ދިވެހިންނަށް އެންމެ މުހިންމު ހިދުމަތެއް ފޯރުކޮށްދޭ ކުޑަކުޑަ ދިރުން

ޕޮލިޕް

ދުނިއޭގައި އިންސާނުން ދިރިއުޅެމުން ދަނީ އެކި ބާވަތުގެ އެކި ސައިޒުގެ ގައުމުތަކުގައެވެ. ބައެއް މީހުން އެތައްހާސް މީޓަރު އުހުގައި އުފެދިފައި ހުރި ފަރުބަދަމަތީ ގައުމުތަކުގައި އުޅޭއިރު އަނެއް ބަޔަކު އުޅެނީ އައްސޭރިފަށުގައި އޮންނަ ބޮޑެތި ބިޔަ ގައުމުތަކުގައެވެ. ކުދި ގައުމުތަކަށް ބަލާއިރު ދުނިޔޭގެ ބިޔަ ކަނޑުތަކުގައި އުފެދިފައި ހުންނަ އެކިވަރުގެ ރަށްތަކުގައި ދިރިއުޅޭ މީހުންވެސް މަދެއްނޫނެވެ. އަހަރެމެންގެ މި ދިވެހިރާއްޖެއަކީވެސް އިންޑިއާ ކަނޑު މެދުގައި އުފެދިފައި އޮތް ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ގައުމެކެވެ. ގުދުރަތީ ގޮތުން ރާއްޖޭގައި އުފެދިފައިވާ 26 އަތޮޅަށް ބަލާއިރު ރާއްޖޭގެ އެންމެ ބޮޑު އަތޮޅަކީ ބޮޑުތިލަދުންމައްޗެވެ. އެއަށްފަހު ހުވަދު އަތޮޅެވެ. މި ހުރިހާ އަތޮޅުތަކުގައި އެކުލެވޭ ފަރުތަކާއި ރަށްތައް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ކުޑަކުޑަ ދިރޭއެއްޗެކެވެ.

ފަރުތައް އުފެދިފައި ހުންނަނީ ކަނޑުގެ ލޮނުގަނޑު ވަކި ވަރަކަށް ހޫނު ހިސާބުތަކުގައެވެ. އީކުއޭޓަރާ ކައިރި ސަރަހައްދުތަކުގައެވެ. ރާއްޖޭއަށް ބަލާއިރު ރާއްޖެ މިއޮންނަނީވެސް އީކުއޭޓަރ (ދުނިއެ ދެބަޔަށް – އުތުރު އަދި ދެކުނަށް ބަހާލާ ރޮނގު) ހިމެނޭ ޓްރޮޕިކަލް ސަރަހައްދުގައެވެ. އީކުއޭޓަރ ވަނީ ހުވަދުއަތޮޅުގެ 10.5 ނޮޓިކަލްމޭލު ދެކުނުގައެވެ. ފުވަށްމުލަކާއި އައްޑުއަތޮޅު ވަނީ އީކުއޭޓަރގެ ދެކުނުގައި (ސަދަންހެމިސްފިއަރ) ގައެވެ. އެހެންކަމުން ރާއްޖެމިވަނީ އީކުއޭޓަރ މަތީގައޭވެސް ބުނެވިދާނެއެވެ. އީކުއޭޓަރ މަތީ ހިމެނޭ، ޓްރޮޕިކަލް ކަނޑުގެ ސަރަހައްދުތަކުގެ ފިނިހޫނުމިން އެހެން މާކަނޑުގެ ސަރަހައްދުތަކާ އަޅާބަލާއިރު މައްޗެވެ. އަދި ލޮނުގަނޑުގެ ލޮނުކަމުގެ މިންވަރު (ސެލިނިޓީ) ވެސް މައްޗެވެ. މިއާ ހިލާފަށް މާކަނޑުގެ ސަރަހައްދުތައް ފިޔަވާ ކޮންމެވެސް ގޮތަކުން ބެދިފައި ހުންނަ ބައެއް ސަރަހައްދުތަކުގައި ލޮނުގަނޑުގެ ފިނިހޫނުމިނާއި ލޮނުކަން މާމަތިވެފައި ހުރެއެވެ. މިގޮތަށް ހޫނުމިން އަދި ލޮނުކަން މާމަތިވުމުން އެތަންތަނުގައި ގާ އުފެދުމަށް ހުރަސްއެޅެއެވެ.

ރާއްޖޭގެ ފަރުތައް އުފެދިފައި މިހުންނަނީ ގަލާއިމުރަކައިންނެވެ. ދުނިއޭގައި އެތައް ބައިވަރު ވައްތަރެއްގެ ގަލާއިމުރަކަ ލައްވާފައިވެއެވެ. ނަމަވެސް މިހުރިހާ ބާވަތުގެ ގަލާއިމުރަކައަކީ ފަރުތައް އުފައްދާ އެއްޗިއްސެއްނޫނެވެ. މިސާލަކަށް އެންދެރި (ބްލެކްކޮރަލް) އަދި ސޮފްޓްކޮރަލް މިއީ ފަރުތައް އުފައްދާ ބާވަތްތަކެއްނޫނެވެ. ފަރުތައް އުފެއްދުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ސްޓޯނީކޮރަލްއެވެ. ސްޓޯނީކޮރަލް ނުވަތަ ހަރުކޮށް ހުންނަ ގަލާއިމުރަކަ އުފައްދަނީ ކޮރަލް ޕޮލިޕްކިޔާ ކުޑަކުޑަ ދިރޭއެއްޗެކެވެ. މިބާވަތުގެ ޕޮލިޕް ހިމެނޭ ގަލާއިމުރަކައަކީ ކަނޑުގެ ލޮނުގަނޑުގައި ހުންނަ ތަފާތުކެމިކަލްތައް ބޭނުންކޮށްގެން ކެލްސިއަމްކާބޮނޭޓުން ތޮށިގަނޑެއް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ގަލާއިމުރަކައެވެ. މިފަދަ ގަލާއިމުރަކަ އެންމެ ފުރިހަމައަށް ހެދިބޮޑުވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އަދި ލޮނުގަނޑުގެ ލޮނުކަން ވަކިމިންވަރެއްގައި ހުންނަ ތަންތަނުގައެވެ. އެކިބާވަތުގެ ގަލާއިމުރަކަ، ލޮނުގަނޑުގެ މިބަދަލުތަކަށް ހޭނި މިފަދަ ބަދަލުތައް ބަލައިގަތުމުގެ ގާބިލުކަން ލިބިފައި ހުންނަ މިންވަރުވެސް ތަފާތެވެ. އެހެންވުމުން ފަރުތަކުގައި ފީނާއިރު ފަރުމަތީގައި އަދި ފަރުގެ ބޭރު ކައިރި ފުން ހިސާބުގައި، ތަފާތު އެކި ބާވަތުގެ ގަލާއިމުރަކަ އެކި ފުންމިނުގައި ހެދިފައި ހުންނަތަން ފެނެއެވެ.

ފަރުތަކުގައި ތަފާތުއެކި ބާވަތުގެ ގަލާއިމުރަކަ ހެދިފައިހުރޭ

ދިރޭތަކެތި ބަހާލެވިފައި މިހުންނަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ އަމިއްލަޒާތުގައި ކާނާއުފައްދާ (އޮޓޯޓްރޯފް) އަދި އެހެންއެއްޗެހި ކައިގެންއުޅޭ (ހެޓްރޯޓްރޯފް) ތަކެއްޗެވެ. ކޮރަލްޕޮލިޕް މިއީ އެހެން އެއްޗެހި ކައިގެންއުޅޭ ކުޑަކުޑަދިރޭއެއްޗެކެވެ. ކޮރަލްޕޮލިޕް ދިރިހުރުމަށް ކައިއުޅެނީ (އިންސާނުންގެ ހަމަލޮލަށް ރަނގަޅަށްނުފެންނަ)، ކަނޑުގައި އޮޔާދާ ފަނިފަކުސާ (ޕްލެންކްޓަން)އެވެ. ކޮރަލްޕޮލިޕް މިފަނިފަކުސާ އަތުލައިގަންނަނީ އެސޮރުމެންގެ އަނގައިގެ ވަށައިގެން ހުންނަ ޓެންޓަކަލްތަކެއް ބޭނުންކޮށްގެނެވެ. އޮޔާދާ ފަނިފަކުސާތައް ޓެންޓަކަލްތަކުގައި ޖެހުމުން ޕެރަލައިޒްވެއެވެ. ޕޮލިޕްގެ ޓެންޓަކަލްތަކުގައި ހުންނަ ވިހައެއްހިމެނޭ ކަށިޖަހާ ސެލްތަކެއް (ނައިޑޯބްލާސްޓް)ގެ އެހީގައި ފަނިފަކުސާތައް ޕެރަލައިޒް ކޮށްލައެވެ. އަދި އެ ޓެންޓަކަލްތަކުން، އަތުލައިގަތް ކާތަކެތި ހަލުވިކަމާއެކު އަގަޔަށް ފޯރުކޮށްދެއެވެ. ގަލާއިމުރަކަ ކާނާހޯދާ އަނެއް ގޮތަކީ ޕޮލިޕްގެ ޓިޝޫގައި އެކުލެވޭ އަލްގޭއެއް (ޒޫޒަނތަލޭ)ގެ އެހީގައެވެ. މިއަލްގޭ ގަލާއިމުރަކައަށް ބޭނުންވާ ކާނާގެ ގާތްގަނޑަކަށް %98 ފޯރުކޮށްދެއެވެ. މި އަލްގޭ ކާނާއުފައްދަނީ އިރުގެ އަލިބޭނުންކޮށްގެން (ފޮޓޯސިންތިސިސް) ނެވެ. އެހެންކަމުން ގަލާއިމުރަކަ އެންމެ ރަނގަޅަށް ހެދެނީ އިރުގެއަލި ލިބޭ ތިލަ ހިސާބުތަކުގައެވެ. ގަލުގައި ހުންނަ ރީތި ތަފާތު ކުލަތައް އަންނަނީ މިއަލްގޭއިންނެވެ.

ގިނަބާވަތުގެ ގަލާއިމުރަކައަކީ ކޮލޮނީއެއް ގޮތަށް (ބައިގަނޑަކަށް) އުފެދޭ ތަކެއްޗެވެ. މިފަދަ ދިރޭތަކެތީގައި މައިގަނޑު އެއް ޔުނިޓެއް ތަކުރާރުވެފައި ހުންނާނެއެވެ. މިސާލަކަށް ގަލެއް އުފެދިފައި ހުންނައިރު ގަލުގެ އެންމެމައިގަނޑު ޔުނިޓަކީ ޕޮލިޕެވެ. އަދި މިޕޮލިޕް ތަކުރާރުވަމުންގޮސް އެތައްސަތޭކަ އަހަރަކުން ބޮޑެތިގާއުފައްދައެވެ. މިޕޮލިޕް އޭގެވަށައިގެން، (ހުދުކުލައިގައިހުންނަ) ކެލްސިއަމްކާބޮނޭޓް ތޮށިގަނޑެއް އުފައްދާ އޭގެތެރޭގައި ހިމާޔަތްހޯދައެވެ. އަދި މިތޮށިގަނޑު ބޮޑުކުރަމުން މަޑުމަޑުން ގާ ނުވަތަ މުރަކަ އުފައްދައެވެ. އަޑިއަށް ފަށަލައެއް އިތުރުކުރާ ކޮންމެފަހަރަކު ޕޮލިޕް މައްޗަށް ޖެހިލައެވެ. އަދި ޕޮލިޕް ދެބައިވެ އިތުރުޕޮލިޕްވެސް (އޭސެކްސުއަލް ރިޕްރޮޑަކްޝަން) އުފައްދައެވެ. އެއްގަލެއްގައި އުފެދިފަހުންނަ އެތައްސަތޭކަ ޕޮލިޕް ހުންނަނީ ގަލުގެ/މުރަކައިގެ މަތީފަށަލައިން އެކެތި އަނެކެއްޗާ ގުޅިލާމެހިފައެވެ. އަދި މިހުރިހާ ޕޮލިޕެއްވެސް ކެލްސިއަމްކާބޮނޭޓް އުފެއްދުމަށް އެކުގައި މަސައްކަތްކުރެއެވެ.

ގަލާއިމުރަކަ އުފެދި ބޮޑުވާމިންވަރު (ހެދޭވަރު) ގުޅިފައިވަނީ އެގަލެއް ނުވަތަ މުރަކައެއް ގާއިމުވެފައިވާ ސަރަހައްދެއްގެ ލޮނުގަނޑާ މާހައުލުގައި ހިނގާ ކަންތައްތަކާއެވެ. މީގެތެރޭގައި އަލި ލިބޭމިންވަރު ހިމެނެއެވެ. އަލި ލިބޭ މިންވަރު ބިނާވެފައިހުންނަނީ ކަނޑުގެ ފުންމިން، ރާޅުހުންނަވަރު، އަދި ލޮނުގަނޑުގެ ސާފުކަމަށެވެ. މީގެ އިތުރުން ގާ ހެދޭވަރަށް އަސަރުފޯރުކުރާ ކަންތައްތަކުގެތެރޭގައި: ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން، ދުވާލުގެ ދިގުމިން (އިރުގެއަލިކަން ލިބެންހުންނަ ވަގުތު)، ގަލަށް ހަމަލާދީ ގަލުގެދިރުން ކައިގެންއުޅޭ އެހެން ދިރޭތަކެތި، ލޮނުގަނޑުގެ ތެރޭގައިއުޅޭ ފަނިފަކުސާ (ޕްލެންކްޓަން)، ގަލަށް ޖެހޭ ބަލިތައް އަދި ވާދަވެރި އެކިބާވަތުގެ އެހެންގަލާއިމުރަކަ ހިމެނެއެވެ. އެކިބާވަތުގެ ގަލާއިމުރަކަ އުފެދިބޮޑުވުމުގައި ތަފާތުގޮތްތައް ބޭނުންކުރެއެވެ. ބައެއްބާވަތްތައް ތުނިފަށަލައެއްގޮތުގައި ފެތުރެއެވެ. އަނެއްބައި ބާވަތްތައް އަފިތަކެއްހެން ނުވަތަ ބޮޑުކޮށް ވަށްކޮށް ހެދިފައި ހުރެއެވެ. މިހެން ތަފާތު ގޮތްގޮތަށް ހުންނަ ގަލާއިމުރަކަ، ފަރުމަތީ ހެދިފައި ހުންނަ ސަރަހައްދުތައް ވަރަށް ބޮޑަށް ކަނޑައެޅިފައި އޮންނަނީ އެފަރުގެ މަތީގައި ރާޅު ހުންނަގޮތަކަށެވެ. ވަރުގަދަޔަށް ރާޅުބިންދާ ތަންތަނުގައި މުރަކަ ޒާތުގެ ފަސޭހައިން ހަލާކުވާ ބާވަތްތައް ހެދުމަކީ ވަރަށް ނާދިރުކަމެކެވެ.

ޕޮލިޕްތައް ކެލްސިއަމްކާބޮނޭޓް ބޭނުންކޮށްގެން ގަލުގެ ފަށަލަތައް އެކުލަވާލަމުން މަޑުމަޑުން މައްޗަށް ހެދެއެވެ. މިހެންފަރުތައް ބިނާކުރާއިރު އެކިކަހަލަ ކަންކަމާގުޅިގެން ގާތައްހަލާކުވެ މަރުވެއެވެ. އަދި މަރުވާ ގާތަކުގެ މަތީގައި އާ ޕޮލިޕް ގާއިމުވެ އެތަނުގައި އާ ގަލެއް އުފެދެން ފަށައެވެ. ފަރުތައް ބިނާކުރުމުގައި ގަލުގެ އިތުރުން އެކިބާވަތުގެ ތޮށިލީ ދިރޭތަކަތި (މިސާލަކަށް - އެކިބާވަތުގެ ބޮލި، ފަސްއިނގިލި އަދި މަށި) ވެސް މުހިންމު ރޯލެއްއަދާކުރެއެވެ. އެތަކެތި މަރުވުމުން އެތަކެތީގެ ތޮށިގަނޑު ފަރުގެ ބަޔަކަށްވެއެވެ. މިގޮތަށް އެތައްހާސް އަހަރަކުން މިރާއްޖޭގައިވާ ފަދަ ފަރުތައް އުފެދެއެވެ. އަދި ފަރުތަކުގައި އުފެދޭ މާހައުލީ ނިޒާމުތަކުން ޖާގަ ހޯދައި ތަފާތު ދިރޭތަކެތި އެސޮރުމެން އުޅޭތަނެއްގެ ގޮތުގައި ފަރުތައް ބޭނުންކުރަން ފަށެއެވެ. އަދި އިސާހިތަކު މިފަދަތަންތަނުން ދުވާ ހާއްސަވަހެއް އަދި އަޑުތަކެއް އުފެދެއެވެ. ކަނޑުތެރޭގައިއުޅޭ އެހެން ދިރޭތަކެތި މި ފަރުތައް ފާހަގަކުރުމަށް ފަރުންދުވާވަސް އަދި އަޑުތައް ބޭނުންކުރެއެވެ.

ފަރުތައް ހަލާކުވުމުން އަދި ތޮށިލީ ދިރޭތަކެތި މަރުވުމުން އުފެދޭ އަކިރި އަދި ވެލި، އޮއިވަރާއި ރާޅާއެކު އެއްތަނަކަށް ޖަމާވުމުން އެތަނުގައި ފިނޮޅެއް އުފެދެއެވެ. އަދި މަޑުމަޑުން ފިނޮޅުބޮޑުވެ ގަސްހެދި ރަށަކަށް ބަދަލުވެއެވެ. އެއްކަލަ ކުޑަކުޑަ ކޮރަލްޕޮލިޕް އުފައްދާ ގަލާއިމުރަކައިން ރަށްބޮޑުވުމަށް އެހީވެއެވެ. އަދި ހަމަ ކޮރަލްޕޮލިޕް އުފައްދާ ގަލާއިމުރަކައިން (ރަށުގެ ވަށައިގެން ލެވިފައިވާތޮށި) ރަށާދިމާލަށް ކަނޑުތެރޭން އަންނަ ބިޔަރާޅުތައް މައިތިރިކޮށްލާ ރަށްގިރުން ހުއްޓުވައެވެ. އަހަރެމެން ދިރިއުޅުން ބިނާކޮށްފައިމިވާ ރަށްތައް އުފައްދާ އެރަށްތައް ހިމާޔަތްކުރުމުގައި ވަރަށް މުހިންމު ރޯލެއް މިއަދާކުރަނީ މިކުޑަކުޑަ ކޮރަލްޕޮލިޕެވެ. އަދި މިރަށްތަކުގައި ހަދާ ބިނާތައް ހެދުމަށް ބޭނުންކުރާ ވެލީގެ ބޮޑުބަޔަކީވެސް ހަމަމިކޮރަލްޕޮލިޕް އުފައްދާ ގަލާއިމުރަކައިން ނުކުންނަ އެއްޗެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް