އާ ސީޕްލޭން ޓާމިނަލް ދަައްކާލައިފި، ތަން ޑިޒައިންކުރީ ދިވެހިވަންތަ އަދި ޒަމާނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް

ވެލާނާ އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް ޑިޒައިން ކުރެވިފައިވަނީ ދިވެހިވަންތަ އަދި ޒަމާނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވެއްޖެއެވެ.

ސީޕްލޭން އާ ޓާމިނަލް ނޫސްވެރިންނަށް ދައްކާލުމަށްފަހު ތޯހާ ވިދާޅުވީ ޓްރަޔަލްތައް ނިންމާލުމަށްފަހު ޓާމިނަލް ބޭނުން ކުރަން ފަށާއިރު މިހާތަނަށް 14 ވަރަކަށް ޓްރަޔަލް ހިންގާފައިވާކަމަށެވެ.

ނަމަވެސް ޓާމިނަލް ރަސްމީކޮށް ހުޅުވުން ލަސްވަނީ ބަލަން ޖެހޭ މިންގަނޑުތައް ބަލައި ޓެސްޓްތައް ކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ދާތީ ކަމަށް ތޯހާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަންސް އޮތީ ރާއްޖޭގައި ކަމަށާއި އެ ސީޕްލޭން ޓާމިނަލް ބޭނުންކުރާ ޕަސެންޖަރުންގެ އަދަދު އެވްރެޖުކޮށް އުޅެނީ ދުވާލަކު 4،500އާ 6،000 ދެމެދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް --- ފޮޓޯ/ އެމްއޭސީއެލް

"ފްލައިޓް މޫވްމެންޓަށް ބަލާލިކަމުގައި ވިޔަސް އެވްރެޖުކޮށް މިތަނުގަ ލޯ ސީޒަންގަ 300 ފްލައިޓް މޫވްމެންޓް އެބަ އޮޕަރޭޓް ކުރޭ. އަދި ހައި ސީޒަންގަ 600 ވަރަކަށް ފްލައިޓް މޫވްމެންޓް މިތަނުގަ އޮޕަރޭޓް ކުރާނެ،" ތޯހާ ވިދާޅުވިއެވެ.

މިހާރު ޓާމިނަލް ނިންމާލާފައިވާއިރު އެންމެ ބޮޑު އިސްކަމެއް ދިނީ ދިވެހިވަންތަ އަދި ޒަމާނީ ޚިދުމަތެއް އެ ޓާމިނަލް އިން ފޯރުކޮށްދެވޭ ގޮތަކަށް އެތަން ޑިޒައިން ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕަސެންޖަރުންގެ "އެކްސްޕީރިއެސް"އަށް ވަރަށް ބޮޑު ސަމާލުކަމެއް ދިން ކަމަށާއި ފަތުރުވެރިން ރާއްޖެ އައިސް ރިސޯޓުތަކަށް ދާއިރު ލިބޭ ޚިދުމަތްތައް އެ ޓާމިނަލްއިންވެސް ފޯރުކޮށްދެވޭތޯ ބެލި ކަމަށް ތޯހާ ވިދާޅުވިއެވެ.

ތޯހާ އިތުރަށް ވިދާޅުވީ މިހާރުވެސް 100 ވަރަކަށް ދިވެހި މުވައްޒިފުންނަށް ވަޒީފާ ދީ ސީޕްލޭން ޓާމިނަލްގެ އެކި ޑިޕާާޓްމެންޓުތަކުގައި މަސައްކަތްކުރުމަށް ރެކްރޫޓުކޮށް ޓްރެއިންކޮށް ނިންމާލާފައިވާ ކަމަށާއި ސީޕްލޭން ޓާމިނަލްގައި ދިވެހިންނަށް އެވަރަށް ވަޒީފާ ފަހިކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ޓެސްޓުތައް ނިންމައި ޓާމިނަލްގެ ބޭނުން ކުރަން ފެށުމުން އާ ސީޕްލޭން ޓާމިނަލްގައި 150 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ތޯހާ ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާމިނަލް އަކީ55 މިލިއަން ޑޮލަރު މަޝްރޫއެކެވެ. ޓާމިނަލްގައި 28،000 އަކަމީޓަރު ހުންނައިރު އެތަނުގައި ހަތަރު ބުރީގެ އާންމު ޖާގައިގެ ބޮޑުމިން ހުރެއެވެ. އެމްއާރުއޯ ފެސިލިޓީ ގައި 8،836 އަކަމީޓަރު ހުންނައިރު ވީވީއައިޕީ ބަައިގައި 100 އަކަމީޓަރު ހުރެއެވެ.

ވެލާނާ އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް --- ފޮޓޯ/ އެމްއޭސީއެލް

ޓާމިނަލްގައި 42 ލައުންޖު ހުންނައިރު ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖެއް ވަނީ ރިސޯޓުތަކަށް ކުއްޔަށް ދީފައެވެ. އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖުގައި 235 ސީޓު ވާއިރު އެމްއޭސީއެލް "ނީރު" ލައުންޖުގައި 315 ސީޓު ހިމެނެއެވެ.

އަންނަ ހަފްތާގައި އާ ޓާމިނަލަށް ޓީއެމްއޭގެ ހުރިހާ މަސައްކަތްތަކެއް ބަދަލުކޮށް ނިމޭނެ ކަމަށާއި ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ކުރީގެ ސީޕްލޭން ޓާމިނަލް ތަޅާލުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް ތޯހާގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް