ބޮޑުއީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ޗެކް ކުރަން ފަށައިފި

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

މިފަހަރުގެ އަޟުޙާ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކުކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މި ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށެވެ.

އެމްއެންޑީއެފްއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލަމުން ގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަނުންގެ އަތުގައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ނިންމައިފައެވެ.

އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން މިހާރު ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައި ޤާއިމްވެފައި ތިބޭ ކޯސްޓްގާޑު ސްކޮޑްރަންތަކުން ޢީދުބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް އެ އޮޕަރޭޝަން ދަނީ ހިންގަމުންނެވެ.

އެގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންއާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑު ސްކޮޑްރަން އަދި އެމްއެންޑީއެފް ސަދަން އޭރިއާ ފޯތު ސްކޮޑްރަންއިން އެ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރަމުން ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ އޮޕަރޭޝަން ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު ޢީދު ބަންދާއި ބޮޑު ޗުއްޓީ ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ އޮޕަރޭޝަން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

comment ކޮމެންޓް