ޑެންގީއާއި ރޯގާ އަދިވެސް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އާންމުންގެ މީހަކު މާސްކު އަޅައިގެން --- ސަން/ މުހައްމަދު މުޒައްޔިން ނާޒިމް

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ތިން ބައްޔެއް ޖެހޭ މިންވަރު އިތުރުވެ، ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މިއަދު އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުގައި، ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އިތުރުވި ބަލިތަކުގެ ތެރޭގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިއަހަރުގެ މޭ މަހު ޑެންގީގެ 185 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 73 ކޭސް ރިޕޯޓުކޮށްފައި ވަނީ އެ މަހުގެ ފަހު ހަފުތާގައެވެ. އަދި މިދިޔަ ޖޫން މަހު ޑެންގީގެ 294 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 68 ކޭސް ރިޕޯޓު ކޮށްފައިވަނީ މޭ މަހުގެ ފަހު ހަފުތާގައެވެ.

އެޗްޕީއޭއިން ވަނީ، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާ ޖެހިގެން މިއަހަރުގެ މޭ މަހު ވަނީ މުޅި ޖުމްލަ 13،361 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ ޖޫން މަހު ވަނީ 21،802 ކޭސް ރިޕޯޓު ކޮށްފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިދިޔަ މޭ މަހާ އަޅާ ބަލާއިރު މިދިޔަ ޖޫން މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު ވަނީ އިތުރުވެފައެވެ. އަދި ޓެސްޓް ކުރި ސާމްޕަލްތަކުގެ ތެރެއިން ހަ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ އަރުދަފުސް ރޯގާއިން ރައްްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އެގޮތުން ކިނބިހި އަޅާއިރު އަނގަ މަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި އާއްމު ސާފުތާހިރުކަމަށާއި ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް