މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން މާލޭ މާފަންނު ސްޓޭޑިއަމްގައި

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި މި އަހަރުގެ އަޟްހާ އީދު ނަމާދު ކުރާނީ ބޮޑު ޖަމާއަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ގްރޭޓާ މާލެ ސަރަހައްދުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

އެގޮތުން ބޮޑު ޖަމާއަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭގެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެގެ ބޯޅަދަނޑުގައެވެ.

އީދު ނަމާދަށް ދާއިރު ސަމާލުކަން ދޭންވީ ކަންކަންވެސް އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވާއިރު އެކަންކަމުގެ ތެރޭގައި ކޮންމެ މީހަކުވެސް ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އަމިއްލަ މުސައްލައެއް ގެންދިއުމާއި އަމިއްލަ ފެންފުޅިއެއް ގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން ފައިވާން ލެވޭނެ ޕްލޭސްޓިކް ނޫން ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ގެންދިއުމަށް ސަމާލުކަން ދިނުމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭނަމަ އީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

comment ކޮމެންޓް