ދަރަނި ރީސްޓްރަކްޗާކޮށްފަ ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރާކަށް ނުޖެހޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު:

ދަރަނި ރިސްޓްރަކްޗާކޮށްފަ ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރާކަށް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ޚަރަދާއި އާމްދަނީ ދެކޮޅުޖެއްސުމަށް ފިނޭންސް މިނިސްޓްރީން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދަރަނި ރީސްޓްރަކްޗާކޮށް، ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރަން ނުޖެހޭނެކަމަށެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ އެމްޑީޕީއާ އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ އެމްޕީއެއް. އަޅުގަނޑަށް ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއްނުގަނެވޭ. ދިމައެެއް ނުވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިދަނީ ދަރަންޏާ ދިމާލަށްކަމަށެވެ. އެހެންކަމުން ސަރުކާރަށް ގޯސް ހެދުނަސް އެ ގޯސް ބަލައިގަނެ ޕާޓީއާ މަޝްވަރާކުރަން އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ގޯސްތައް ހެދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަންކަން ގާތުން ނުބައްލަވާތީކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުދެކޭގޮތުގަ މިކަން ނުކޮށްފިނަމަ އަޅުގަނޑުމެންގެ އިތުބާރު ސަރުކާރަށް ގެއްލޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީ ދެކޮޅުޖައްސައި، ފިސްކަލް ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީން ހާމަކުރީ މިއަދުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާއި، ބޮޑެތި އިގްތިސާދުތަކުގެ އިންޓަރެސްޓް ރޭޓުތައް މައްޗަށް ދިޔުމުން ދަރަނީގެ އަގުމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ފިސްކަލް ހާލަތު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފަހައްޓަން އަޅުގަނޑުމެން އެބަޖެހޭ ފިޔަވަޅުތަކެއް އަޅަން," މިނިސްޓަރު ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުން
  • ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުން
  • ޚަރަދު ކުޑަ ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް

ސަބްސިޑީ ރިފޯމްކުރުން

  • ސަރުކާރު ކުންފުނިތައް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުން
  • އިތުރު މަޝްރޫއުތައް ފެށުން މަޑުޖައްސާލުން
  • ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލް ކުރުން

ސަރުކާރުން ދަނީ މި ފިޔަވަޅުތައް އަޅަން ކަމާބެހޭ އެކި ފަރާތްތަކާ މިހާރު މަޝްވަރާ ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ފިޔަވަޅުތަކާ ބެހޭ އިސްލާހުތައް މި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވޭނެ ކަމަށެވެ.

comment ކޮމެންޓް