ސައްޙަ ނޫން ޓެކްސް ރިޕޯޓުތައް ގިނަވެއްޖެ، ރިޕޯޓު ބަލައިގަތުމުގެ ކުރިން ސައްޙަކަން ކަށަވަރުކުރޭ: މީރާ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓެކްސް ކްލިއަރަންސް ރިޕޯޓު ބޭނުންކުރާ ފަރާތްތަކުން ރިޕޯޓު ބަލައިގަތުމުގެ ކުރިން ރިޕޯޓުގެ ސައްޙަކަން ކަށަވަރުކުރުމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އެދިއްޖެއެވެ.

މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކާއި މުއައްސަސާތަކުގެ އިތުރުން މާލީ އިދާރާތަކަށް ހުށަހަޅަމުންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށެވެ.

ޓެކްސް ކްލިއަރަންސް ރިޕޯޓަކީ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ރިޕޯޓުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ރިޕޯޓެއްކަމަށް މީރާއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ދަނޑިވަޅަކީ ރިޕޯޓު ފޯޖްކޮށްގެން ހުށަހަޅަމުންދާ ދަނޑިވަޅެއްކަމުގައި ވާތީ، ޓެކްސް ކްލިއަރަންސް ރިޕޯޓު ބޭނުންކުރާ ފަރާތްތަކުން ރިޕޯޓު ބަލައިގަތުމުގެ ކުރިން، މީރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓުގެ ސައްޙަކަން ޔަގީންކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ރިޕޯޓުތަކާއި ލިޔުންތައް ފޯޖުކޮށް އިދާރާތަކަށް ހުށަހަޅަމުންދާ މީހުންގެ މައުލޫމާތު ލިބޭ ފަރާތްތަކުން އެ މައުލޫމާތު މީރާއާ ހިއްސާކުރުމަށް އެ އޮތޯރިޓީން ވަނި އެދިފައެވެ.

ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި، ޓެކުހާގުޅޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައި މީރާއިން ދޫކުރާ ލިޔުމެކެވެ.

ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް ނުވަތަ ލައިސަންސްއެއް ދިނުމާއި، އައުކުރުމާއި، ބަދަލުގެނައުމާއި، ވިޔަފާރިއެއް ހިންގާ ފަރާތް ބަދަލުކުރުމާއި، މި ނޫންވެސް ދައުލަތުގެ އޮފީހަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނެތްކަން މީރާއިން ލިޔުމުން ކަށަވަރުކުރުމަށް ބަޔާންކޮށްފައިވާތީ، ސަރުކާރުގެ ގިނަ އިދާރާތަކަށް މި ރިޕޯޓް ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް