ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މިލިއަނެއްހާ މީހުން ސައޫދީއަށް ހިނގައްޖެ

މައްކާގެ ގެފުޅު ނުވަތަ މަސްޖިދުލްހަރާމް

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށްޓަކައި މިހާތަނަށް މިލިއަނެއްހާ މީހުން ސައޫދީ އަރަބިއާއަށް މިހާރުވަނީ ގޮސްފައެވެ. ހައްޖާއި އުމްރާއާބެހޭ ސައޫދީ ވުޒާރާ ބުނާ ގޮތުން ދުނިޔޭގެ ގައުމުތަކަށް ދީފައިވާ ކޯޓާތަކާ އެއްވަރަށް އެ ގައުމުތަކުން މިހާރުވަނީ ހައްޖަށް މީހުން ފޮނުވާފައެވެ.

މިއަހަރު އެއް މިލިއަން މީހުންނަށް ހައްޖުގެ ފުރުސަތު ދިން ނަމަވެސް މިދިޔަ އަހަރު ހައްޖަށް ފުރުސަތު ދީފައިވަނީ އެންމެ 60 ހާސް މީހުންނަށެވެ. އޭގެކުރީ އަހަރު، 2020 ވަނަ އަހަރު ހައްޖުގައި ބައިވެރިކޮށްފައިވަނީ ހަމައެކަނި ސައޫދީގައި ދިރިއުޅޭ 10،000 މީހެކެވެ. އޭގެތެރެއިން 70 ޕަސެންޓު މީހުންނަކީ ސައޫދީގައި ދިރުއުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެއީ ކޮވިޑްގެ ނުރައްކަލާ ގުޅިގެންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް އިސްކަންދިނުން

ކޮވިޑުގެ ކުރިން އެވްރެޖްކޮށް 2.3 މިލިއަން މީހުންނަށް ކޮންމެ އަހަރަކުވެސް ހައްޖުގެ ފުރުސަތު ދެމުން ގެންގޮސްފައިވެއެވެ. ކޮވިޑް ފެތުރިދާނެކަމުގެ ބިރު އަދިވެސް އެބައޮތެވެ. އެހެންކަމުން މިއަހަރު ހައްޖަށް ފުރުސަތު ދީފައިވަނީ ހަމައެކަނި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ.

މައްކާގެ ގެފުޅު ނުވަތަ މަސްޖިދުލްހަރާމް

މިއަހަރުގެ ހައްޖަށް ދިއުމަށް ސައޫދީ ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހައްޖަށްދާ ކޮންމެ މީހަކީވެސް ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހަކަށްވުމާއި ދިގު މުއްދަތަކަށް ބޮޑެތި ބަލިތަކަށް ފަރުވާހޯދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. މިކަންކަން ކަށަވަރު ކުރެވޭނެ ރަސްމީ ލިޔުންތައް ހުންނަ މީހުންނަށް ނޫނީ ހައްޖު ވިސާ ނުދޭނެއެވެ.

ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާ ބުނާގޮތުން މިދިޔަ އަހަރުގެ ހައްޖު މޫސުމެކޭ އެއްގޮތަށް މިއަހަރުގެ ހައްޖު މޫސުމުގައިވެސް އެންމެ ބޮޑަށް އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ކޮވިޑްގެ ނުރައްކަލުން ހައްޖުވެރިން ސަލާމަތް ކުރުން ހިމެނެއެވެ. އެހެންކަމުން ހައްޖުގެ އަޅުކަމުގެ ތެރެއިން ކޮވިޑް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.

ތަރުވިޔާގެ ދުވަސް

މިއަހަރުގެ ހައްޖު ދުވަހަކީ މިޖުލައި މަހުގެ އަށެއް ވާ ހުކުރު ދުވަހެވެ. ހުކުރު ހައްޖެކެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ހައްޖުވެރިން މިޖުލައިމަހުގެ ހަތެއް ވާ ބުރާސްފަތި ދުވަހު (މާދަމާ) މިނާގައި ތަރްވިޔާގެ ދުވަސް ފާހަގަކުރާނެއެވެ.

ތަރްވިޔާގެ ދުވަހަކީ ހައްޖުވެރިން މައްކާއިން މިނާއަށް ދާ ދުވަހެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައްޖުވެރިން ހައްޖު މަހުގެ އަށް ވަނަ ދުވަހު (މިއަހަރަށް ބަލާއިރު މިޖުލައިމަހުގެ ހަތެއް ވާ ބުރާސްފަތި ދުވަހު، ނުވަތަ މާދަމާ) ހައްޖުވެރިން މައްކާއިން މިނާއަށް ގޮސް އެތަނުގައިވާ ފޭލިގެތަކުގައި މަޑުކޮށްލާނެއެވެ.

ތަރްވިޔާގެ ދުވަހު ހައްޖުވެރިން މައްކާއިން މިނާއަށް ގޮސް މިނާގައި ތިބެނީ ކީރިތި ރަސޫލުﷲ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އެގޮތަށް ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.

ހައްޖު ދުވަސް

އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ. ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށްޓަކައި ހައްޖު ދުވަހު (އަރަފާތު ދުވަހު) ތިބޭނީ އަރަފާތުގެ ބިމުގައެވެ.

އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަހްމާ ގެ މަތީގައި ހައްޖުވެރިން

އާންމު ގޮތެއްގައި އަރަފާތުގެ ބިމަށްދާންފަށާނީ ހައްޖު މަހުގެ އަށް ވަނަ ދުވަސްކަމަށްވާ ތަރުވިޔާގެ ދުވަހު މިނާގައި ތިބުމަށްފަހު އެރޭ ފަތިސްނަމާދަށް ފަހުއެވެ. ނަމަވެސް ހައްޖުވެރިންގެ އަދަދު ގިނަވުމާއެކު މިފަހަކަށް އައިސް އެރޭ ދަންވަރުން ފެށިގެން އަރަފާތުގެ ބިމަށްދާން ހައްޖުވެރިން ފަށައެވެ. އެއީ އަރަފާތު ދުވަހުގެ ހެނދުނުކޮޅު އަރަފާތަށް ގޮސް ނިންމާލެވޭތޯއެވެ.

އަރަފާތު ބިމުގައި ހުންނަ އެންމެ މުހިއްމު މަޢުލަމަކީ (ލޭންޑްމާކަކީ) އަރަފާތު ފަރުބަދަ ނުވަތަ ޖަބަލް އައްރަޙްމާ އެވެ. އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަޙްމާއަކީ މީގެ 14 ގަރުނުގެ ކުރިން ކީރިތި ރަސޫލާ (މުހައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ހައްޖު ކަމަށްވާ ހައްޖަތުލްވަދާއުގައި އެކަލޭގެފާނު ހައްޖު ޚުތްބާ ދެއްވިތަނެވެ. އެކަލޭގެފާނު ހައްޖު ޚުތްބާ ދެއްވީ ޖަބަލުއްރަޙްމާގެ ތިރީގައި ހުންނަވައިގެންނެވެ.

ހައްޖު ދުވަހުގެ ޚުތުބާ

ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްނަމިރާގައި ހައްޖުދުވަހުގެ ޚުތުބާ ދެއެވެ. އެއީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ހައްޖަތުލްވަދާއުގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވެ އެކަލޭގެފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މުސްލިމުން ހައްޖުގެ އަޅުކަން ކުރަމުންގެންދަނީ ހައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ހައްޖުކުރެއްވި ގޮތަށެވެ.

އަރަފާތު ބިމުގައި ހުންނަ މަސްޖިދުއްނަމިރާ

އަރަފާތުގެ ބިމުގައި ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއު (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ ކީރިތި ރަސޫލާވެސް އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

މުޒްދަލިފާގައި ރޭކުރުން

ހައްޖުވެރިން އަރަފާތު ދުވަހު އެއްކޮށް އަރަފާތު ބިމުގައި ތިބުމަށްފަހު އެދުވަހުގެ އިރުއޮއްސޭން ފެށުމުން (އީދުވިލޭރޭ) ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާގައި އެރޭ މަޑުކުރުމަށްފަހު އެރޭފަތިހު ހައްޖުވެރިން މުޒްދަލިފާއިން ދާނީ އަނެއްކާވެސް މިނާއަށެވެ. މިނާއަށް ގިނަމީހުން ދާނީ ހިނގާފައެވެ.

މިނާގައި ހައްޖުވެރިން ތިބޭ ފޭލިގެތައް

އީދުދުވަހު ހެނދުނު ހައްޖުވެރިން ތިބޭނީ މިނާގައެވެ. އީދު ދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު ހައްޖުވެރިން މިނާގައި ތިބޭނީ ޖަމްރާތަކަށް ހިލައުކުމަށެވެ. އެއަށްފަހު ހައްޖުވެރިން މައްކާގެ ހަރަމްފުޅަށްގޮސް ހައްޖުގެ އެންމެ ފަހުގެ އަޅުކަން ކަމަށްވާ ތަވާފުލްއިފާޟާކޮށް ހައްޖުގެ އަޅުކަން ނިންމާލައެވެ.

ޖަމްރާ ތަކަށް ހިލަ އުކަނީ

މިނާގައި ޖަމްރާތަކަށް ހިލައުކުން

އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގެ ތެރެއިން ދެދުވަހު މިނާގައި ތިބެ ޖަމްރާތަކަށް ހިލައުކުމުން ހައްޖުގެ އަޅުކަން ފުރިހަމަވެއެވެ. އާންމުގޮތެއްގައި ހައްޖުވެރިންގެ ބައެއްމީހުން މިނާގައި ތިބޭނީ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގެ ތެރެއިން ދެ ދުވަހުއެވެ.

ތަވާފުލްއިފާޟާ

އެއަށްފަހު މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލްއިފާޟާކޮށް ހައްޖުގެ ކަންތައްތައް ނިންމާލައެވެ. ނަމަވެސް އަނެއްބައި މީހުން އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު މިނާގައި ތިބެއެވެ. މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލްއިފާޟާ ކުރާނީ އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ ހަވީރުއެވެ.

މަދީނާގައި ހުންނަ މަސްޖިދުއްނަބަވީ

މަދީނާއަށް ޒިޔާރަތް ކުރުން

ހައްޖުގެ އަޅުކަމުގެ އިތުުރުން ހައްޖުވެރިން މަދީނާއަށްވެސް ޒިޔާރަތް ކުރެއެވެ. މަދީނާއަށް ގޮސް ކީރިތި ރަސޫލާގެ މިސްކިތްކޮޅު ކަމަށްވާ މަސްޖިދުއްނަބަވީއަށް ޒިޔާރަތްކޮށް އެމާތް މިސްކިތުގައި އަޅުކަން ކުރުމުގެ މާތްކަން ލިބިގަނެއެވެ. އާންމުގޮތެއްގައި ގިނަ ހައްޖުވެރިން މަދީނާއަށް ގޮސް މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރަނީ ހައްޖުގެ އަޅުކަން ފެށުމުގެ ކުރިންނެވެ.

comment ކޮމެންޓް