ނަމާދަށް އެރި ބައެއްގެ ފައިވާންތައް މިސްކިތުން ބޭރުގައި ހާމައަށް ބަހައްޓާފައި -- ފޮޓޯ: އޭބީސީ ނިއުސް

މިސްކިތަކީ އިސްލާމްދީނުގައި ހާއްސަ މަގާމެއް ދެވިފައިވާ ތަނެކެވެ. އިސްލާމްކަމުގެ ދެވަނަ ރުކުންކަމުގައިވާ ނަމާދުގެ އަޅުކަން އަދާކުރުމަށްޓަކައި މީސްތަކުން ޖަމާވާ ތަނަކީ މިސްކިތެވެ. ވައުޒާއި ނަސޭހަތުގެ ދަރުސްތައް އެންމެ ގިނައިން އިވޭނެ ތަނަކީވެސް މިސްކިތެވެ. މިސްކިތެއް ބިނާކޮށް ބަލަހައްޓަމުން ގެންދާއިރު އިމާރާތާއި ތަނުގައިވާ އެންމެހައި ވަސީލަތްތައް ހުންނަންވާނީ އެތަން ބޭނުންކުރާ ފަރާތްތަކަށް އެންމެ އެކަށީގެންވާފަދަ ގޮތަކަށެވެ. އިމާރާތާއި ވަސީލަތްތަކާމެދު ފޫހިވެ މީސްތަކުން މިސްކިތާ ދުރަށް ނުދާނެފަދަ ގޮތަކަށެވެ.

މިސްކިތުގެ ފަރުމާއާއި ވަސީލަތްތައް

ބިން ދަތި ސަރަހައްދުތަކުން ލިބިފައިވާ ކުޑަ ޖާގައެއްގައި، ވީހާވެސް ގިނަ ބަޔަކަށް އެރޭނެފަދަ މިސްކިތެއް ބިނާކުރުން މުހިންމެވެ. ހަމަ މިއާއެކު، އެ ކުޑަ ޖާގަ ބޭނުންކުރާ މީހުންގެ ހާޖަތްތަކަށް ސަމާލުކަން ދިނުންވެސް އެހައި މުހިންމެވެ. ފުރަތަމަ ކަމަކަށް، މިސްކިތަށް އަރައި ފޭބުމަށް ހުންނަ ދޮރުތަކާއި ސިޑިތައް ތަނަވަސްކުރަންޖެހޭނެއެވެ. ވުލޫކޮށްގެން މީހުން ހިނގާ ސަރަހައްދުގައި ހުންނަ ފެނުގެތެރެއިން ލާފައި މިސްކިތަށް ވަންނަން ޖެހޭގޮތަށް ހުރުމީ ގިނަ ބަޔަކު ބޭނުންވާނެ ކަމެއްނޫނެވެ. އާއްމުގޮތެއްގައި އެ ސަރަހައްދުގައި ހުންނާނީ ކިލާ ފެނެއެވެ. ހިކި ފަޔާ ހުރެފައި ފެންތަކެއްގެ މައްޗަށް އެރުމީ ތަބީއީގޮތުންވެސް ރުހެވޭ ކަމެއްނޫނެވެ. ވީމާ ބައެއް މީހުން އެފަދަ ފެންތަކެއްގެ މަތިން ހިނގާފައިދާކަށް ބޭނުމެއްނުވާނެއެވެ. އަދި ކުރިން ވުލޫކޮށް އިސްޓާކީނަށް އަރައިގެން މިސްކިތަށް ދާ މީހުންވެސް ފެނަށް އަރައި އިސްޓާކީނު ތެންމާކަށް ނޭދޭނެއެވެ. ބައެއް މިސްކިތުގައި ވުލޫކޮށްގެން މިސްކިތަށް ވަނުމުގެ ކުރިން ފައި ހިއްކޭނެ ގޮތެއް ނުހުރެއެވެ. ވީމާ ތެއް ފަޔާއެކު މީހުން އެރުމުގެ ސަބަބުން މައި ދޮރުމަތިން އެތެރެއަށް ދެތިން ފޫޓުހާ ތަން ތެމި ހަޑިވެފައި އޮވެއެވެ. މިކަންވެސް އިސްލާހުކޮށްލެވިއްޖެނަމަ ވަރަށް ރަނގަޅުވާނެއެވެ.

މިސްކިތުގައި ކަމަށް ވިޔަސް، ގަދަ ހޫނުގައި މާގިނައިރު ތިބެން ޖެހުމަކީ އެއްވެސް މީހަކަށް މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ވީމާ، އިމާރާތް ފަރުމާ ކުރަންވާނީ ވީހާވެސް ބޮޑަށް ގުދުރަތީ ވައި ލިބޭނެފަދަ ގޮތަކަށެވެ. އަދި ފަންކާ ހަރުކުރާއިރު، ތަނާ އެންމެ އެކަށީގެންވާ ފަދަ ފަންކާ ބޭނުންކުރުމާއި ތަނުގެ ޖާގައާއި އެތަނަށް އަރާނެ މީހުންގެ ނިސްބަތަށް ހެޔޮވަރުވާނެހެން އެކަން ކުރުން މުހިންމެވެ. ހަރަދުގެ ގޮތުން ބަލާއިރު، ހުރިހައި މިސްކިތެއް އެއަރ ކަންޑިޝަން ކޮށްފައި ބެހެއްޓުމަކީ ކަމާ ބެހޭ ފަރާތްތަކަށް ކުޅަދާނަ ކަމަކަށް ނުވެދާނެއެވެ. ވުމާއެކު، ތަނަވަސްކަމުގެ އަހުލުވެރީން އެފަދަ ކަމެއް ކޮށްލައިދީފިނަމަ އެއީ ޔަގީނުންވެސް ގެއްލިގެން ނުދާނެ ބޮޑު ހެޔޮކަމަކަށްވާނެއެވެ.

ވުލޫ ކުރާ ސަރަހައްދު ހުންނަންވާނީ ޖާގަ ތަނަވަސްކޮށެވެ. ގިނަމީހުން އެއްފަހަރާ ވުލޫ ކުރަން އަންނައިރު އެކަކު ގައިގައި އަނެކަކު ޖެހޭ ވަރަށް ކައިރިކައިރީގައި އިސްކުރުތައް ބެހެއްޓުން ރަނގަޅެއްނޫނެވެ. އަދި އިސްކުރުތައް ހަރުކޮށްފައި ހުންނަލެއް ތިރިކަމުން މާބޮޑަށް ގުދަށް އޮވެގެން ވުލޫކުރަން ޖެހުމަކީވެސް ވަރަށް ތަކުލީފު ބޮޑު ކަމެކެވެ. ރާއްޖޭގެ މިސްކިތްތަކުގެ ވުލޫކުރާ ބައިގައި އާންމުކޮށް އިސްކުރުތައް ހުންނަނީ މިބުނި ގޮތަށެވެ. ހަމަ މިއާއެކު، ވުލޫ ކުރާ ފެންތައް އެޅޭ ކާނުގެ މަތީގައި އެކަމަށް ހާއްސަ ބާވަތުގެ މަތިގަނޑެއް އަޅާފައި ބެހެއްޓުން މުހިންމެވެ. ވުލޫ ކުރާ ބައެއް މީހުން އެތަނަށް ބޭރުކުރާ އަރިދަފުހާއި ރަތްކުޅުތައް ފެންނަހެން ހުރުމަކީ އެހައި ހިތްގައިމު ކަމެއްނޫނެވެ! ބައެއް މިސްކިތްތަކުގެ ވުލޫކުރާ ބައި ހުންނަނީ މިސްކިތުގެ އިމާރާތާ ވަކިން ތަންކޮޅެއް ދުރުގައެވެ. މިހެން ހުންނަ ތަންތަނުގައި ވުލޫކުރާ ބަޔާ މިސްކިތާ ދެމެދުގައި ހިނގަން އޮންނަ މަގު، ހިޔާކޮށްލާފައި ހުރެއްޖެނަމަ އެތަން ބޭނުންކުރާ ފަރާތްތަކަށް ލިބޭ ފަސޭހަކަން ބޮޑުވާނެއެވެ.

މިސްކިތުގެ ފާޚާތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް މަސައްކަތް ކުރިނަމަވެސް، އާންމުކޮށް ބަލާއިރު ގިނަ މިސްކިތްތަކުގެ ފާޚާނާތަކުގެ ހާލަތު ހުންނަނީ ދެރަވަރުކޮށެވެ. މުސްލިމު ޝަވަރު ނުވަތަ ފެން އިސްކުރާއި ފްލަޝް ޓޭންކު ހަލާކުވެފައި ހުރުމެވެ. ދޮރު ތަޅުލެވޭނެ ގޮތެއް ނެތުމެވެ. އުނދަގޫވާ މިންވަރަށް ނުބައިވަސް ދުވުމެވެ. ފާޚާނާ ތަށި ނުވަތަ އެއިން ބޭރު ނަޖިސްކޮށްފައި ހުރުމެވެ. މީގެތެރެއިން ބައެއް ކަންކަމަކީ ތަން ބޭނުންކުރާ މީހުންގެ ޒިންމާދާރުކަން ކުޑަވީމައި ކުރިމަތިވާ ކަންކަމެވެ. ވީމާ، ތަން ބޭނުންކުރާ ފަރާތްތަކާއި، ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުމާއެކު މިކަންކަންވެސް ރަނގަޅުކޮށްލުން މުހިއްމެވެ.

މިސްކިތުގެ އަޑުގަދަކުރާ ނިޒާމު (ސައުންޑް ސިސްޓަމް) އެންމެ އެކަށީގެންވާ ގޮތުގައި ބެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އިސްޕީކަރުތަކުގެ އަޑު ބަހައްޓަންވާނީ މިސްކިތަށް އަރާ މީހުންނަށް އަޑުއަހައިލަން ފަސޭހަ މިންވަރަކަށެވެ. މާ ބޮޑަށް އަޑު މަޑުކޮށް ނުވަތަ އެކަށީގެންވާ މިންވަރަށްވުރެ އަޑު ގަދަކޮށްފައި ބެހެއްޓުން ރަނގަޅެއްނޫނެވެ. އަދި އަޑު އެކޯވުމުގެ ސަބަބުން ކިޔާ ނުކިޔާ އެއްޗެއް ސާފުނުވާނެހެން ހުންނަނަމަ އެކަންވެސް ރަނގަޅުކޮށްލަންވާނެއެވެ. މިހާރުގެ ގިނަ އިމާމުންނަކީ ވަރަށް ރީތިކޮށް ބަންގި ގޮވައި ރީތިކޮށް ޤުރުއާން ކިޔަވާ ބައެކެވެ. ނަމަވެސް މި ބުނި 'ރީތިކަން' ، މިސްކިތުގެތެރޭގައި އެންމެ ފުރިހަމަގޮތުގައި ދަމަހައްޓައިދޭނެ ވަސީލަތަކީ މިސްކިތުގެ ސައުންޑް ސިސްޓަމެވެ. ވީމާ މިކަމަށް ބޭނުންކުރާ (މައިކާއި އިސްޕީކަރުތަކާއި އެމްޕްލީފަޔަރު ފަދަ) އާލާތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބަލަހައްޓަންޖެހޭނެއެވެ.

މިސްކިތަށް އަރާމީހުންގެ ބޫޓާއި ފައިވާންތައް އަތްވާއި ވާރޭއިން ސަލާމަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ބެހެއްޓުން ނުހަނު ބޭނުންތެރިއެވެ. އަގު ބޮޑެތި ފައިވާނާއި ބޫޓުތައް އަތްވާއި ވާރެއަށް ދޫކޮށްލާފައި މިސްކިތަށް އަރަން ބޭނުންނުވާ ކިތަންމެ ބަޔަކު ތިބޭނެއެވެ. ޖާގަ ދަތި ތަންތަނުގައި ހަދާފައިވާ މިސްކިތްތަކުގައި، މިފަދަ އިންތިޒާމެއް މިހާރު ހަމަޖެއްސުމަކީ އުނދަގޫ ކަމަކަށްވެދާނެއެވެ. ވީމާ، ފުރަތަމަވެސް މިސްކިތް ފަރުމާ ކުރާއިރު މިފަދަ ކަންކަމަށް ވިސްނައިގެން ފަރުމާ ކުރުން ރަނގަޅެވެ.

ޒަމާނީ ވަސީލަތްތައް ގާއިމުކުރުން

މިސްކިތުގައި ކުރެވޭ ހަމައެކަނި ކަމަކީ ނަމާދުކުރުމެއްނޫނެވެ. އެއާއެކު، ދީނީ ނަސޭހަތް ދިނުމާއި އުނގަންނައިދިނުންފަދަ ކަންތައްތައްވެސް މިސްކިތުގައި ކުރިއަށް ގެންދެވެއެވެ. މި ކަންކަން ކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތައް މިސްކިތުގައި ގާއިމުކުރުން ރަނގަޅެވެ. މިގޮތުން ޕްރޮޖެކްޓަރާއި ޓީވީ އަދި ސްމާޓު ބޯޑު ނުވަތަ އާދައިގެ ވައިޓު ބޯޑު ފަދަ ވަސީލަތްތައް ބެހެއްޓިދާނެވެ. މިސްކިތުގެ އެކި ސަރަހައްދުތަކުގައި ޓީވީ ހަރުކޮށް، ދީނީ އިރުޝާދުތަކާއި މުހިންމު މައުލޫމާތުތައް އަރަމުންދާގޮތަށް ހަދާފައި ބެހެއްޓުމަކީވެސް ފައިދާ ކުރާނެ ކަމެކެވެ. މި ބާވަތުގެ އިންތިޒާމުތައް ހަމަޖައްސާނީ އެކަމަށް އެކަށީގެންވާފަދަ ގޮތަކަށް ބިނާކޮށްފައިވާ މިސްކިތްތަކުގައެވެ. (އުނގަންނައިދިނުމުގެ ޒަމާނީ ވަސީލަތްތައް މިސްކިތުގައި ގާއިމުކުރެވިފައި ހުންނައިރު، އޭގެ ބޭނުންކުރާ ފަރާތްތަކަކީ އެފަދަ ވަސީލަތްތަކަށް އަހުލުވެރި ބަޔަކަށް ވާންޖެހޭނެއެވެ. ވާއިޒުންނާއި މުދައްރިސުން މީގެތެރޭގައި ހިމެނެއެވެ. މިއީ އެހެން މައުލޫއަކަށްވާތީ މީގެ ތަފުސީލަކަށް ނުދާނަމެވެ.)

ބުނެވިދިޔަ ކަންތައްތައް ކުރާނީ ކޮންފަރާތަކުން؟

މިސްކިތާ ގުޅޭގޮތުން ބަޔާންކުރެވުނު ކަންތައްތަކަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި އިމާމުންނާއި، މިސްކިތް ބަލަހައްޓާ ފަރާތްތައް އެކުގައި މަޝްވަރާކުރަންޖެހޭނެއެވެ. އަދި މިކަމުގައި، މިސްކިތަށް އަރާ މީހުންގެ ފަރާތުން ޚިޔާލު ހޯދުންވެސް މުހިއްމެވެ. މިގޮތުން ކުރެވޭ މަޝްވަރާއާއި އިސްލާހުކުރުމުގެ މަސައްކަތަކީ ވަކި ތާވަލަކާ އެއްގޮތަށް، އަބަދުވެސް ކުރެވޭ ކަމަކަށް ވާންޖެހޭނެއެވެ. ފާހަގަކޮށްފައިވާ ބައެއް ކަންކަން، ކަމާބެހޭ އިދާރާތަކުން ތަންފީޒުކުރަންޖެހޭއިރު އަނެއްބައި ކަންކަމަކީ މިސްކިތުގެ އިމާމުންނާއި މަސައްކަތު މީހުން ބަލަހައްޓަން ޖެހޭ ކަންތައްތަކެވެ. އަދި ހަމަ މިއާއެކު، މިސްކިތުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި މިސްކިތާ އެކަށީގެންނުވާފަދަ ކަންތައްތައް އެތަނުގައި ނުކުރުމަކީ، މިސްކިތަށް އަރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް