އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ގޯގޯ ލަތީފް ނިޔާވެއްޖެ

ގޯގޯ ލަތީފް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ--

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި, އެ ޕާޓީގެ އެއް ފައުންޑާ، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) މިއަދު ނިޔާވެއްޖެއެވެ.

ލަތީފް ނިޔާވީ ދުވަސްތަކެއް ވަންދެން ބަލި އުޅުއްވުމަށްފަހު، ރޭ މެންދަމުން އަލިވެ، 3:00ހާއިރު، ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ.

ލަތީފަކީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އެންމެ ކުރިން ފަށައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުކެވެ. އެގޮތުން އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތާއި ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރުމުގެ މަސައްކަތާއި އެދުވަސްވަރު އެ ޕާޓީން ކުރިއަށް ގެންދިޔަ އެހެނިހެން ހަރަކާތްތަކުގަވެސް ލަތީފުގެ ދައުރު ބޮޑެވެ.

ލަތީފް ނިޔާވުމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ދައުލަތުގެ ބައެއް ވަޒީރުންނާއި އަންނަނީ ތައުޒިޔާގެ ފޮނުއްވަމުންނެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެއް ފައުންޑާ މެންބަރު އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި ލަޠީފު އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާ އެކުގައި ކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތިނަދޫ މުޙައްމަދު ލަތީފަކީ އެމަނިކުފާނުގެ މުޅި ޙަޔާތުގައި ވެސް ބައްދަލުވި އެންމެ ހިތްހެޔޮ، ތެދުވެރި، ވަފާތެރި ވިސްނުންތެރި އަދި އެހާމެ ހިތްވަރު ގަދަ ބޭފުޅާ ކަމަށެވެ.

"ލަތީފަކީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮލަޔާ ދެއްވި ބައިވެރިއެއް. މާތްﷲ އެ މަރުޙޫމަށް ސުވަރުގެ މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން،" ރައީސް ނަޝީދުގެ ޓުވީޓުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް