދަތިކަމަކަށް ވެފައެވެ. އިސްރާއީލުވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރުވެސް އެތައް ފަހަރަކު ދީފައެވެ. ނަމަވެސް އީރާނުން ވަރުގަދަ ރައްދެއް ދޭނެކަމުގެ ބިރަށް މިކަން ކުރަން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދީފިނަމަ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ބިމާ ހަމަކޮށްލާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. މިއާއެކު އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުން ގެންދަނީ އީރާނަށް ޖާސޫސުން ފޮނުވައިގެންނާއި އީރާނުގެ ޚާއިނުން ބޭނުންކޮށްގެން އީރާނުގެ އެތެރެ ގަޑުބަޑުކޮށް ތަންތަނުގައި އަލިފާން ޖަހައި ސައެންސްވެރިންނާއި އިންޖިނޭރުން މެރުމުގެ ސިއްރު ހަރަކާތްތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް