މުހިންމު ބޭންކިން މުއާމަލާތްތައް މި ހަފްތާގައި ނިންމުމަށް ބީއެމްއެލްއިން އެދިއްޖެ

ޢީދު ބަންދާ ދިމާކޮށް، މުހިންމު ބޭންކިން މުއާމަލާތްތައް މި ހަފްތާގައި ނިންމުމަށް ބީއެމްއެލްއިން ވަނީ އެދިފަ -- ފޮޓޯ/ ބީއެމްއެލް

އަޟްޙާ ޢީދު ބަންދާ ގުޅިގެން 10 ޖުލައިއިން 14 ޖުލައިގެ ނިޔަލަށް ބޭންކު ބަންދު ކުރުމަށް ނިންމާފައިވުމާއެކު މި ހަފްތާގައި މުހިންމު ބޭންކިން ޚިދުމަތްތައް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެދިއްޖެއެވެ.

ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފާ ފަދަ މުހިންމު ޚިދުމަތްތަކަކަށް ސުންގަޑި ކަނޑައެޅިފައި ވުމާއެކު އެ ސުންގަޑީގެ ކުރިން ޚިދުމަތަށް އެދި ހުށަހެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ސުންގަޑިއަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޢީދު ބަންދަށް ފަހު ދެން ބޭންކު ހުޅުވާނީ މިމަހުގެ 17އިގައެވެ.

"އަޅުގަނޑުމެން އެދެނީ ބޭންކިން މުއާމަލާތްތައް ކުރެއްވުމަށް ކަސްޓަމަރުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ޚިދުމަތް ބޭނުންކުރެއްވުން. ނަގުދު ފައިސާގެ މުއާމަލާތްކުރެއްވުމަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ،" މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

comment ކޮމެންޓް