ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް، މިދިޔަ ހަފުތާގައި ޕޮޒިޓިވްވީ 1،134 މީހުން

ޖޫން މަހުގެ 26 ވަނަ ދުވަހާއި، ޖުލައި މަހުގެ ދެ ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 391 މީހަކު ވަނީ ޕޮޒިޓިވްވެފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން 1،134 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ 26 ވަނަ ދުވަހާއި، ޖުލައި މަހުގެ ދެ ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 391 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަތޮޅުތެރޭން 297 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން 446 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަފުތާގައި ޖުމްލަ 54 މީހަކު އެ ބަލީގައި އެނދުމަތިކޮށްފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ކޮވިޑާ ނުގުޅޭ ސަބަބުތަކެއްގައި މަރުވި 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ފާއިތުވި ހަފުތާގައި ކޮވިޑަށް ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 28 އިންސައްތަ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ކުރީ ހަފުތާގައި އެ ރޭޓު ހުރީ 35 އިންސައްތައިގައެވެ. އެގޮތުން އެ ހަފުތާގައި 1،202 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ.

މިހާތަނަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 182،720 އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 306އަށް އަރާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ އެކަމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އެދިފައިވާއިރު، ހައި ރިސްކު މީހުން ކޮވިޑް ވެކްސިނުގެ ހަތަރު ވަނަ ޑޯޒެއް ޖެހުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް