ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޖެޕީން: އަދުރޭ

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން މިހާރު އޮތް ސަރުކާރާއެކު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލައިގެން ނަމަވެސް އެމަނިކުފާނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް މި ސަރުކާރުން ބައިވަރު މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އަދި އެކަމުގައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ އަދި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީވެސް ޖޭޕީން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން، އަޅުގަނޑުމެންގެ ކެނޑިޑޭޓަކީ އެއީ. އެހެންނަމަވެސް ރައީސް ޔާމީން ޖަލަށް ލައިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން އެތައް މަސައްކަތްތަކެއް އެބަ ކުރެވޭ. ޚާއްސަކޮށް ޖޭޕީ އިން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެރިކަމަށް ވަޑައިގެންނެވޭނީ ރައީސް ޔާމީން ޖަލަށް ލުމަށް ފަހު، ޕީޕީއެމްގެ ތާއިދު ހޯދައިގެން ކަމަށް ގާސިމް ގަބޫލު ކުރައްވާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ޖަލަށް ލައިގެން ހާސިލުކުރަން ބޭނުންވާ އެއްވެސް ކަމެއް ހާސިލުވިޔަ ނުދޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ތުހުމަތު ކުރެއްވީ މި ސަރުކާރަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށާއި ވަކިވަކި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މިހާ ހިސާބަށް އައި ސަރުކާރެއް ކަމަށެވެ.

އެހެންކަމުން ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަދި އަދުލު އިންސާފު ގެއްލުވާލި ބަޔަކާ އިދިކޮޅު ކޯލިޝަނުން ނުގުޅޭނެ ކަމަށާއި ރައީސް ޔާމީނަކީ އަބަދުވެސް ދިވެހި ގައުމާއި އިސްލާމްދީން އެންމެ ފުރަތަމަ އިސްކުރެއްވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް ބައެއްގެ ނުފޫޒު ނެތްނަމަ، އެ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމުގެ ޝައްކެއް ނެތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ޖޭޕީން ބޭއްވި ޖަލްސާއެއްގައި ގާސިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންތިހާބަށް ނުކުންނާނީ އެ ޕާޓީ އެކަނިތޯ ނުވަތަ ކޯލިޝަނަކުންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސްއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް