ރާއްޖެއަކީ ދުނިޔެއަށް ޖެހޭ އޮޔާއި ވައިގައި އެކަނިވެރިވެގެން އޮވެވޭނެ ގައުމެއް ނޫން: ޑރ. އަޝްރަފް

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފެށުމާއި ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖެއަކީ ދުނިޔެއަށް ޖެހޭ އޮޔާއި ވައިގައި އެކަނިވެރިވެގެން އޮވެވޭނެ ގައުމެއް ނޫންކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލިޔުންތެރިންގެ ގުޅުމާއި ދިވެހި ބަހުގެ އެކެޑަމީއާ ގުޅިގެން ނެރުނު ލިޔުންތެރިންގެ ދުވަހުގެ ޚާއްޞަ ގޮފިކޮޅުގައިވާ ޑރ. އަޝްރަފްގެ ޚާއްޞަ މެސެޖުގައި ލިޔުންތެރިންނަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަދައްކަވާފައެވެ.

އެ މެސެޖުގައި ޑރ. އަޝްރަފް ވިދާޅުވީ ރާއްޖެއަކީ ޒަމާންވީ ތާރީޚެއް ލިބިފައިވާ ޤައުމެއްކަމަށެވެ. ބަސްބަހަށް އަންނަ ފަންނިއްޔާތުގެ ރާޅުބާނީތައް ދިވެހި ބަހަށް ވެސް އަންނާނެކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އާ ލަފުޒުތައް އުފެދި އާ އިސްލާހުތައް އީޖާދުވާކަމަށް ވެސް އެނާ ވިދާޅުވިއެވެ. އެހެންކަމުން ވިސްނައިގެން ހުޝިޔާރުކަމާއެކު ތިބެއްޖެނަމަ އެހެން ބަސްބަހުގެ ރާޅުބާނީތައް ދިވެހިބަހަށް އައުމަކީ ނުރައްކާތެރިކަމެއް ނޫންކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަހަށް ޚިދުމަތްކުރެއްވި އަދީބުންގެ ލިޔުންތައް ކިޔައި އެ ހަނދާންތައް އާ ކުރުމަކީ ލިޔުންތެރިކަމާއި ދިވެހި ބަސް ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ބަސް ހިމާޔަތްކުރުމަށް ބަލާއިރު އަދަބިއްޔާތު ވެސް ދިރުވަންޖެހޭ. އެ ރޮނގުން ބަހަށް ޚިދުމަތް ކުރެއްވި އަދީބުންގެ މަތިން ހަނދާންކޮށް އެ އަދީބުންގެ އަދަބީ މަސައްކަތްޕުޅުތައް ދިރުވަންޖެހޭ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ލިޔުންތެރިންގެ ދުވަހުގެ ޙާއްސަ ގޮފިކޮޅުގެ އިލުސްޓްރޭޝާންއެއް --- ސަން ގްރެފިކްސް / އަލީ ޝާހީން

ލިޔުންތެރިންގެ ދުވަހުގެ ޚާއްޞަ ގޮފިކޮޅަކީ ދިވެހި ބަހުގެ ފުންނާބު އުސް ލިޔުންތެރިންނާއި ބައެއް މަޝްހޫރު ލިޔުންތެރިންގެ ބަސް ހިމަނައިގެން ނެރެފައިވާ އިލެކްޓްރޯނިކް ފޮތެކެވެ.

އެ ގޮފިކޮޅުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް 2000 ވަނަ އަހަރުގެ ދިވެހި ލިޔުންތެރިންގެ ޤައުމީ ބައްދަލުވުން ފެށުމުގެ އިޙްތިފާލުގައި ދެއްކެވި ވާހަކަފުޅުން ބައެއް ވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް 2000 ވަނަ އަހަރު ދިވެހި ލިޔުންތެރިންގެ ޤައުމީ ބައްދަލުވުމުގެ ރިޕޯޓުގައި ލިޔުއްވާފައިވާ ވާހަކަކޮޅެއް ވެސް ހިމަނާފައިވެއެވެ.

comment ކޮމެންޓް