ގަހެއްގެ އޮފިގަނޑެއް އިރައިގެން ވެއްޓި މަގުގެ ބައެއް ބަންދު ކުރަން ޖެހިއްޖެ

އަބަދަށް ފެހި މަގަށް އިރައިގެން ވެއްޓުނު އޮފިގަނޑުގެ ބައެއް --- ސަން ފޮޓޯ

އޭޑީކޭ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހ. އަބަދަށް ފެހި މަގަށްވާ ގޮތަށް ހުރި ގަހެއްގެ އޮފިގަނޑެއް އިރައިގެން ވެއްޓި ވަގުތުކޮޅަކަށް މަގުގެ ބައެއް ބަންދުކުރަން ޖެހިއްޖެއެވެ.

ވައިގަދަ ވުމުގެ ސަބަބުން މިކަން ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން "ސަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އޭޑީކޭ ހޮސްޕިޓަލްގެ ގޯތި ތެރޭގައި ހުރި ބޮޑު އޮފިއެލޭ ގަހެއްގެ އޮފިގަނޑެއް އިރައިގެން އައިސް އަބަދަށް ފެހި މަގުގެ މެދަށްވާ ގޮތަށް ވެއްޓި، މަގު ވަނީ ބަންދުވެފައެވެ.

މަންޒަރު ދުށް މީހަކު މި ނޫހަށް ކިޔައިދިން ގޮތުގައި މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވިޔަސް އޮފިގަނޑު އިރައިގެން ވެއްޓުނު ވަގުތު އެ ހިސާބުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ ބޮލުގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާއެވެ.

"އެ އޮފިގަނޑު ވެއްޓުނު ވަގުތު އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއްގެ ބޮލުގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާ. މަތިން ވެއްޓެން އަންނަ އެހާ ބޮޑު އެއްޗަކުން މީހެއްގެ ބޮލުގައި ޖެހިއްޖެ ނަމަ ހޮސްޕިޓަލަށް ނުގެންގޮސް ވަގުތުން ގެންދަން ޖެހޭނީ އާސަހަރާއަށް،" އޭނާ ކިޔައިދިނެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލޭގައި މީގެ ކުރިން ވެސް ވަނީ މަގުތަކުން ބިޔަ ގަސްތައް ވެއްޓި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާފައެވެ. އެ ހާދިސާތަކުގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާއިރު، ޓެކްސީ ތަކާއި ސައިކަލް ފަދަ މީހުންގެ އަގުބޮޑު މުދަލަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް