ދިޔަވަރު ބޮޑު އިރު ކުޑަކޮށް އުދަ އެރި ނަމަވެސް އުދައިގެ އަސަރު ދެން ކުޑަވާނެ: މެޓު

ވިއްސާރަވެ ކަނޑުގަދަވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދުވަސްތަކުގައި ދިޔަވަރު ބޮޑު ވަގުތުތަކުގައި ކުޑަކޮށް އުދަ އެރި ނަމަވެސް އުދައިގެ އަސަރު ދެން ކުޑަ ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކަށް ވަނީ އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެން މޫސުން ރަނގަޅު ވާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑި އިރަށް ބަލާއިރު ކުޑަކޮށް ކެރީގެ އަސަރުކޮށްފާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓުން މިއަދު "ސަން'"އަށް ބުނީ އުތުރާއި މެދުރާއްޖެތެރެއަށް އާއްމުވައި، 10 މޭލާއި 20 މޭލާ ދެމެދުގައި ހުންނާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައި މަޑު ވާނެ ކަމަށާއި އެ އަތޮޅުތަކަށް ވައި ޖެހޭނީ ފަސް މޭލާއި 10 މޭލާ ދެމެދުގައި ކަމަށް މެޓުން ލަފާކުރެއެވެ.

މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަ ވާނެ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން ގދ. މަޑަވެލީގެ 98 އިންސައްތަ ގޭބީސީއަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށް އެ ރަށުގެ ކައުންސިލުން ބުނެއެވެ.

ޖެހިގެން އޮތް ހޯޑެއްދޫގެ ކައުންސިލުން ބުނީ 58 އިންސައްތަ ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، އެ އަތޮޅު ރަތަފަންދޫގެ 90އެއްހާ ގެއަށް އުދައިގައި ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މުޅި އެ އަތޮޅުން 30 އާއިލާއެއް ވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކޮށްފައެވެ.

ތ. އަތޮޅުގެ ރަށްތަކަށް ވެސް އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފައިވެއެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ އަތޮޅުގެ ތިމަރަފުށިން އެކަނި ވެސް 30 އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އެ އަތޮޅު ކިނބިދޫގެ 90 އިންސައްތަ ގެއަށް އުދައިގެ އަސަރު ކުރިއިރު، މަޑިފުށީގެ 60 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

comment ކޮމެންޓް