ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާ ފަށައިފި

މީހަކު ވިޔަފާރިކޮށްގެން ދަނީ: ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމާ މެދު ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުން-- ސަން ފައިލް ފޮޓޯ

މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީއާއި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން، ކަމާބެހޭ އެކި ފަރާތްތަކާއެކު މަޝްވަރާތައް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލައްމާން ޙަމީދު މިއަދު "ސަން"އަށް ވިދާޅުވީ ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލުމަށް އެ ކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުންތަކުގައި ދައުލަތުން ކުރިއަށް އޮތްތަނުގައި ގެނައުމަށް ވިސްނާފައިވާ ކަންތައްތަކާމެދު މަޝްވަރާކުރި ކަމަށާއި، އެކަންކަން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު "ސަން" އަށް ވިދާޅުވީ ސްޓޭކްހޯލްޑާ ބައްދަލުވުން ތަކުގެ ތެރެއިން އެ އެސޯސިއޭޝަނާ ބައްދަލުކުރި ކަމަށެވެ.

އެ ބައްދަލުވުން ތަކުގައި މަޝްވަރާކުރީ ޖީއެސްޓީ 6 ޕަސެންޓުން 8 ފަސެންޓަށް ބޮޑުކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ސަރުކާރުން މަޝްވަރާ ކުރީ ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭ އެ ބަދަލު ގެނައުމާމެދުއެވެ.

އިސްމާއިލް ވިދާޅުވީ، އެ ބަދަލަށް ތައްޔާރުވުމަށް އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަސް ބޭނުން ވާނެ ކަމަށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީއަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއެވެ. އެ ޓެކްސްތައް ބޮޑުކޮށްފިނަމަ ތަކެތީގެ އަގުތަކަށާއި ހިދުމަތްތުގެ އަގު ބޮޑުވެގެންދާނެއެވެ.

comment ކޮމެންޓް