ބަސް އެކްސިޑެންޓު: ތިން މީހުން ވެންޓިލޭޓަރުގައި

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ އިރުއޮއްސުނު ވަގުތު އެމްްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސްޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދޭން އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ހަތަރު މީހުންނަށްވެސް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ އިރުއޮއްސުނުއިރު ހިނގި އެކްސިޑެންޓުގައި ޖުމްލަ ހަ މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެތެރެއިން އެކަކު ވަނީ ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައެވެ.

މަރުވެފައި ވަނީ ގއ. މާމެންދޫ، ބިލަތްމާގޭ، މަރްޔަމް އަމާނީ ރަޝީދު، 23، އެވެ.

ކުޅިވަރު އެކުވެނި ކައިރިން ހިނގި ނުރައްކާތެރި އެ އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރު ކޮންޓުރޯލް ނުވެ ބަހުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްކަން ވަނީ ހާމަވެފައެވެ.

އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ރޭގެ ވަގުތެއްގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުން ހެންވޭރާވީ ކޮޅަށް މޭރީ ބްރައުން ކައިރިން ރަތް ކުލައިގެ ކާރެއް ފެން ބޮޑުވެފައިވެފައިވާ މަގުގެ ފެންގަނޑު ކަފަމުން ބާރު ސްޕީޑުގައި އަންނަތަން ފެނެއެވެ.

ވަކި ހިސާބަކުން އެ ކާރު އެނބުރެމުން އައިސް ބުރިޖުން ފައިބައިގެން މާފަންނާ ވީކޮޅަށް ދުއްވާފައި ދިޔަ ބަހުގައި ޖެހި ކާރު ހުއްޓޭތަން އެ ވީޑިއޯއިން ފެނެއެވެ.

އެ އެކްސިޑެންޓު ހިނގި ވަގުތަކީ ކަސްރަތަށް ދުވާ ދެ މީހަކު އެ ބަހާ ހަމައަށް އެރި ވަގުތެވެ. އެހެންކަމުން އެ އެކްސިޑެންޓު ހިނގުމާއެކު އެ ދެމީހުން ކާރާ ދިމާލަށް ދުއްވައިގަނެ މީހުން ކާރުން ނެރުމުގެ މަސައްކަތް ކުރާތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.

އެ ކާރު އެނބުރެމުން އައިއިރު އެ ދެމީހުންގެ ގައިގައި ނުޖެހުނީވެސް ހަމަ ކިރިޔާއެވެ. އެ މީހުންނާ ދިމާލަށް ކާރު އެނބުރެމުން އަންނަތަން ފެނުމުން ކުއްލިއަކަށް އެމީހުން އެއްފަރާތަށް ވެސް ދިޔައެވެ.

އެކްސިޑެންޓުގައި ބަހުގައި ޖެހިފައިވަނީ ކާރުގެ ފަހަތުކޮޅެވެ. ކާރުގެ ފަހަތް އެއްކޮށް ވަނީ ފުނޑު ފުނޑު ވެފައެވެ. އަދި ބަހުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

comment ކޮމެންޓް