މޫދަށް ކުނިއެޅުމުން، ނަކައި އަލިމަތާ ރިސޯޓު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ނަކައި އަލިމަތަ ރިސޯޓް--- ފޮޓޯ/ ނަކައި އަލިމަތަ ރިސޯޓު

ވ. އަލިމަތާގައި ހިންގާ، ނަކައި އަލިމަތާ ރިސޯޓުން ކަނޑަށް ކުނި އެޅުމާ ގުޅިގެން 312,750 (ތިންލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން އެ ރިސޯޓު ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކުނިވާޒާތުގެ ކުނި އެ ރިސޯޓުން ކަނޑަށް އެޅުމަކީ، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ މިންގަނޑުތަކާ ހިލާފަށް ކުރި އަމަލެއް ކަމަށެވެ.

އެ މިންގަނޑުތަކާ ޚިލާފުވުމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން އެ ރިސޯޓު ޖޫރިމަނާ ކުރީ އިއްޔެއެވެ.

އެ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ ރިސޯޓަށް އަންގާފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުނެއެވެ.

ކުނި މެނޭޖް ކުރުމުގެ ގަވައިދުގައި، އެގަވައިދާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ކަނޑައަޅާފައިވެއެވެ. އެގޮތުން އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައި ވަނީ ކަނޑަށް ނުވަތަ މޫދަށް ކުނި އަޅާ ފަރާތްތަކަށެވެ.

comment ކޮމެންޓް