އަނބިމީހާ ބަނޑަށް ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ މީހާއަށް ދައުވާ ކޮށްފި

ށ. ފޭދޫ: އެރަށު މީހަކު ވަނީ އޭނާގެ އަނބިމީހާގެ ބަނޑަށް ވަޅިހަރާފައި --- ފޮޓޯ/ މުހައްމަދު އަފްރާހް

ށ. ފޭދޫގައި އަނބިމީހާ ބަނޑަށް ވަޅި ހެރިކަމަށް ތުހުމަތުކުރާ އޭނާގެ ފިރިމީހާއަށް ދައުވާ އުފުލައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.

ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން ބުނީ އަނބިމީހާއަށް އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައާ ގުޅިގެން ށ. ފޭދޫ ރެޑިއަމްގެ, އާދަމްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ, ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެތަނަށް އޭނާ ދިޔައިރު އަންހެން މީހާ ބަނޑުގައި އަތް އަޅައިގެން ހުރިއިރު ފިރިމީހާ ވަޅި ހިފައިގެން ކައިރީގައި ހުރިކަމަށެވެ.

އެވަގުތު ފިރިހެން މީހާގެ ބައްޕަ ހުރީ އޭނާގެ އަތުގައި ހިފައިގެން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ފިރިމީހާ އޭނާގެ ބަނޑަށް ވަޅި ހެރިކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށް ރައިސަމް ވިދާޅުވިއެވެ.

ފިރިމީހާ އެ ރޭ ހައްޔަރު ކޮށްފައި ވަނީ ވެސް އެ ގެ އިންނެވެ.

ބަނޑަށް ވަޅި ހެރީ ދެމަފިރިންގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރޭގައި ފިރިމީހާ ރުޅި ކޮންޓްރޯލް ނުކުރެވިގެން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަނބިމީހާ ގަޔަށް ވަޅި ހަރަން އުޅުނު މައްސަލައެއްގައި މީގެކުރިން ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުކުރި ނަމަވެސް އެއްވެސް ދައުވާއެއް ކޮށްފައެއްނުވެއެވެ.

ރައިސަމް ވިދާޅުވިގޮތުގައި އެ ދެ މީހުންނަކީ ވެސް އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެވެ. އެ ދެ މީހުންގެ ކައިވެންޏަށް މިހާރު 10 އަހަރު ވެދާނެއެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ނޫނީ ފަސް ދަރިން ލިބިފައިވާކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް