ޓެކްސީގެ އައު އަގުތަކަށް ޑްރައިވަރުންގެ ޖަމިއްޔާގެ މަރުހަބާ

މަޖީދީމަގުން ޓެކްސީ އެށް ދަތުރުކުރަނ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގަައި ޓެކްސީ ކުރާ އަގުތަކަށް ގެނައި ބަދަލަށް ޑްރައިވަރުންގެ ޖަމިއްޔާއިން މަރުހަބާ ކިޔައިފިއެވެ.

އެ ޖަމިއްޔާގެ އިންތިޒާމް ސެކްރެޓަރީ އަހްމަދު ޝަމާލް "ސަން"އަށް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ އިއުލާނު ކުރި އަގުތަކާ އެކު ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް ލުޔެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ވެސް މިނިސްޓްރީ އާއެކު އިތުރު މަޝްވަރާތައް ކުރެވި، ޑްރައިވަރުންގެ އިތުރު ކަންބޮޑުވުންތަކަށް ހައްލު ހޯދުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓެކްސީ އަގުގެ މައްސަލައިގައި ދާއިމީ ހައްލަކަށް ވާނީ މީޓަރު ތައާރަފު ކުރުން ކަމަށާއި، އެކަމާ ބެހޭ މަޝްވަރާތައް ވެސް ކުރަމުން ދާނެ ކަމަށެވެ.

އިއްޔެ ޓްރާންސްޕޯޓުން އިއުލާނުކުރި އަގުތަކުގައި މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގަށް ވަނީ ފަސް ރުފިޔާ އާއި 10 ރުފިޔާ އާ ދެމެދުގެ ބަދަލެއް އައިސްފައެވެ.

ޓެކްސީ ދަތުރުތަކުގެ އައު އަގުތައް

  • މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު :30 ރުފިޔާ
  • މާލެ އިން ހުޅުމާލެ ފިޔަވަހި1 އަށް، އަދި ހުޅުމާލެ ފިޔަވަހި1 އިން މާލެ އަށް: 85 ރުފިޔާ
  • މާލެ އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް: 100 ރުފިޔާ
  • މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް: 70 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 1 އަށް: 80 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް: 85 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި1 އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން ހުޅުމާލެ ފިޔަވަހި2 އަށް: 40 ރުފިޔާ

ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކޮށްފައި މިވަނީ ތެލުގެ އަގު އުފުލެމުން ދާތީ، ޓެކްސީ އަގުތައް އަލުން މުރާޖައާ ކުރުމަށް ގޮވާލާ ޑްރައިވަރުން އަޑު އުފުލާތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް