ޖީއެސްޓީ ފަދަ ޓެކްސްތައް ބޮޑުކުރުން ރަނގަޅީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން: އާތިފް ޝުކޫރު

އިބްރާހީމް އާތިފް ޝުކޫރު-- ސަން ފައިލް ފޮޓޯ

ދައުލަތުގެ ޚަރަދުތައް ދެކޮޅު ޖެއްސުމުގެ ފިޔަވަޅެއްގެ ގޮތުން ޖީއެސްޓީ ފަދަ، އާންމުންނަށް ބުރަބޮޑު ޓެކްސްތައް ބޮޑު ކުރަން ރަނގަޅީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކަމަށް ރާއްޖޭގެ އިގްތިސާދު ދިރާސާކުރައްވާ ބޭފުޅެއްކަމުގައިވާ އިބްރާހީމް އާތިފް ޝުކޫރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އާންމުންގެ އަތުން ނަގާ ބައެއް ޓެކްސްތައް ބޮޑުކުރަން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާކަން އާންމުންނަށް ތިލަވީ އިއްޔެއެވެ. ސަރުކާރުން ހުށަހެޅީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.

އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވާ އާތިފް މިއަދު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ދެކޮޅު ނުޖެހޭ ނަމަ އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމެވެ.

އެއަށްފަހު، އުފެއްދުންތެރިކަމަށް ހިއްސާ ނުކުރާ ހޭދަ މަޑުޖައްސާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އައިސްޕްލާންޓެއް އެޅީމަ، އޭގެ ސަބަބުން މަސް ގިނަ ދުވަހު އެބަ ބެހެއްޓޭ. ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަން އެބަ އިތުރުވޭ," އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ޖީޑީޕީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިގްތިސާދު ރަނގަޅުވުމަށް މަގުފަހިވާ ކަމަށެވެ. ނަމަވެސް، އެފަދައިން، އުފެއްދުންތެރިކަމަށް ހިއްސާ ނުވާ ހަރަދުތައް ހުއްޓާލުމަކީ ދެކޮޅު ޖައްސަން މުހިއްމު ކަމެއް ކަން އޭނާ ފާހަގަކުރިއެވެ.

ތިން ވަނަ ފިޔަވަޅެއްގެ ގޮތުން އާތިފް ފާހަގަކުރައްވަނީ ސަބްސިޑީގެ ފައިދާވަމުން އަންނަ ފޯރުންތެރިން އެއްފަރާތްކުރުމެވެ. ކާޑު ސަބްސިޑީ ފަދަ ސަބްސިޑީތަކުގެ ބޮޑު ފައިދާއެއް އޭގެ ހައްގުވެރިން ނޫން ފަރާތްތަކަށް ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އާތިފް ވިދާޅުވިގޮތުގައި ޓެކްސް އިތުރުކުރަން ޖެހޭ ނަމަ، އެންމެ ފުރަތަމަ ޓެކްސް ނަގަން ފަށަން ޖެހެނީ މުއްސަނދިންގެ އާމްދަނީން ނެގޭ ޕްރޮގްރެސިވް ޓެކްސްއެއްގެ ގޮތުގައެވެ.

"ޖީއެސްޓީ ފަދަ ޓެކްސްތަކުގައި މިވާގޮތަކީ ހުރިހާ އެންމެން އެއްވަރަކަށް އޭގައި މި ހިއްސާ ވަނީ. އެހެންވީމަ އެންމެ ނިކަމެތި މީހާއަށް ވެސް އެ ޓެކްސް ބޮޑުކުރީމައި އުފުލަން ޖެހޭ ބުރަ ވަރަށް ބޮޑު،" އާތިފް ވިދާޅުވިއެވެ.

އެފަދަ ޓެކްސްތައް ބޮޑުކުރުމަކީ އެންމެ ފަހު ފިޔަވަޅަކަށް ވާންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަނީ އެ ސަބަބަށްޓަކައެވެ.

comment ކޮމެންޓް