އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފަރުވާ ކުޑަވެގެން ހިނގާފައިހުރި އެކްސިޑެންޓުތައް: ފުލުހުން

މާލޭގެ މަގުމަތި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި އެންމެގައިން ހިނގާފައިވަނީ އުޅަނދު ދައްވާ މީހުންގެ ފަރުވާ ކުޑަވެގެން ހިނގައިފައިހުރި އެކްސިޑެންޓުތައް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މަގަށް ސަމާލުނުވުމުގެ ސަބަބުން ކޮންޓްރޯލް ނުވެ ވެސް ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާކަމަށެވެ.

މާލޭގައި ފުލުހުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތައް ކޮންޓްރޯލްކުރުން ހިމެނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެގޮތުން 40 އަށް ވުރެ ގިނަ އުޅަނދު އަޅުގަނޑުމެންގެ ބެލުމުގެދަށަށް ގެނެވެފައިވަނީ. އޭގެ މާނައަކީ އޭގެން ކޮންމެ އުޅަނދެއް 30 ދުވަހު އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހިފަހެއްޓިފައިވާ އުޅަނދެކޭ،" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އުޅަނދު ދުއްވުމުގެ ލައިސެންސު ނެތް މީހުން ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ލައިސެންސު ނުނަގާ ސައިކަލު ދުއްވާ މީހުންގެ އަދަދު ގިނަކަން. އެގޮތުން 1034 އުޅަނދެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށުށް ގެނެވިފައި،" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގު ބޭނުންކުރާ މީހުން ރަނގަޅަށް ވިސްނައިގެން މަގު ބޭނުންކުރާނަަމަ ހިނގާ އެކްސިޑެންޓުތައް މަދުކުރެވޭނެކަމަށެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާތައް ހަނދާންކޮށް އެގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑުމެން މިއަރާ އުޅަނދަކީ މި ދާން ބޭނުންވާ މަންޒިލަށް ދެވޭފަދަ އެކަށީގެންވާ އުޅަނދެއްތޯ އަޅުގަނޑުމެން ޔަޤީންކުރަން އެބަޖެހޭ،" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ހަފުތާއަކީ ވިއްސާރަ ހަފުތާއަކަށް ވުމުން މާލޭގައި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައިވާކަމަށެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅިވަރު އެކުނެވި ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ބަހެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް އޭގެތެރޭގައި ހިމެނޭކަން ސަމީރު ފާހަގަކުރެއްވިއެވެ.

އެ އެކްސިޑެންޓުގައި ޖުމްލަ ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އެއީ ކާރުގައި އިން ހަތަރު މީހަކާއި ބަސް ދުއްވަން އިން ޑުރައިވަރާއި، ބަސް ކޮންޑަކްޓަރެވެ.

ބަހުގައި ތިބި ދެމީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް ކާރުގައި ތިބި މީހުން ތިބީ ވަރަށް ސީރިއަސް ހާލުގައެވެ.

ކާރު ތެރޭގައި ތިބީ ދެ އަންހެނުންނާއި ދެ ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނަށް އަވަސް ފަރުވާ ދެމުން ދަނިކޮށް އެކްސިޑެންޓު ހިނގިތާ ކުޑަ އިރުކުޅެއްގެ ތެރޭގައި ކާރުގައި ދަތުރުކުރި އަންހެނަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް