ބާރަށް ދުއްވާ މީހުން ދެނެގަނެވޭ، ތަންފީޒުނުކުރެވެނީ ޤަވާއިދަށް ބަދަލު ނުގެނެވިގެން: ފުލުހުން

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިހުރި ކެމެރާތަކުން ބާރަށް ދުއްވާ މީހުން ދެނެގަނެވޭކަމަށާއި، އެ މީހުންނަށް އަދަބު ތަންފީޒު ނުކުރެވެނީ ގަަވާއިދަށް ގެންނަން ޖެހޭ ބައެއް ކުދިކުދި ބަދަލު ނުގެނެވިގެން ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ޓްރެފިކްގެ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުުރި ސުވާލަކަށް ޖަވާބުދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ސިނަމާލެ ބުރިޖުގައި ހަރުކޮށްފައި ހުރި ކެމެރާތަކުން ބާރަށް ދުއްވާ މީހުންގެ މައުލޫމާތު ނެގޭކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކީ ބާރަށް ދުއްވާ ވެހިކަލްތައް "އޮޓޮމެޓިކް" ކޮށް ދެނެގަނެވޭ ނިޒާމެއްގެ މަސައްކަތް ކުރާކަމަށް މީގެ ކުރިން ވިދާޅުވެފައިވާއިރު އެ މަސައްކަތް ލަސްވަނީ ކީއްވެތޯއެވެ.

ޖަވާބުގައި ސަމީރު ވިދާޅުވީ މިހާރު ވެސް އެ ނިޒާމު ތައާރަފްކޮށް ބޭނުންކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ސިނަމާލެ ބުރިޖުގައި ޤާއިމްކުރެވިފައިވާކަމަށެވެ.

"ބުރިޖު އޭރިއާގައި ހަރުކުރެވިފައި ހުރި ކެމެރާތަކުގައި އެ ވަސީލަތްތައް ހުންނާނެ. އެހެންނަމަވެސް ނަންބަރު ޕްލޭޓަށް ގެންނަން ޖެހޭ ބަދަލަކާ ގުޅިގެން އަދިވެސް އެކަންކަން ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް މި ހުރީ،" ސަމީރު ވިދާޅުވިއެވެ.

އެހެންނަމަވެސް ނަންބަރު ޕްލޭޓަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރިއަށް ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެހާާސް ނަވާރަ ވަނަ އަހަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ޙުސައިން ނަޒީރު ވިދާޅުވެފައި ވަނީ ބްރިޖުގައި ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިންމައި 2020 ވަނަ އަހަރު އެ ނިޒާމް ބޭނުންކުރެވޭނެ ކަމަށެވެ.

އޭރުވެސް އޭނާ ވިދާޅުވީ ކެމެރާ ބޭނުންކުރަން ފަށާއިރު ލައިސަންސް ޕްލޭޓު ދުރަށް އެނގޭނެހެން ލައިސަންސް ޕްލޭޓަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭރު އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް