ބާ ކައުންސިލުގެ އިންތިހާބު ބޭއްވީ ނަތީޖާއަށް ނުފޫޒު ފޯރުވޭ ގޮތަށްކަމަށް ތުހުމަތުކޮށްފި

ބާ ކައުންސިލުގެ އޭޖީެއމްގެ ތެރެއިން ގާނޫނީ ވަކީލުންތަކެއް. -- ފޮޓޯ/ބާ ކައުންސިލް

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ނަތީޖާއަށް ނުފޫޒު ފޯރުވޭ ގޮތަަށް ކަމަށް ބައެއް ވަކީލުން ތުހުމަތުކޮށްފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އިއްޔެ ބާއްވައި، ރަސްމީ ނަތީޖާ ވަނީ އިއުލާންކޮށްފައެވެ.

ފަހިވޯޓް ކިޔާ ޕްލެޓްފޯމެއް މެދުވެރިކޮށް، އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. އެ ޕްލެޓްފޯމުން ވޯޓުލުމާއެކު ވޯޓުގެ ނަތީޖާ، ވޯޓު ދިން މެންބަރަކަށް ވަގުތުން ފެނެއެވެ. އަދި ވޯޓުލުން ބަންދުކުރަންދެން ވޯޓުގެ ނަތީޖާ އިންތިހާބުގައި ބައިވެރިވި މެންބަރުންނަށާއި އެފަރާތްތަކުގެ ކެމްޕެއިން ޓީމަށް ވަގުތުން ފެންނަން ހުރެއެވެ.

ބައެއް ވަކީލުން މިއަދު "ސަން"އަށް ވިދާޅުވީ އެގޮތަށް ވޯޓުލުމުގެ ކަންކަން އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށާއި އެކަމުގެ ސަބަބުން ވޯޓުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެކަމަކީ ސީދާ ވޯޓަށް ބާރާއި ނުފޫޒު ފޯރުވާ، ވަކި ބަޔަކު އިންތިހާބު ކުރުމަށް ކުރި ކަމެއްގެ ގޮތުގައިވެސް ބައެއް ގާނޫނީ ވަކީލުން ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، ވަކީލުން ވަނީ އެ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށް ފަހުވެސް އެ މައްސަލަ ފާހަގަކުރި ކަމަށާއި ނަމަވެސް ދެވަނަ ބުރުގައި ވެސް އެކަމަށް އެއްވެސް ވަރަކަށް ބަލާފައިނުވާ ކަމަށް ބުނެފައެވެ. އަދި އިންތިހާބުގައި ވޯޓު ދޭން ދެކޮޅު ހެދީ އޭގެ ސަބަބުން ކަމަށް ބައެއް ވަކީލުން ބުންޏެވެ.

ބާ ކައުންސިލުން ބުނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް 844 އާންމު މެންބަރުން ރެޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވަނީ 402 މީހުން ކަމަށެވެ.

ބާ ކައުންސިލްގެ އެސްކޯގެ ތިން މަގާމަށް މިފަހަރު ކުރިމަތިލީ ފަސް ގާނޫނީ ވަކީލުންނެވެ. އޭގެ ތެރެއިން ކޮމިޓީގެ މެންބަރުކަމަށް އިންހާބުވެފައި ވަނީ ޢަލީ ޢަބްދުއްލަޠީފާއި ދީނާ ޙުސައިންގެ އިތުރުން ޢާއިޝަތު މުނީޒާއެވެ. އެގޮތުން ޢަލީ ޢަބްދުއްލަތީފަށް 234 ވޯޓު ލިބިފައިވާއިރު، ދީނާ ޙުސައިނަށް 241 ވޯޓު، އަދި ޢާއިޝަތު މުނީޒާއަށް 171 ވޯޓު ލިބިފައިވެއެވެ.

comment ކޮމެންޓް