ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން އޮގަސްޓް 13ގައި

ލެކްޝަނެއްގެ ވޯޓު ގުނުން ކުރިއައްދަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

މ. ދިއްގަރު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ އިންތިޚާބަކީ ދިއްގަރު ކައުންސިލްގެ މެންބަރު އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަނު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ ހަފްތާގައި ވަނީ ހަމަވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެނޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފައެވެ.

އިސްތިއުފާދެއްވި ދިއްގަރު ކައުންސިލްގެ މެންބަރު އިބްރާހީމް ޚަލީލް--- ފޮޓޯ/ ދިއްގަރު ކައުންސިލް

އެ އިންތިޚާބުގައި ވާދަކުރައްވާނީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފާއި ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލް ޙަންނާން އަޙްމަދެވެ.

ދިއްގަރު ކައުންސިލުގައި މިވަގުތު ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ ތިން މެންބަރުންނާއި ޕީޕީއެމަށް ނިސްބަތްވެވަޑައިންނަވާ މެންބަރެކެވެ. އިސްތިއުފާ ދެއްވާފައި ވަނީ އަމިއްލަ މެންބަރެކެވެ.

ބައި އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ ޖުމުލަ 1.5 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 1.4 މިލިއަން ރުފިޔާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންތަކަށް ހަރަދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް