ކަރެކްޝަނުން ބަލަހައްޓާ ކުޑަކުދީންނަށް ތަޢުލީމު ދިނުމަށް އެޑިއުކޭޝަނާއެކު އެއްބަސްވުމަކަށް!

ކަރެކްޝަނުން ބަލަހައްޓާ ކުޑަކުދީންނަށް ތަޢުލީމު ދިނުމަށް އެޑިއުކޭޝަނާއެކު އެއްބަސްވުން -- ފޮޓޯ/ ކަރެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތަޢުލީމު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެއްޖެއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާބެހޭ އެއްބަސްވުމުގައި ކަރެކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީއެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަޙްމަދު "ސަން"އަށް ވިދާޅުވީ މިއަދު ސޮއި ކުރި އެއްބަސްވުމުގެ މަޤުސަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާ އާ ގުޅޭ ގޮތަށް ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ އެއް މަސް ދުވަސް ތެރޭގައި ކަރެކްޝަންގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސުކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުން ހިމެނެއެވެ.

މީގެ އިތުރުން އެސެސްމެންޓް ރިޕޯޓް ތައްޔާރުކުރުމަށްފަހު އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލާނިން ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކަރެކްޝަންގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް އިނާޔަތްދިނުމާއި ކުދިން ކުލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމުގެ އިތުރުން މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ވެސް ހިމެނެއެވެ.

ކުށްކުރާ ކުޑަކުދިންނަށް ޤާނޫނުން ލިބިދޭ ހައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަރެކްޝަނުން މިއަހަރުގެ ކުރީކޮޅުގައި ވަނީ އެ ކުދިން ބޭތިއްބުމަށް އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް ހުޅުވާފައެވެ.

comment ކޮމެންޓް