"އައި ލަވް ޔޫ..."

މާކިން ބުނެލި ޖުމްލައިން ނައިރާގެ ހިތުގެ ހިނގުންވެސް ހީވީ މަޑުޖެހިލިހެންނެވެ. ނައިރާގެ ހަރަކާތްތައް އެކީ މަޑުވިއެވެ. މާކިންގެ އެ ޖުމްލަތައް އޭނާގެ ހިތުތެރޭގައި ރީތި ރާގެއް ކުޅުވައިފިއެވެ. އާއެކެވެ. ނައިރާވެސް މާކިންއާ ގަޔާވެއެވެ. މާކިން ކަމުދެއެވެ. މާކިން އެކުވެރިއެކޭ ބުނާ ކޮންމެ ފަހަރަކު އެ ގުޅުން އެއަށްވުރެ ކުރިއަށް އަރައިގެން ދާނެނަމައޭ ނައިރާގެ ވެސް ހިތަށް އަރައެވެ. އެ ހިތުގައި މާކިންއަށްޓަކައި އިޙްސާސްތައް އުފެދުނުތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް، އެ އިޙްސާސްތައް ފާޅުކުރަން ނައިރާ ޖެހިލުންވީ މާކިންގެ ހިތުގައި އޭނާއާ ދޭތެރޭ ވީ އެއްޗެއް ނޭނގޭތީއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން މާކިންއާ ދޭތެރޭ ދެކުން އޭނާއަށް ވެސް އިންތިހާ އުނދަގުލެވެ. މިރޭ އޭނާއަށް އެ އަޑުއިވުނީ މާކިންގެ ފަރާތުން އޭނާ އިވެން ބޭނުންވިފަދަ ޖުލްމަތަކެކެވެ. ނައިރާގެ މޫނުމައްޗަށް ލަދުވެތިކަން ވެރިވިއެވެ. އެއާއެކު އޭނާއަށް އިސްޖަހައިލެވުނެވެ. އޭރުވެސް އޭނާއަށް ހުރެވުނީ މާކިންގެ އަތުތެރޭގައެވެ.

"ނައިރާ..." މާކިންގެ އަޑު ނައިރާގެ ކަންފަތް ދޮށުގައި ޖެހުމާއެކު އޭނާއަށް އިސްއުފުލައިލަން މަޖުބޫރުވިއެވެ.

"އެއްވެސް އެއްޗެއް ނުބުނާނަންތަ؟" މާކިން ބުނެލިއެވެ. ނައިރާ އެއްޗެއް ނުބުނުމުން މާކިންގެ ހިތަށް އެނގުންވެލިއެވެ. އޭނާގެ ހިތުގައި ކޮންމެވެސް ވަރަކަށް ރިއްސައިލިއެވެ. ލޯބީގައި ނާކާމިޔާބު ވެއްޖެކަމުގައި އޭނާގެ ސިކުނޑި ވިސްނައިދޭން ފެށުމުން ހިތް މާޔޫސް ވާގޮތްވިއެވެ. މާކިން ނައިރާގެ އުނަގަނޑުން އަތް ނައްޓައިލިއެވެ. އެއަށްފަހު ދުރުބަލައިލިއެވެ.

"އައި އެމް ސޮރީ. އެކަމަކު އަހަރެން ނައިރާ ދެކެ ވަރަށް ލޯބިވޭ. ވަރަށް ގަޔާވޭ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް. އަހަރެން މި ހަޤީގަތް ހާމަނުކުރީ ނައިރާ އަހަންނާ ދޭތެރޭ ދެކޭނެގޮތެއް ނޭނގޭތީ. އަހަރެމެން ދެމީހުންގެ އެކުވެރިކަމަށް ނިމުން ގެންނަން ބޭނުންނުވީމަ." މާކިންގެ އަޑުގައިވި މަޑުމައިތިރިކަމާއި މާުޔޫސްކަން ނައިރާއަށް ވެސް ފަހުމްވިއެވެ. މާކިން އޭނާއަށް ފުރަގަސްދިނެވެ.

ނައިރާ މަޑުމަޑުން މާކިންގެ އަތުގައި ހިފައްޓައިލިއެވެ.

"އަހަންނަށްވެސް މާކް ކަމުދޭ..." ނައިރާ ބުނެލިއެވެ. ނައިރާގެ ފަރާތުން އިވުނު ޖުމްލައާއެކު މާކިންއަށް ނައިރާއާ ދިމާލަށް ބަލައިލެވުނެވެ. ހިތަށް އުފާވެރި އިޙްސާސްއެއް ވެރިވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީވެސް ބޭއިޚްތިޔާރުގައެވެ.

"އަދި އެއްފަހަރު ބުނެބަލަ!" މާކިން ސުވާލުކޮށްލިއެވެ. ނައިރާ އޭނާގެ ވާހަކަ ތަކުރާރުކޮށްލަމުން އިސްޖަހައިލުމާއެކު، މާކިން މަޑުމަޑުން އޭނާގެ ދެ އިނގިލިކުރިން ނައިރާގެ ދަތްދޮޅީގައި ޖައްސައިލުމަށްފަހު އިސްއުފުލުވައިލިއެވެ.

"އަހަރެންގެ ދެލޮލަށް ބަލާފަ ބުނެބަލަ!" މާކިން ބުނެލިއެވެ.

"އަހަރެންވެސް މާކް ދެކެ ލޯބިވެޔޭ..." ނައިރާ އެހެން ބުނެލިއެވެ. ގިނައިރު މާކިންގެ ދެލޮލަށް ބަލަހައްޓައިގެން ހުންނަން އޭނާއަށް ނުކުޅެދުމާއެކު އަނެއްކާވެސް ނައިރާ މާކިންއާ ނަޒަރު ވަކިކޮށްލިއެވެ.

"ހާދަ ރީެއްޗޭ... ލަދުގަތީމަ އަދި މާ ރީތި" ނައިރާ އިތުރަށް ލަދު ގަންނުވައިލުމުގެ ބޭނުމުގައި މާކިން ބުނެލިއެވެ. ނައިރާގެ ތުންފަތް މަތީގައިވީ ލުއި ހިނިތުންވުން މާކިންގެ ހިތުގައި ގަނޑުފެން އަޅައިދިން ފަދައެވެ. އޭނާގެ ހިތަށް ވަނީ ފިނިވެފައެވެ. ކުރިން ހުރި ހާސްކަން ފިލިއެވެ. ނައިރާ ގެނެސް އެމޭގައި ބަޮނޑިކޮށްލަން މާކިން ބޭނުންވިއެވެ. އެއީ ހާދަ ދުވަހެއްގެ އުންމީދެކެވެ. އެހާ އަވަހަށް އޭނާއަށް ނައިރާ ހާސިލް ވެދާނެކަމުގައި ފަހަރެއްގައިވެސް ވިސްނިފައިނެތެވެ.

މާކިން ނައިރާގެ އަތަށް ބާރުކޮށްލިއެވެ.

"އަހަރެން މިއަތުގައި މި ހިފަނީ ދުވަހަކުވެސް ދޫކޮށްލާކަށް ނޫން..." މާކިން ބުނެލިއެވެ. އެ އަޑުގައިވަނީ ޔަޤީންކަމެވެ. ނައިރާއަށްޓަކައި އެ ހިތުގައި ޖަހަނީ ބުނެދޭން ނޭނގޭ ފަދަ ބާރުގަދަ ވިންދެކެވެ. މާކިންއެކޭ އެއްގޮތަށް ނައިރާއަށްވެސް މާކިންގެ ހުރިހާ ސިފައެއް ކަމުދެއެވެ. އެ ފިރިހެންވަންތަ ކަމަށް އޭނާގެ ހިތް ލެނބުނުތާ ކިތަންމެ ދުވަހެކެވެ. މާކިންއަކީ ބޭރުފުށުގެ ރީތިކަމާ އެއްވަރަށް ހިތް ވެސް ސާފު ޒުވާނެކެވެ. އެހެންމީހުންގެ އިޙްސާސްތަކަށް ޤަދަރުކުރަން ދަންނަ ޒުވާނެކެވެ. މާކިންގެ ކޮންމެ އަމަލަކާ ނައިރާ ގަޔާވެއެވެ.

"އަހަރެން ވެސް..." ނައިރާ ބުނެލިއެވެ.

ޙަޔާތުގެ އާ ސަފްހާއެއްގެ ބިންގާ އެ ދެލޯބިވެރިން އެޅީ އެ ހިތްގައިމު މާހައުލުގައެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތައްވެސް އެ ދެ ޒުވާނުންނަށް މަރުޙަބާ ކިޔާފަދައެވެ. ގޮނޑުދޮށަށް ބިންދަމުން ދިޔަ ރާޅުތަކުގެ މަޑު ނާނާގެ އަޑާ އެކުވެގެން އަންނަ ވައިރޯޅިތަކުގެ ޒޫމް އަޑުން ތަނުގެ ހަމަހިމޭންކަން ކޮންމެވެސް ވަރަކަށް ފޫދުއްވާލާފައިވެއެވެ. އެ ދެ ލޯބިވެރިންގެ އަހުދުތަކާ ވައުދުތަކަށް ފަލަކުގައި ރަސްކަންކުރަމުންދިޔަ ހަނދުވެސް ހެކި ވެދޭފައެވެ. އެތައް ހާސްތަރިތަކުން އުޑުމަތި ޖަރީކޮށްލާފައިވާއިރު، ހިތްގައިމެވެ.

މާކިންގެ އެކިއެކި ވާހަކަތަކުން ނައިރާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އޭނާގެ ތުންފަތް މަތިން ހިނިތުންވުން ފިލާނުދެއެވެ. މާކިން މަޑުމަޑުން ނައިރާގެ އަތް ގެންގޮސް އޭނާގެ މޭގައި ޖައްސައިލިއެވެ.

"މީ... ހަމައެކަނި ނައިރާގެ އެއްޗެއް..." މާކިންގެ އެ ޖުމްލައާއެކު ނައިރާއަށް މާކިންގެ ދެލޮލަށް ބަަލަައިލެވުނެވެ. ދެ ވަނަ ސިކުންތުގައި މާކިންގެ މޭގައި ޖައްސާލާފައިވާ އަތަށް ބަލައިލަމުން އޭނާ އެމޭގައި ފިރުމައިލިއެވެ.

"އަހަރެން ވަރަށް ބަލައިގެން ގެންގުޅޭނަން..." ނައިރާ މަޑުމަޑުން ބުނެލިއެވެ.

އެތައް އިރަކު އެތަނުގައި ތިބެފައި ދެ ޒުވާނުން ގޮސް ކާރަށް އެރިއެވެ. ގޮނޑީގައި ހަމަޖެހިލަމުން މާކިން ލޯބިން ފުރިގެންވީ ނަޒަރަކުން ނައިރާއަށް ބަލައިލިއެވެ. ނައިރާ އިނީ ހިސާބަކަށް ލަދުގަތްފައިކަން މާކިން އަށް އެނގުނެވެ. އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

މާލެއައިސް ނައިރާ ގެއަށް ލާފައި މާކިން އައިސް ނައިޓް ބްލޫ ގޭގެގޭޓުން ކާރު ވައްދައިލިއިރު، ބޭރަށް ނުކުމެގެން އަންނަ މިޝްޔާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ކާރު ފެނުމާއެކު މިޝްޔާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައިކަން އޭނާއަށް އެނގެއެވެ.

މާކިން ކާރު ޕާކުކޮށްލާފައި އައިސް މިޝްޔާއާ އަރާ ހަމަކޮށްލިއެވެ.

"ކޮންތާކަށް ތި ދަނީ؟" މާކިން ސުވާލުކޮށްލިއެވެ.

"ބޭރަށް..." ތުރުތުރު އަޅަމުން ދިޔަ ތުންފަތް ހަރަކާތްކޮށްލުމަށްފަހު މިޝްޔާ ބުނެލިއެެވެ. މާކިންގެ ނަޒަރު މިޝްޔާގެ އަތަށް ހުއްޓުމާއެކު ތުރުތުރު އަޅަމުންދިޔަ އަތްވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ.

"މިޝޫ... ކިހިނެއްވަނީ؟" މާކިންއަށް ސުވާލުކޮށްލެވުނީ ކަންބޮޑުވުމާއެކުގައެވެ.

"ކަމެއް... ކަމެއްނުވޭ..." މިޝްޔާއަށް ވާހަކަ ވެސް ދެއްކުނީ އަޅައަޅައިގަންނަމުންނެެވެ. މިޝްޔާއަށް ވަމުންދިޔަގޮތް މާކިންއަށް އެނގެއެވެ. އޭނާ މިޝްޔާއަށް އެހީތެރިވާން ބޭނުންވިއެވެ.

"ހިނގާ އެތެރެއަށް..." މިޝްޔާގެ ކޮނޑުގައި އަތް ޖައްސައިލަމުން އޭނާގެ ގަޔާ މިޝްޔާ ކައިރިކޮށްލަމުން މާކިން ބުނެލިއެވެ. އޭނާ މިޝްޔާ އެކަނިކޮށްލާކަށް ބޭނުމެއް ނުވިއެވެ. ގަޔާ ކައިރިކޮށްލުމާއެކު މިޝްޔާގެ ހަށިގަނޑުގައި ހުރި ހޫނުކަން އޭނާއަށް އިޙްސާސްވިއެވެ.

"ތިހުރީ ހުން އައިސްފައެއްނު... ހިނގާ ބޭސް ކާން އެތެރެއަށް ގޮސް" މާކިން ބުނެލިއެވެ.

"ދޮންބޭ... މިފަހަރު... އަހަރެން.. ދިޔަ ދީ..." މިޝްޔާއަށް ބުނެވުނެވެ.

ވާގޮތެއް ބުނެބަލަ! ތުރުތުރު އަޅަނީނު މީހާ. އިތުރު އުނދަގުލެއް ވޭތަ؟ ހޮސްޕިޓަލަށް ދާންވީތަ؟" މާކިން މިޝްޔާއަށް ބަލައިލިއެވެ، މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"މިގަޑީގައި ބޭރަށް ދާނެކަމެއް ނެތޭ..." ހިނގާ އެތެރެއަށް..." މާކިން މިޝްޔާ ގޮވައިގެން އެތެރެއަށް ވަނެވެ. އޭރު ރިފްއަތުވެސް ސިޓިން ރޫމުގައި ހުއްޓެވެ.

"މާކިން ކީއްވެ އޭނަ ހިފެއްޓީ. ބުނާ ބަހެއް އަޑު އަހަނީއެއްނޫނޭ... އަދި އަހަރެންގެ އަގުވެސް ވެއްޓޭނެ އެ އުޅޭ ގޮތަކުން..." ރިފްއަތަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވުނީ މިޝްޔާ މިރޭވެސް ބޭރަށް ދާން ނުކުތީ އޭނާގެ އެއްވެސް ވާހަކައެއް އަޑުނާހާ ކަމަށްވީތީއެވެ.

"ބައްޕާ." މާކިންއަށް ރިފްއަތަށް ގޮވައިލެވުނެވެ. އެއަށްފަހު އޭނާގެ ނަޒަރު ހުއްޓުނީ މިޝްޔާއަށެވެ. މިޝްޔާ ހުރީ އިސްޖަހައިލައިގެންނެވެ. އޭރުވެސް މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. މާކިން މިޝްޔާ އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ގެންގޮސް އެނދުގައި ބާއްވައިލިއެވެ.

އެއަށްފަހު އޭނާ ބޭސް ހިފައިގެން އައިސް މިޝްޔާއަށް ބޭސް ދިނެވެ. މިޝްޔާއަށް ނިދެންދެން މާކިން އެ ކޮޓަރީގައި އިނެވެ. މިޝްޔާ ނިދާ ހަމަޖެހިލުމުން އޭނާ އަދިވެސް އެއްފަހަރު ހުން ބަލައިލިއެވެ. ހުން މަޑުވެފައިހުރުމުން އޭނާ ވެސް ކޮޓަރިއަށް ގޮސް ފެންވަރާލައިގެން އެނދުގައި ޖައްސައިލިއެވެ. އެއަށްފަހު އޭނާ ނައިރާއަށް މެސެޖްކޮށްލިއެވެ. މާކިން ނިދީވެސް އެތައް އިރަކު ނައިރާއާ ވާހަކަ ދައްކަން އޮވެފައެވެ.

*****

ނާޒިލް ކާރުގައި ނައިޓް ބްލޫގެއަށް ދާން ނައްޓައިލީ މާކިންއަށް ގުޅާފައެވެ. ކާރުގައި ފަހުގެ އިނގިރޭސިލަވައެއް ޖަހާލާފައިހުރިނަމަވެސް، ނާޒިލްގެ ސިކުނޑީގައި ދައުރުވަމުން ދަނީ މުޅިން އެހެން ޚިޔާލުތަކެކެވެ. މިޝްޔާގެ ޚިޔާލުތައް އޭނާއަށް އުނދަގޫކުރަނީއެވެ. މިޝްޔާ ޑްރަގްގެ ވަބާގެ ތެރެއަށް ވަންނަން ދިމާވީ ކީއްވެހެއްޔެވެ؟ އާއިލީ މައްސަލަައެއްގެ ސަބަބުން ހެއްޔެވެ؟ ނޫނީ ދިމާވި އެކުވެރިންތަކެއްގެ ސަބަބުންހއްޔެވެ؟ ނޫނީ ޙަޔާތުގައި ދިމާވި ހިތްދަތިކަމެއްގެ ސަބަބުންހެއްޔެވެ؟ އެކަކަށްވެސް ނޭނގޭ ހަޤީގަތެއް އެކަމުގެ އަޑީގައި ވަނީ ހެއްޔެވެ؟ ފޮރުވިފައިވާ ސިއްރެއް ވަނީހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު