އިންޑިއާގެ ހިލޭއެހީގެ ދަށުން ފަރެސްމާތޮޑާގައި "ހެރަހަމަގު ބަގީޗާ" ހުޅުވައިފި

ފަރެސްމާތޮޑާގައި ހެދި "ހެރަހަމަގު ބަޖީޗާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހައުސިން މިނިސްޓްރީ

އިންޑިއާގެ ހިލޭ އެހީގެ ދަށުން ގދ. ފަރެސްމާތޮޑާގައި ހެދި "ހެރަހަމަގު ބަޖީޗާ" މިއަދު ހުޅުވައިފިއެވެ.

އެ ޕާކު ހުޅުއްވައިދެއްވާފައި ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ.

ފަރެސްމާތޮޑާގައި ހެދި "ހެރަހަމަގު ބަޖީޗާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު-- ފޮޓޯ/ ހައުސިން މިނިސްޓްރީ

ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަނީ، އާންމުންގެ ބައިވެރިވުމާއެކު ފޯރިގަދަ ކުޅިވަރުގެ މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށްގޮސްފައެވެ.

އާންމު އެއްވުންތަކާއި އިވެންޓްތައް ބޭއްވުމަށް އަދި ދުޅަހެޔޮކަމާއި އައުޓްޑޯ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެ ތަނަކަށް މި ޕާކްވެގެންދާނެއެވެ.

ފަރެސްމާތޮޑާގައި ހެދި "ހެރަހަމަގު ބަޖީޗާ"-- ފޮޓޯ/ ހައުސިން މިނިސްޓްރީ

މިއީ އިންޑިއާއިން ފޯރުކޮށްދީފައިވާ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެދަށުން ހިންގުމަށް ހަމަޖެހިފައިވާ 45 މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީގެ މައްޗަށް ބިނާވެފައިވާ މި މަޝްރޫޢުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދެމެހެއްޓެނިވި ތަރައްޤީ، ތާޢުލީމީ ދާއިރާ އަދި މަސްވެރިކަމާއި ސިއްޙީ ދާއިރާ، ކުޅިވަރާއި ޒުވާނުންގެ ތަރައްޤީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ވެސް ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ދެބައިކުޅަ އެއްބައި މިހާރުވަނީ ނިމިފައިއެވެ.

އިންޑިއާއިން ރާއްޖޭގައި ހިލޭ އެހީގެގޮތުގައި ހިންގޭ މިފަދަ މަޝްރޫޢުތައް ބިނާ ވެފައިވަނީ އެ މުޖްތަމަޢުއަކަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގެ މައްޗަށް ބަލައި، އުމްރާނީ ތަރައްޤީ ބިނާކުރުމަށް ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ. އަދި މި މަޝްރޫޢުތައް ހަމަޖައްސަނީ ރާއްޖޭގެ ސަރުކާރުން، ތަރައްޤީގައި އިސްކަންދީފައިވާ ގޮތުގެ މައްޗައް ބަލާފައިއެވެ. އެގޮތުން މި މަޝްރޫޢުތައް ހިންގުމަށް ހަވާލުކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކާއި ކަމާ ބެހޭ މިނިސްޓްރީތަކަށެވެ.

comment ކޮމެންޓް