ބޮޑު ޗުއްޓީ ފެނަށް، އެތައް ބައެއްގެ ކަންބޮޑުވުމެއް

ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އައު އަހަރަކަށް ސުކޫލުތަށް ހުޅުވި އިރެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ހަމަޖައްސާފައި އޮތުމުން ސްކޫލް ބަންދު ދުވަސްތައް ރާއްޖެއަށް އެންމެ ވިއްސާރަކުރާ އެއްދުވަސްކޮޅާ ދިމާވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީގެ ކުރިން ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ބޮޑު ޗުއްޓީ އޮންނަ އޮތުން ބަދަލުކޮށް، އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ހަމަޖައްސައި ސުކޫލުތަކުގެ ދިރާސީ އަހަރު ފެށުން މީލާދީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރެވެ.

ސަރުކާރުން ބުނީ އެ ބަދަލު ގެންނަން ޖެހުނީ ކުރިން އޮންނަ ގޮތުން ބޮޑު ޗުއްޓީ ރިސޯޓުތަކަށް އެންމެ ބުރަވާ ދުވަސްތަކަށް ދިމާވާތީ އާއި އޭގެ ސަބަބުން އާއިލާތަކަށް އެކުގައި ވަގުތު ހޭދަނުކުރެވޭތީއެވެ.

ނަމަވެސް މިހާރު ބޮޑު ޗުއްޓީއަށް ސުކޫލުތަށް ބަންދުވެފައިވާއިރު މޫސުން ގޯސްވުމާ ގުޅިގެން މި ބޮޑު ބަންދުގައި ވެސް އެއްވެސް ތަނަކަށް ދަތުރުނުކުރެވި އާއިލާތަކަށް އެއްކޮށް މަޖާކޮށްލުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން ބެލެނިވެރިން އަންނަނީ އެކި ގޮތްގޮތަށް ފާހަގަކުރަމުންނެވެ.

ފޭސްބުކާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ބެލެނިވެރިން އަންނަނީ މިހާރު ޗުއްޓީ އޮންނަ ދުވަސްވަރާ ރާއްޖޭގެ ވިއްސާރަ މޫސުމާ ދިމާވާތީ ބެލެނިވެރިންނަށާއި ކުދިންނަށްވެސް އެމީހުން ބޭނުންވާ ގޮތަށް އެކަށީގެންވާ ވަރުގެ ރަނގަޅު ޗުއްޓީއެއް ނުލިބޭ ކަމަށް ބުނަމުންނެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައި ވެސް ޖޫން ޖުލައިއަކީ އެންމެ ވިއްސާރަކުރާ ދުވަސްވަރު ކަމަށާއި މޫސުން ގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން ދަތުރުނުކުރަން މިދުވަސްކޮޅު ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރަމުންދާ ކަމަށް ބެލެނިވެރިން ބުންޏެވެ.

"ބޮޑު ޗުއްޓީގައި ދާން ބޭނުންވާތާކަށް ނުދެވި އެއްތަނެއްގައި ސްޓަކް ވެފައި ހުރުމަކީ ކުދިން އެކުދިންނަށް ލިބޭ ބޮޑު ބަންދުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ގޮތެއް ނޫން. ވިއްސާރައާ ހެދި ތާކަށް ނުއެއް ދެވޭ. އާއިލާއާ ދުރުގަ ތިބޭ ކުދިންނަށް އާއިލާއާ ދިމައެއް ނުވޭ. އެކަން ދަތި. މީ ދެރަ ކަމެއް،" ބެލެނިވެރިއަކު ކިޔާދިނެވެ.

ބައެއް ބެލެނިވެރިން ބުނަނީ ސަރުކާރުން ހުރިހާ ގޮތަކަށް ބަލާފައި ޗުއްޓީ ހަމަ ޖެއްސިނަމަ ރާއްޖެއަށް އަބަދުވެސް އެންމެ ވިއްސާރަކުރާ ދުވަސްވަރާ ދިމާކޮށް ބޮޑު ޗުއްޓީ ހަމަ ނުޖައްސާނެ ކަމަށެވެ. އަދި އެ ބަދަލު ގެނައުމުން ލިބޭ ގެއްލުން އެންމެންނަށް ވެސް ފެންނަމުންދާ ކަމަށް އެ ބެލެނިވެރިން ބުނެއެވެ.

މީގެ އިތުރުން ބޮޑު ޗުއްޓީއެއް ނިމިދާއިރު ވިއްސާރަވެގެން ރަށުން ބޭރަށް ނުދެވޭ އިރު ގެއިން ވެސް ނުނިކުމެވޭ ކަމަށާއި އެ ކުދިން ބޭނުންވާ ގޮތެއް ނޫން ކަމަށް ބެލެނިވެރިން ބުންޏެވެ.

"މިހާރު އޮތް ގޮތުން ބޭރަށް ވެސް ނިކުންނަން އުނދަގޫ ވާނެ. ކުދިންނެއް ބޭނުމެއް ނުވާނެ ރަށަކަށް ދަތުރުނުކޮށްލެވޭ ތާނގައި ގެއިން ބޭރަށް ވެސް ނުނިކުމެ ބޮޑު ޗުއްޓީ އެއް ދުއްވާލާކަށް، ދެން އަނެއްކަ އެންމެންނަަކަށް ގިނަ ލާރި ޚަރަދުކޮށްފަ މައްޗަކުން ރާއްޖޭގެ ރަށަކަށް ވެސް އަދި ބޭރު ގައުމަކަށް ވެސް ނުދެވޭނެ،" ބެލެނިވެރިއަކު ބުންޏެވެ.

ގޭގައި ކަމެއް ނުކޮށް ޗުއްޓީ ހޭދަކުރަން ޖެހުމުން ޓެކްނޮލޮޖީއާއި އިންޓަނެޓަށް ވަގުތު ދޭން ނުޖެހޭ ވަރަށް ކުދިންނަށް ވަގުތު ދެވޭތަން އަންނާނެ ކަމަށާއި މިހާރު އޮތް ގޮތަށް ޗުއްޓީ އޮތުމުން އޭގެ އަސަރުކުރާނީ އެންމެ ގޮތަކަށް ނޫން ކަމަށް ބެލެނިވެރިން ބުނެއެވެ.

އެކަމާ ގުޅިގެން ބެލެނިވެރިންގެ ޝަކުވާތައް ގިނަވެފައި މިިވަނީ މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުކުރާ މީހުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވަނިކޮށެވެ.

ދިރާސީ އަހަރު ނިންމުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ރިޕޯޓް ފޯމް ހަވާލުކޮށްފައެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ބަންދު ދިމާވަނީ ބޮޑު އީދާއި މިނިވަން ދުވަހުގެ ބަންދާ ވެސް އެކުގައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފަށާނީ އަންނަ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުއެވެ.

comment ކޮމެންޓް